އަތުން ވިޔެފައިވާ ފޭއްޔެއް ރައީސަށް ހަދިޔާ ކުރައްވައިފި

އަތްތެރިމަސައްކަތުގެ ފަންނުވެރި އާމިނަތު ގުމޭރިއާ އަމިއްލަ އަތުން ވިޔެ ތައްޔާރުކޮށްފައިވާ ދިވެހި ފޭއްޔެއް ރައީސް މުޙައްމަދު މުޢިއްޒަށް މިއަދު ހަދިޔާކުރައްވައިފިއެވެ. މި ފޭލި އެމަނިކުފާނަށް ހަދިޔާކުރައްވާފައި ވަނީ މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ. ގުމޭރިޔާ މިއަދު ހަދިޔާކުރެއްވި ދިވެހި ފޭއްޔަކީ 1932 ވަނަ އަހަރު ދިވެހިރާއްޖޭގައި ދިވެހީންގެ އާންމު ހެދުމެއްގެ ގޮތުގައި ބޭނުންކުރަމުންއައި ފޭއްޔާ އެއްގޮތަށް ތައްޔާރުކުރައްވާފައިވާ ފޭއްޔެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ. މި ބައްދަލުކުރެއްވުމުގައި، ގުމޭރިއާ ވަނީ ދިވެހި ފޭލި ވިޔުމަށް ޝައުގުވެރިކަން އުފެދިގެންއައި ގޮތާއި އިހު ޒަމާނުގައި ދިވެހި ކާބަފައިން ދިވެހި ފޭލި ވިޔެ އުޅުނުގޮތުގެ އާޖުފާޖު ދަސްކުރައްވައި، އުވެމުންދާ މި މަސައްކަތް އާލާކުރެއްވުމަށް އޭނާ ފައްޓަވާފައިވާ މަސައްކަތުގެ ތަފްސީލުތައް ރައީސާ ހިއްސާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހިންގެ ޒަމާންވީ އެކިއެކި މަސައްކަތްތަކާއި އާދަކާދަތައް ކުރިއަރުވައި އާލާކުރުމަށް އެކި ފަރާތްތަކުން ކުރައްވާ މަސައްކަތްތަކަށް ސަރުކާރުން އަބަދުވެސް އެހީތެރިކަން ދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި މި ފަންނު އާލާކުރުމަށް ގުމޭރިއާ ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާއަށް ހިތްވަރުދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ