ސްޕެއިން މިޞްރު މެޗުގައި އިސްލާމްދީނަށް ފުރައްސާރަކުރުމުން ކޯޗު ކެތްތެރިކަން ކޮޅުންލައިފި
ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ސްޕެއިނާއި މިޞްރު ބައްދަލުކުރި އެކުވެރިކަމުގެ މެޗުގައި، ބައެއް ސަޕޯޓަރުންގެ ފަރާތުން ފެނުނު އިސްލާމްދީނާ ދެކޮޅު އަދި ނަސްލީ ތަފާތުކުރުމުގެ އަމަލުތައް ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުންނާއި ކޯޗު ލުއިސް ޑެލަ ފުއެންޓޭ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ބާސެލޯނާގެ އާރްސީޑީއީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށުމުގެ ކުރިން މިޞްރުގެ ގައުމީ ސަލާމް ކިޔަމުންދިޔަ ވަގުތު ބައެއް ސަޕޯޓަރުން ވަނީ އަޑުގަދަކޮށް ހުރަސްއަޅާފައެވެ. މީގެ އިތުރުން މެޗުގެ ތެރޭގައިވެސް އިސްލާމްދީނަށް ފުރައްސާރަކޮށް ގޮވާފައިވާތީ، ސްޓޭޑިއަމްގެ އެނައުންސްމަންޓް ސިސްޓަމް މެދުވެރިކޮށް އެފަދަ އަމަލުތައް ހުއްޓާލުމަށް ތަކުރާރުކޮށް ވަނީ އިލްތިމާސްކޮށްފައެވެ. ސްޕެއިން ފެޑެރޭޝަންގެ ރައީސް ރަފައެލް ލޯޒާން ވިދާޅުވީ މިފަދަ އަމަލުތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށާއި، މިއީ ތަކުރާރުވެގެންވާނެ ކަންކަން ނޫން ކަމަށެވެ. އަދި ސްޕެއިންގެ ކޯޗު ޑެލަ ފުއެންޓޭ ވިދާޅުވީ މިފަދަ މީހުންނަކީ މުޖުތަމައާ ދުރުކުރަންޖެހޭ ބައެއް ކަމަށެވެ. "މިއީ ކެތްކުރެވޭނެ ކަމެއް ނޫން. އަނިޔާވެރި ވިސްނުމުގެ މީހުން ފުޓްބޯޅަ ބޭނުންކުރަނީ އެމީހުންގެ ނުބައި މަގްސަދުތައް ފަތުރަން. އެމީހުން ދެނެގަނެ، މުޖުތަމައާ ވީހާވެސް ދުރަށް ފޮނުވާލަންޖެހޭ،" އުމުރުން 64 އަހަރުގެ ކޯޗު ވިދާޅުވިއެވެ. ސްޕެއިންގެ ކޯޗު ލުއިސް ޑެލަ ފުއެންޓޭ-- މި މެޗު ނިމުނީ 0-0 އިން ދެޓީމު އެއްވަރުވެގެންނެވެ. ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން އިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، މިޞްރުގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. މެޗުގައި ލަމީން ޔަމާލް ފިޔަވައި ކުރިން ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ކޯޗު ވަނީ 10 ބަދަލެއް ގެނެސްފައެވެ. ފެރަން ޓޮރޭޒް އަދި ޕެޑްރީއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. އަނިޔާގެ ސަބަބުން ތަރި މުޙައްމަދު ޞަލާޙް ނުކުޅުނު ނަމަވެސް، މެންޗެސްޓާ ސިޓީގެ އޮމަރު މާމޫޝް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. މެޗުގެ ފަހުކޮޅު މިޞްރުގެ ހަމްދީ ފަތުޙީއަށް ދެއްކި ރަތް ކާޑާއެކު އެޓީމު މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުއެވެ. ސްޕެއިން ދެން ނުކުންނާނީ ޖޫން މަހު އިރާގާއި ޕެރޫއާ ދެކޮޅަށެވެ. ވޯލްޑް ކަޕްގައި ސްޕެއިން ހިމެނެނީ ގްރޫޕް އެޗް ގައެވެ. އެ ގްރޫޕްގައި ހިމެނެނީ ކޭޕް ވާޑް، ސައުދީ އަރަބިއްޔާ އަދި އުރުގުއާއީއެވެ. މިޞްރު އޮތީ ބެލްޖިއަމް، އީރާން އަދި ނިއުޒީލެންޑާއެކު ގްރޫޕް ޖީ ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ