އަޅުގަނޑު ނަފްސާނީ ވާ ހިސާބަށް ކަންކަން ގޮސްފި: ޔާމީން

ރ. ފުއްގިރި މައްސަލާގައި އަމަލުކުރާ ގޮތުން ނަފްސާނީ ވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
މިހާރު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވަނިކޮށް ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތާ ގުޅިގެން އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލައެއް ވަނީ އިސްތިއުނާފްކޮށްފަ އެވެ.
އެ މައްސަލަ ނިމެންދެން ކްރިމިނަލް ކޯޓުގެ ޝަރީއަތް ހުއްޓުވުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެމަނިކުފާނު މިއަދު އެދިވަޑައިގަތުމުން ދައުލަތުން އެކަމަށް ދެކޮޅު ހެދި އެވެ.
ދައުލަތަށް ރައްދު ދެއްވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ޖަލު ހުކުމުުގެ އިސްތިއުނާފް މައްސަލަ ވެސް އޮއްވާ ފުއްގިރި މައްސަލަ ބާރު ސްޕީޑްގައި ދަށު ކޯޓުގައި ކުރިއަށް ގެންދާތީ ތައްޔާރުވާން އެކަށީގެންވާ ވަގުތު ލިބިވަޑައިނުގަންނަވާ ކަމަށެވެ.
ގިނަ އަދަދެއްގެ ހެކިންގެ ހެކިބަސް އެއް ދުވަހެއްގައި ނަގާއިރު ވަކީލުންނާ އެކަށީގެންވާ މިންވަރަށް މަޝްވަރާ ނުކުރެވޭ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އެމަނިކުފާނަށް ތަހައްމަލު ނުކުރެވޭ މިންވަރަށް ކަންކަން ގޮސްފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
"ހަމަ ތެދުދެތަށް ދަންނަވާ ނަމަ، މިހާރު މި މައްސަލަތަކުގައި ދައުލަތުން އަމަލު ކުރާ ގޮތުން ހަމަ ހަގީގަތުގައިވެސް އަޅުގަނޑު ހިތަށް އަރާ އަޅުގަނޑުގެ ނަފްސާނީ މައްސަލައެއް އުޅެނީބާއޭ. އަޅުގަނޑަށް ކޯޕް ނުކުރެވޭ ވަރަށް މިހާރު ކަންކަން މިދަނީ،" ޔާމީން ވިދާޅުވި އެވެ.
ދައުލަތުން ދެކޮޅު ހެދިޔަސް، ސުޕްރީމް ކޯޓުން މިއަދު ވަނީ ފުއްގިރި މައްސަލަ އެއް ހަފުތާއަށް މަޑުޖައްސާލަން ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރެއް ނެރެފަ އެވެ. އެ އަމުރު ނެރުނީ މާދަމާ އެ މައްސަލާގެ އަޑުއެހުމެއް ތާވަލް ކޮށްފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ