ނުފޫޒުން އެއްކިބާވެ ވޯޓުގެ ޙައްޤު އަދާކުރަން އެޗްއާރުސީއެމްގެ އިލްތިމާސް

އިންތިޚާބުތަކުގައި ނުފޫޒުން އެއްކިބާވެ ވޯޓުލުމުގެ ޙައްޤު އަދާކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗް.އާރު.ސީ.އެމްއިން އިލްތިމާސްކޮށްފިއެވެ.
އެކޮމިޝަނުން މިގޮތަށް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާ ގުޅިގެން، ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ މެސެޖުގައެވެ.
އެޗް.އާރްް.ސީއެމްގެ ރައީސް ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވީ، އިންތިޚާބުތަކުގައި ވޯޓުލުމުގައި ބައިވެރިވުމަކީ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ އަސާސީ ޙައްޤެއް ކަމަށެވެ. އަދި މި ޙައްޤު އަދާކުރުމަކީ ވެރިކަމުގެ ނިޒާމު ހަރުދަނާ ކުރުމަށް ކޮންމެ ރައްޔިތަކު އަދާކުރަންޖެހޭ އެންމެ މުހިންމު ޒިންމާއެއްކަން ޑރ. ރަމީލާ ފާހަގަކުރެއްވިއެވެ.
ޤައުމުގެ ކަންކަން ރާވާ ހިންގުމާއި މުސްތަޤުބަލު ބިނާކުރުމުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވައި، ޑރ. ރަމީލާ ވިދާޅުވީ ކޮންމެ މީހަކުވެސް ލާ ވޯޓަކީ އެމީހަކު އަމިއްލަ އިޚްތިޔާރުގައި ތިމާ ބޭނުންވާ ކެންޑިޑޭޓަކަށް ދޭ ވޯޓަކަށް ހަދަންޖެހޭކަމަށެވެ.
"ނުފޫޒެއް ނެތި، އަމިއްލަ އިޚްތިޔާރުގައި ކޮންމެ މީހަކުވެސް އެމީހަކު ބޭނުންވާ ކެންޑިޑޭޓަކަށް ދޭ ވޯޓަކަށް ހެދުމަށާއި ކެންޑިޑޭޓުންނާއި ވޯޓުލާ މީހުންގެ ޙައްޤުތަކަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް ގޮވާލަަން. މުއައްސަސާތަކުގެ މަސައްކަތްތަކަށް ހުރަސްއެޅޭ ފަދަ ހަމަނުޖެހުމެއް ނުވަތަ ފިތުނައެއް ނުއުފެއްދުމަށްވެސް އިލްތިމާސްކުރަން." ޑރ. ރަމީލާ ވިދާޅުވިއެވެ
ޑރ. ރަމީލާ ވިދާޅުވީ ވޯޓުލުމުގެ މަރުޙަލާއާއި ނަތީޖާ އިޢުލާން ކުރުމަށްފަހުވެސް، މުޖުތަމަޢުގެ މަޞްލަޙަތު އިސްކޮށް، އެކުވެރިކަމާއި އިޙްތިރާމްގެ ސިފަތައް ކުރިއަށް ނެރެންޖެހޭކަމަށެވެ. އަދި އެއްވެސް ކަމެއްގައި ދެބަސްވުމެއް އުފެދިއްޖެ ނަމަ، ޤާނޫނީ އިމުގެ ތެރެއިން ޞުލްޙަވެރިކަމާއެކު އެކަމަށް ޙައްލު ހޯދުމަށް އެޗް.އާރް.ސީއެމްގެ ރައީސް އެދިވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ