ގުރައިދޫ ދާއިރާގެ ވޯޓުލާ ވަގުތު އިތުރުކޮށްފި

މިއަދު ކުރިއަށްދާ ގުރައިދޫ ދާއިރާގެ މެދަ އިންތިހާބުގައި، މޫސުން ގޯސްވުމުގެ ސަބަބުން ވޯޓު ލެވޭ މުއްދަތު އިތުރުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ބައި-އިލެކްޝަންގައި، ވޯޓުނެގުމަށް ހަމަޖެހިފައިވާ ވަގުތުގައި މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ވޯޓުލާން ދިޔުމަށް ދަތިވެފައިވާތީ، ވީހާވެސް ގިނަަބަޔަކަށް ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ވޯޓުލުމުގެ ވަގުތު 17:00އަށް އިތުރުކުރެވިފައިވާ ކަމަށެވެ.
ގުރައިދޫ ދާއިރާގެ ތިން ރަށް، ގުރައިދޫ އާއި މާފުއްޓާއި ގުޅި އަދި މާލޭގެ އިއްޒުއްދީން ސްކޫލްގައި ވޯޓު ފޮށި ބަހައްޓާފައިވާ އިރު، މިއަދު ހެނދުނު 8:30 ގައި ވަނީ ހުރިހާ ވޯޓް ފޮއްޓެއްގައި ވޯޓްލުން ފަށައިފައެވެ.
އެ ދާއިރާއަށް ވޯޓުލުމުގެ ހައްގު 3،423 މީހުންނަށް ލިބިފައިވާއިރު، މިހާތަނަށް 694 އަންހެންނާއި 689 ފިރިހެނުން ވަނީ ވޯޓް ލައިފައެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން މެންދުރު 1:00އާ ހަމައަށް ވޯޓް ލާފައިވަނީ 40 ޕަސެންޓް މީހުންނެވެ. އެއީ 1،383 މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ