ލަންކާއަކީ ރާއްޖޭގެ އެންމެ އިތުބާރުކުރެވޭ އެކުވެރިޔާ: ރައީސް

ސްރީލަންކާއަކީ ޒަމާނުއްސުރެ ރާއްޖޭގެ އެންމެ އިތުބާރު ކުރެވޭ އެކުވެރިޔާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ ސްރީލަންކާގެ 78 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް އަނޫރަ ކުމާރާ ޑިސަނާޔަކެ އާއި ބޮޑުވަޒީރު ހަރިނީ އަމަރަސޫރިޔާއަށް ފޮނުވި ތަހުނިޔާގަ އެވެ.
ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ އެންމެ ގާތް އެއް އެކުވެރިޔާގެ އިތުރުން ލަންކާއަކީ ރާއްޖޭން އެންމެ ބޮޑަށް އިތުބާރު އޮތް އެކުވެރިޔާ ކަމަށެވެ.
"އަހަރެމެންގެ ގުޅުމަކީ އެތައް ސަތޭކަ އަހަރެއް ވެފައިވާ ގުޅުމެއް. ލަންކާއާއި ލަންކާގެ ރައްޔިތުންނަށް ކުރިމަތިވާ ކޮންމެ ގޮންޖެހުމަކާ އެކު ލަންކާއާ އެކު ރާއްޖޭން އަބަދު ވެސް ދެމިއޮންނާނެ،" ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓްގައި ލިއުއްވި އެވެ.
ދެ ގައުމުން މަސްލަހަތު ހިއްސާކުރާ ދާއިރާތައް ކަމުގައިވާ ވިޔަފާރި، ތަރައްގީ އަދި ސަރަހައްދީ ހަމަޖެހުން ގާއިމުކުރުން ފަދަ ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިވަމުންދާނޭ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.
އެނގުން މުހިންމު - ކޮންމެ އަހަރެއްގެ ފެބުރުއަރީ މަހުގެ 4 ވަނަ ދުވަސް ސްރީލަންކާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، 1948 ވަނަ އަހަރު، އިނގިރޭސި އިސްތިޢުމާރުން މިނިވަންކަން ލިބުން ފާހަގަކުރުމަށްޓަކަ އެވެ.
ފާހަގަކޮށްލެވޭ - ރާއްޖޭގެ އެންމެ އިތުބާރުކުރެވޭ އެކުވެރިއަކީ ލަންކާ ކަމަށް ރައީސް ވިދާޅުވި އިރު، ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދު މި ފަހުން ވަނީ ލަންކާއިން ދިވެހިންނަށް ވިސާ ދަތިވާތީ ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ