ދެ އަހަރުތޭ އާ ކަރަންޓު މަޝްރޫއެއް - ނޫނީ ކަރަންޓު ކެނޑޭހާލަތަށް އައުން ގާތް

މާލެ ސަރަހައްދަށް ކޮންމެ ފަސް އަހަރަކުން ކަރަންޓު މަޝްރޫއެއް ހިންގަން ޖެހޭ. އެ އަދަދަށް މި ސަރަހައްދުގެ އާބާދީ ދަނީ އިތުރުވެ ލޯޑު ދަނީ މަތިވަމުން
ކުރިއަށް އޮތް ދެ އަހަރުތެރޭގައި މާލެ ސަރަހައްދަށް ކަރަންޓު އުފައްދަން އިތުރު ޕްރޮޖެކްޓެއް ނުހިންގައިފިނަމަ ކަރަންޓު ކެނޑޭ ހާލަތަށް އައުން ގާތް ކަމަށް ސްޓެލްކޯ އިން އަންދާޒާކޮށްފި އެވެ. 
ހަލުވިކަމާއެކު މާލެ- ހުޅުމާލޭގެ އާބާދީ އިތުރުވަމުންދާއިރު މިހާރު އެންމެ ބޮޑަށް ކުރަން ޖެހޭ މަސައްކަތަކީ އިތުރުވާ އާބާދީއަށް ކަރަންޓު އުފެއްދޭނެ ކެޕޭސިޓީ އުފެއްދުމެވެ. 
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ މިހާރުގެ ކެޕޭސިޓީން ހިފަހައްޓާލެވޭނެ ކަމަށް ބެލެވެނީ 2024 ގެ ނިޔަލަށް ކަމަށާ މިހާރުގެ ތަރައްގީހުރި ސްޕީޑަށް ބަލާއިރު 2025 ގެ ނިޔަލަށް އިތުރު 100 ކިލޯވޯޓުގެ ކެޕޭސިޓި އިތުރަށް ބޭނުންވާ ކަމަށެވެ. 
"މިހާރު ހުޅުމާލެ [50 ކިލޯވޮޓް] ގެ އިންޖީނުގެ ހުރި ސަރަހައްދާ އިންވެގެން އިތުރު މަޝްރޫއެއް ހިންގަން މިދަނީ މަސައްކަތް ކުރަމުން. ނަމަވެސް ބިން ލިބުން ލަސްވެގެންދޭ. އެހެންނަމަވެސް މިހާރު އަންދާޒާ ކުރެވެނީ 2025 ގެ ނިޔަލަށް އެ މަޝްރޫއު ނިންމައި ކަރަންޓު ދެވޭވަރު ނުވެއްޖެނަމަ ޕަވާގެ ޝޯޓޭޖެއް އައުން ގާތް،" ޝަރީފު ވިދާޅުވި އެވެ.
ހުޅުމާލޭގެ ހިޔާއަވަށުގައި އެއް ފަހަރާ 50،000 ގާތްކުރާ އަދަދަށް މީހުން ދިރިއުޅުން ވަރަށް އަވަހަށް ފަށާނެ އެވެ. އަދި ސިފައިންގެ ފްލެޓްތަކާއި އަލަށް ހަދާ ފްލެޓުތަކުގެ އިތުރުން އަލަށް ހަދާ ޓޫރިޒަމް ޒޯންގެ ސަބަބުން ވެސް ހުޅުމާލޭގެ ކަރަންޓުގެ ކެޕޭސިޓީ މަތިވެގެންދާނެ އެވެ. 
ޝަރީފު ވިދާޅުވީ ފޭސް ޓޫއަށް ވެސް އިތުރު ކަރަންޓު ކެޕޭސިޓީ އިތުރު ކުރަން ޖެހިފައިވާ ކަމަށެވެ. 
"މިކަމަ ވެސް އިތުރު ބިން ބޭނުންވޭ. މީގެ ބޭނުމަކީ ކުރިމަގުގައި ގްރިޑް ފުޅާ ވެގެންދާނެ ތިލަފުއްޓާ ހަމައަށް. އެއަށް ކޭޓާ ކުރަން ރާވަމުން މިދަނީ. އެކަމަކު މިކަމަށް ބޭނުންވާ ބިން ރަސްމީކޮށް ލިބޭ ހިސާބަކަށް އަދިނުދޭ،" ޝަރީފު ވިދާޅުވި އެވެ. 
ސަރުކާރުން އެންމެފަހުން މާލެ ސަރަހައްދުގެ ކަރަންޓު ކެޕޭސިޓީ އިތުރު ކުރަން ހިންގާފައިވަނީ ފިފްތް ޕަވާ މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 50 ކިލޯވޯޓުގެ ޖަނަރޭޓަރެއް ބަހައްޓައި ސިނަމާލެ ބްރިޖުން މާލެއާއި ހުޅުމާލެ ވަނީ ގުޅާލާފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ