ސާނަވީ ތައުލީމު ނިންމާ ހަދާ އޯލެވެލް އިމްތިހާނު، ފަސް އަހަރަށް ފަހު ފުރަތަމަ ފަހަރަށް މި އަހަރުގެ އޮކްޓޫބަރު/ނޮވެމްބަރަށް ބަދަލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގައި އާއްމުކޮށް އޯލެވެލް އިމްތިހާނު ހަދަނީ އަހަރު ނިމޭކޮޅު އެވެ. އެކަމަކު ކޮވިޑު-19ގެ ބަލިމަޑުކަމަށް ފަހު، ތައުލީމީ ކަލަންޑަރަށް އައި ބޮޑު ބަދަލާ އެކު އޯލެެވެލް ހެދުމުގެ ޒަމާންވީ ތާރީހަށް ވެސް ވަނީ ބަދަލު އައިސްފަ އެވެ.
ކޮވިޑަށް ފަހު ސަރުކާރުން ވަނީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭ ތާރީހު އަހަރުގެ މެދުތެރެއަށް ބަދަލުކޮށްފަ އެވެ. އެކަމަކު މި ސަރުކާރުން ވެރިކަމަށް އައީ، ޒަމާނުއްސުރެ އޮތް ގޮތަށް، އާ އަހަރާ އެކު ދިރާސީ އަހަރުގެ ވެސް ކިޔެވުން ފަށާނެކަމުގެ ވައުދާއެކު އެވެ. އޭގެ އެންމެ ބޮޑު އަސަރެއް ކުރީ އޯލެެވެލް އިމްތިހާނު ހަދާ ތާރީހަށެވެ.
ތަފްސީލް - އެ ބަދަލުތަކަށް ބަލާއިރު:
ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން 2020 އަހަރުގެ އޯލެވެލް އިމްތިހާނު ފަސްވެ، ބޭއްވޭ ގޮތްވީ، 2021ގެ މެއި/ޖޫންގައި
2022 ވަނަ އަހަރުގެ އިމްތިހާނު ބޭއްވީ މެއި މަހުގެ ތެރޭގައި
އޭގެ ފަހުން އާ ސަރުކާރާ އެކު، ތައުލީމީ ކަލަންޑަރަށް ގެނައި ބަދަލުގެ ސަބަބުން ވޭތުވެ ދިޔަ ތިން އަހަރު ވެސް އޯލެވެލް އިމްތިހާނު ބާއްވާފައިވަނީ އޭޕްރީލް މަހުގެ ތެރޭގަ އެވެ.
ސަރުކާރުގެ ވައުދާ އެއްގޮތަށް ޖެނުއަރީ މަހުގެ ތެރޭގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނަމަ، އޯލެވެލްއަށް ތައްޔާރުވުމަށް ދަރިވަރުންނަށް ލިބޭނީ މަދު ދުވަސްކޮޅެކެވެ. އެހެންވެ، އެކަން ފޫބެއްދުމަށް ސަރުކާރުން، 2024 އަހަރުގެ ކުރީކޮޅު ވަނީ ގްރޭޑް އަށެއްގައި ކިޔަވަމުން އައި ކުދިންނަށް ކެމްބްރިޖްގެ މާއްދާތައް ކިޔަވައިދޭން ފަށައިފަ އެވެ. ކުރިން އެ މާއްދާތައް ކިޔަވައިދޭން ފަށަނީ ގްރޭޑް ނުވައެއްގަ އެވެ.
މިހާރު ދަރިވަރުން ކިޔަވަމުން އަންނަ ގޮތަށް ބަލާއިރު:
މިދިޔަ އަހަރު ގްރޭޑް ދިހައެއްގައި ކިޔެވި ދަރިވަރުން އޯލެވެލް ހެދީ މިދިޔަ މަހު 28ގައި
ދިރާސީ އާ އަހަރު ގްރޭޑް ދިހައެއްގައި ކިޔަވަން ފެށި ދަރިވަރުންނަށް އިމްތިހާނަށް ތައްޔާރުވުމަށް ލިބޭނީ، ބަންދު ދުވަސްތަކާއެކު އަށް މަހެއްހާ ދުވަސް
މިހާރު އޭލެވެލް އިމްތިހާނު ވެސް ކުރިއަށް ގެންދަނީ އޮކްޓޫބަރު/ނޮވެމްބަރު މަހުގެ ތެެރޭގަ އެވެ. އެހެންވެ، އަލަށް އައި މި ބަދަލާއެކު ދެ އިމްތިހާނު ވެސް ކުރިއަށް ގެންދަން ޖެހޭނީ އެއް ދުވަސްވަރެއްގަ އެވެ.
5 އަހަރަށް ފަހު، އޯލެވެލް އިމްތިހާން އޮކްޓޫބަރު މަަހަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ