އޭދަފުށި އަތުން މޮޅުވެ ނައިވާދޫއިން ޖެހިޖެހިގެން ދެވަނަ ފަހަރަށް ފައިނަލަށް

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ސެމީގެ ފުރަތަމަ މެޗުގައި މިރޭ އޭދަފުށި ބަލިކޮށް ގޯލްޑަންގެ ޝަރަފުވެރި ފައިނަލުގެ ފުރަތަމަ ޖާގަ ހދ. ނައިވާދޫއިން ހޯދައިފި އެވެ.
މިރޭ އޭދަފުއްޓާއި ނައިވާދޫ ބައްދަލުކުރި މެޗުން ނައިވާދޫ ކުރިހޯދީ ޕެނަލްޓީ ޖަހައިގެން އޭދަފުށި ބަލިކޮށްގެންނެވެ. 1 - 1 ން ފުރިހަމަ ވަގުތުގެ ކުޅުން ނިމުނުއިރު ދެޓީމު އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީ ޝޫޓްއައުޓް ނައިވާދޫއިން ކާމިޔާބުކުރީ 4 -3 ންނެވެ.
މިމެޗުގައި ދެޓީމުގެ ލަނޑުތައް ވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގަ އެވެ. ނައިވާދޫގެ ލަނޑު އަބްދުﷲ ޝާފިއު (ޝާއްޕެ) ކާމިޔާބުކޮށްދިންއިރު އޭދަފުށީގެ ލަނޑު އެޓީމަށް ޖަހައިދިނީ މުހައްމަދު ފާސިރު (ފާއްޓެ) އެވެ. މިމެޗުގައި ދެޓީމުގެ ފަރާތުން މޮޅު އަދި އެހާމެ ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އެވެ.
ނައިވާދޫއާ އޭދަފުށި ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ޔާމިން މުހައްމަދު (ޔާންޓެ)--- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން ފޭސްބުކް ޕޭޖް
މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމަށް ލަނޑުޖަހާނެ ފުރުސަތުތައް ލިބުނު ނަމަވެސް ކާމިޔާބުވާ ގޮތް ނުވިއިރު މިހާފު ވެގެންދިޔައީ ފައުލް ގިނަ ހާފަކަށެވެ. މެޗު ނިމުނުއިރު ދެޓީމުގެ ވެސް ފަސް ފައުލް ވަނީ ހަމަވެފަ އެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މުޅި މެޗުގެ ޓެމްޕޯ ހިފަހައްޓައިގެން ނައިވާދޫގެ ޑިފެންސްގައި މޮޅު ކުޅުމެއް ދެއްކި އެޓީމުގެ ކެޕްޓަން ޔާމިން މުހައްމަދު (ޔާންޓެ) އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފަހުރުވެރި ފައިނަލުގެ ފުރަތަމަ ޖާގަ ނައިވާދޫއިން ހޯދިއިރު ފައިނަލުގައި އެޓީމު ނުކުންނަން ޖެހޭނީ މިރޭ ކުޅެވޭ ސެމީގެ ދެވަނަ މެޗުގައި ވިލިމާލެއާއި ގއ. ދެއްވަދޫ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ނައިވާދޫ ވަނީ މިދިޔަ އަހަރުގެ ގޯލްޑަން ފައިނަލުގައި ވެސް ކުޅެފަ އެވެ. ނަމަވެސް ފައިނަލުގައި ކ. ކާށިދޫ އަތުން ބަލިވީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ