ދަރަނި ރީސްޓްރަކްޗަރ ކުރުމުން ބޭރުން ފައިސާ ހޯދުމަށް ދަތިވާނެ: އަމީރު

ދަރަނި ރީސްޓްރަކްޗަރ ކުރުމުން ބޭރުން ފައިސާ ހޯދުމަށް ދަތިވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ލިޔުމުން ކުރައްވާފައިވާ ސުވާލުގެ ޖަވާބުގައި މިނިސްޓަރ އަމީރު ވިދާޅުވީ ދަރަނި ރީސްޓްރަކްޗަރ ކުރުމަކީ ރޭޓިން އެޖެންސީތަކުން ސަރުކާރުގެ ރޭޓިން ދަށްކުރާނެކަމެއް ކަމަށެވެ. އެގޮތުން ސަރުކާރުގެ ރޭޓިން ސެލެކްޓިވް ޑީފޯލްޓް ރޭޓިންއަށް ޑައުންގްރޭޑްކުރާނެކަމަށް އަމީރު ވިދާޅުވިއެވެ.
"އޭގެ ނަތީޖާއަކަށް ވެގެންދާނީ ދައުލަތަށާއި ރާއްޖޭގެ ވިޔަފާރިތަކަށް ރާއްޖެއިން ބޭރުން ފައިސާ ހޯދުން ދަތިވުން"
އަމީރު ވިދާޅުވ ދައުލަތުގެ ދަރަނި ހަމަމަގަށް އެޅުވުމަށް އެންމެ ރަނގަޅު މަގަކީ ދައުލަތުގެ ހަރަދު ކުޑަކުރުން ކަމަށެވެ. އަދި 2023އިން 2025އަށް ދައުލަތުގެ ފިސްކަލް ސްޓްރެޓެޖީ ކަނޑައަޅާފައިވާނީ މިކަންކަން ހިމަނައިގެންކަމަށް އަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން އަމީރު ވިދާޅުވީ 2021 ވަނަ އަހަރު ދައުލަތުން ނަގާފައިވާ ސީދާ ދަރަނި އަދި ގެރެންޓީ ކޮށްދީފައިވާ ދަރަނީގެ ޑެޓް ޓު ޖީޑީޕީ ރޭޝިޔޯއަކީ 118 އިންސައްތަކަމަށެވެ. އެއީ ދައުލަތުން ސީދާ ނަގާފައިވާ ދަރަނި 100 އިންސައްތަ އަދި ގެރެންޓީ ކޮށްދީފައިވާ ދަރަނި 18 އިންސައްތަކަމަށް އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ 2022 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ޑެޓް ޓު ޖީޑީޕީ ރޭޝިއޯ ހުންނާނީ 111 އިންސައްތައިގައި ކަމަށް ލަފާކުރެވޭކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ