ނައީމާ މަރާލަން ބޭނުންކުރި ހަތިޔާރު ހޯދައިފި
މިދިޔަ މަހުގެ ހަތްވަނަ ދުވަހު ނ. މަނަދޫގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގޭ ނައީމާ މޫސާ، 62، މަރާލަން ބޭނުންކުރި ތަކެތި ހޯދައިފި އެވެ. އެ މަރުގެ ތަހުގީގަށް މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވަނިކޮށް މިއަދު ކުރެއްވި ޓުވީޓެއްގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ނައީމާ މަރައިލަން ބޭނުންކުރި ދެ ތޫނު ހަތިޔާރާއި ގާތިލުން ލީ ކަމަށް ބެލެވޭ އަންނައުނު ވެސް މިހާރު ހޯދާފައިވާ ކަމަށެވެ.މިގޮތުން، ގާތިލުން ނައީމާ މަރައިލި ވަގުތު ލައިގެން ތިބި ކަމަށް ބުނާ އަންނައުނު ހުރީ ވަޅުގަނޑެއްގައި އަންދާލުމަށް ފަހު، ފަސް އަޅައި ފޮރުވާފައެވެ. ފުލުހުން އެ ތަކެތި ހޯދާފައިވަނީ އެ ތަން ހޯދައި، ކޮނެގެންނެވެ.އެ މައްސަލައިގައި ފުލުހުން މިހާރު ވަނީ ދެ ދިވެހި ޒުވާނުން ހައްޔަރު ކޮށްފައެވެ.ކޮމިޝަނަރ މުހައްމަދު ހަމީދު މިއަދު ވިދާޅުވީ މަރުގެ މައްސަލަ ތަޙްޤީޤު ކުރުމުގެ ތަޖުތިބާކާރު، އިންސްޕެކްޓަރ މުހައްމަދު ސާމިހް އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމާއި ނ.އަތޮޅުގެ ފުލުހުން، މިމަރުގެ ހަޤީޤަތް ހޯދާ އިންސާފު ޤާއިމްކުރުމަށް ކުރަމުންދާ ބުރަ މަސައްކަތް ފަޚްރުވެރިކަމާއެކު ފާހަގަކުރައްވާ ކަމަށެވެ.ނައީމާ ދިރިއުޅޭ ކޮޓަރީގައި އޭނާ މަރާލާފައި އޮއްވާ ފެނުނީ ގިނަ ޒަހަމްތަކާއެކުއެވެ. ގައިގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ގިނަ ހަމަލާތަކެއް ދީފައިވާއިރު، ޖިންސީ ގުނަވަނަށް ވެސް ހަމަލާ އަމާޒުވެފައިވާކަމަށް އަޑުފެތުރިފައިވެއެވެ. އޭނާ އި މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ހަބަރެއް ނުވާތާ ދެ ދުވަހެއް ވެގެން އެ ރަށުގެ ބައެއް މީހުންނާއެކު ފުލުހުން އެގެއަށް ވަދެ ބެލުމުންނެވެ.ފުލުހުން މީގެކުރިން ބުނީ ނައީމާ ދިރިއުޅޭ ގެއަށް ވަދެ ބެލިއިރު އޭނާ ދިރިއުޅޭ ކޮޓަރިތެރޭ ތަޅުގަނޑުމަތީގައި އަނިޔާތަކަކާއެކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. ނައީމާގެ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރެވޭތީ މަރުގެ ތަހުގީގު ކުރިއަށް ގެންދަނީ ހޮމިސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށް ފުލުހުން ބުންޏެވެ.އެގޮތުން ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހާއްސަ ތަހުގީގު ޓީމަކާއި ފޮރެންސިކް ތަހުގީގު ޓީމެއްގެ އިތުރުން ފޮރެންސިކް ޕެތޮލޮޖިސްޓެއް މަނަދޫގައި މިހާރު ހަރަކާތްތެރިވަމުންދާ ކަަމަށް ފުލުހުން ބުންޏެވެ.ނައީމާ މަރުވި އިރު އޭނާގެ އުމުރުން 62 އަހަރެވެ. ދުނިޔޭގައި ތިން ދަރިން އެބަ ތިއްބެވެ. ދެ ކައިވެންޏެއް ކުރިިއިރު، ކައިވެނިކުރި ދެ މީހުން ވެސް މިހާރު ދުނިޔޭގައި ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ