ރޭ މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގި ކެމިކަލް ގުދަން ރޫޅާލުމުގެ މަސައްކަތް ސިޓީސް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓްރީން މިރޭ ފަށައިފި އެވެ.
ވީ ކިހިނެއް؟ - ފުލޫނިޔާމަގުން، މ. ކައިރުގޭގައި ހުންނަ ޕްރައިމް ފާޓިލައިޒާ ގުދަނުގައި ރޯވީ ރޭ 10 ޖަހަން އުޅެނިކޮށެވެ. ގަސްކާނާ އާއި ކެމިކަލް ފަދަ ތަކެތި ގުދަންކޮށްފައި ހުރި އެ ތަން ރޫޅާލުމުގެ މަސައްކަތް ފެށިކަން މިރޭ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ހާމަކޮށްފަ އެވެ.
ބުނީ ކީކޭ؟ - "އާންމު ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި، ރޭގެ އަލިފާނުގެ ހާދިސާގައި އަނދައިގެންގޮސްފައިވާ ޕްރައިމް ފާޓިލައިޒާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ކެމިކަލް ގުދަން ރޫޅައި ތަން ސާފުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްއިން ފަށައިފި،" މިނިސްޓްރީން ކުރި ޕޯސްޓެއްގައި ބުންޏެވެ.
މީގެ ކުރިން ވެސް މިފަދަ އަލިފާނުގެ ހާދިސާތައް ހިނގައިގެން މިނިސްޓްރީން އެ ގެތައް ސާފުކޮށް، އާންމުންގެ ރައްކާތެރިކަމަށްޓަކައި އެ ތަންތަންް ތަޅާލާފައިވެ އެވެ.
ފާހަގަކޮށްލެވޭ - މި އަލިފާންގަނޑު ރޭ 10:49 ހާއިރު ކޮންޓްރޯލްކުރެވުނަސް، އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ފަތިހު 4:58 ހާއިރެވެ. މި އަލިފާން ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ފުލުހުން ވަނީ ހާއްސަ ތަހުގީގެއް ވެސް ފަށާފަ އެވެ.
އެންޑީއެމްއޭއިން ބުނީ އެ ހާދިސާއާ ގުޅިގެން ރޭ ދަންވަރު 2:30އާ ހަމައަށް:
15 ގެއަކުން 454 މީހުން އިވެކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީ ކުރި
އެއީ 69 އަންހެނުންނާއި 385 ފިރިހެނުން؛ އޭގެ ތެރޭގައި 203 ބިދޭސީ މަސައްކަތްތެރިން ވެސް ހިމެނޭ
ވަގުތީ ގޮތުން އެހީތެރިކަން ބޭނުންވާ 10 ގެއެއްގެ 77 މީހަކަށް އެ އޮތޯރިޓީން ވަގުތީ ބޯހިޔާވަހިކަން ވަނީ ފޯރުކޮށްދީފައި
280 ބިދޭސީންނާ އެ މީހުންގެ ވެރިފަރާތުން ވަނީ ހަވާލުވެފައި؛ 20 ބިދޭސީއަކަށް ދިވެހި ރެޑް ކްރެސެންޓުން އެހީތެރިކަން ފޯރުކޮށްދިން
ރޯވި ކެމިކަލް ގުދަން ރޫޅާލުމުގެ މަސައްކަތް މިނިސްޓްރީން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ