6 ވަނަ އޭޝިއަން ބީޗް ގޭމްސް: ހޭންޑުބޯޅަ ޓީމު ފުރަތަމަ ބަންގްލަދޭޝާ ދެކޮޅަށް

އޭޕްރީލް 21-31 އަށް ޗައިނާގައި ބާއްވާ 6 ވަނަ އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭގެ އުންމީދީ ފިރިހެން ހޭންޑްބޯޅަ ޓީމުން ފުރަތަމަ މެޗުގައި ބަންގްލަދޭޝް އާއި ބައްދަލުކުރަން ޖެހިއްޖެއެވެ.
މިއަހަރު ބީޗް ގޭމްސް ބާއްވަނީ ޗައިނާގެ، ހައިނާންގައި އޮންނަ ޝަންޔާގައެވެ. މުބާރާޓ ްކުރިޔަށް ދާނީ 21-31 އޭޕްރީލަށެވެ.
ރާއްޖެ ހިމެނެނީ ގުރޫޕް ބީގައެވެ. މި ގުރޫޕްގައި ދެން ހިމެނެނީ އޮމާން، ޕާކިސްތާން، ބަންގްލަދޭޝް، ތައިލޭންޑް، ޤަތަރު އަދި މޮންގޯލިއާއެވެ. ގުރޫޕް އޭގައި ހިމެނެނީ ހޯސްޓު ޗައިނާ، އިރާން، އިންޑިއާ، ބަހްރެއިން، ހޮންގްކޮންގ، ވިއެޓްނާމް އަދި ފިލިޕީންސްއެވެ.
ޤައުމީ ޓީމުން ދުރާލާ މި މުބާރާތަށް ތައްޔާރުވަމުން އަންނައިރު މުބާރާތުގެ ފުރަތަމަ ދުވަހު މެންދުރު 12 ޖަހާއިރު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުމަށްފަހު ހަމަ އެދުވަހު ހަވީރު 5 ޖަހާއިރު ބައްދަލުކުރަން ޖެހޭނީ އުރުދުން އާއެވެ. އެއް ދުވަހެއްގައި ދެ މެޗު ކުޅެން ޖެހުމުން ފާޑުކިއުންތައް އަންނަމުންދާ ކަމަށް ފާހަގަކޮށް ހޭންޑްބޯޅަ މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ އެއީ މިކަހަލަ ގޭމްސް ތަކުގައި އޮންނަ ގޮތްކަމަށެވެ.
"އެއީ ރާއްޖޭގައި މިއުޅޭ ބައެއް މީހުން ވަރަށް ގަބޫލު ނުކުރާ އެއްޗެއް. މީއަސްލު ގޭމްސްގައި އޮންނަ ގޮތް އެއީ. މިހާރާު މެންދުރު 12 ޖަހާއިރު ފުރަތަމަ މެޗު އޮތީ، އަނެއްކޮޅުން ހަވީރު 5 ޖަހާއިރު އަނެއް މެޗު. ވަރަށް ވަރުބަލިވާނެ. އެކަމަކުވެސް މިބުނީ އެހެންނޭ މިކަހަލަ ގޭމްސްތައް އޮންނަނީ އަސްލު. އޭގައި ކުރާނެ ކަމެއް ނޯންނާނެ ދެން މަސައްކަތްކުރަން ޖެހޭނީ" މުޖޭ ވިދާޅުވިއެވެ.
ރާއްޖެ 23 ވަނަ ދުވަހު ނިކުންނާނީ މޮންގޯލިއާއި ދެކޮޅަށެވެ. 24 ވަނަ ދުވަހު ނިކުންނާނީ އޮމާންއާއި ދެކޮޅަށެވެ. އަދި ހަމަ އެދުވަހުގެ ރޭގަނޑު ތައިލޭންޑާއި ދެކޮޅަށް ކުޅެން ޖެހޭނެއެވެ. އަރާމުކުރުމަށް ޓީމުތަކަށް 25 ވަނަ ދުވަސް ލިބޭއިރު ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި 26 ވަނަ ދުވަހު މެންދުރު ރާއްޖެ ނިކުންނާނީ ޤަތަރާއި ދެކޮޅަށެވެ.
މުޖުތަބާ ވިދާޅުވީ ރާއްޖެއިން މި ގޭމްސްގައި ރަނގަޅު ކާމިޔާބީއެއް ހޯދުމަށް އަޒުމު ކަނޑައަޅައިގެން ދުރާލާ ޕްރެކްޓިސް ކުރަމުން އަންނަ ޓީމު މުބާރާތަށް ދިއުމުގެ ކުރިން ތައިލޭންޑަށް ގޮސް އެކި ގައުމުތަކުގެ ޓީމުތަކާއެކު މެޗުތަކެއް ކުޅޭނެ ކަމަށެވެ.
ރާއްޖޭގެ ހޭންޑް ބޯޅަ ޓީމުން އަންނަނީ މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން މި މުބާރާތަށް ތައްޔާރުވަމުންނެވެ. ފަރިތަކުރުންތައް ކުރިޔަށް ގެންދަނީ ހދ. ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ޒަމާނީ ފެންވަރުގެ ހޭންޑްބޯޅަ ސްޓޭޑިއަމްގައެވެ.
ބީޗް ހޭންޑްބޯޅައިގައި ރާއްޖޭން ސަރަހައްދީ ގައުމުތަކާއެކު ވާދަކުރުމަށް ތައްޔާރުވަމުން އަންނައިރު އެންމެ ފަހުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ބައިނަލްއަގްވާމީ ބީޗް ހޭންޑްބޯޅަ މުބާރާތް ކަމަށްވާ ކޮމަންވެލްތް މުބާރާތުން ރާއްޖެ ވަނީ ލޯ މެޑަލް ހޯދާފައެވެ.
ސަންޔާ 2026 ގެ ނަމުގައި ބާއްވާ ހަވަނަ އޭޝިއަން ބީޗް ގޭމްސް މުބާރާތަކީ ކޮވިޑް 19ގެ ސަބަބުން އެކި ފަހަރު މަތިން ފަސްކޮށްފައިވާ މުބާރާތެކެވެ. މި މުބާރާތުން 14 ކުޅިވަރެއް ހިމެނޭއިރު 63 އިވެންޓު ކުރިޔަށްދާނެއެވެ. މި މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ ހައިނަން އައިލެންޑްގައި އޮންނަ ސަންޔާ ސަރަހައްދުގައެވެ. މިއީ އޭޝިއަން ބީޗް ގޭމްސް ޗައިނާގައި ބާއްވާ ދެވަނަ ސިޓީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ