ފްލައިދުބާއީން ފުރަތަމަ ފަހަރަށް ރާއްޖެއަށް ކާގޯ ދަތުރުތަކެއް ފަށަނީ
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ބަޖެޓް އެއާލައިން ފްލައި ދުބާއީ އިން ރާއްޖެ އަށް ފުރަތަމަ ފަހަރަށް ކާގޯ ދަތުރުތަކެއް ފަށަން ނިންމައިފި އެވެ.މިއީ ފްލައިދުބާއީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް "ކާގޯ-އިން-ކެބިން" ނުވަތަ ބޯޓުގެ ކޭބިންގައި މުދާ އުފުލާ ގޮތަށް ދަތުރުތައް ބާއްވާ ފުރަތަމަ ފަހަރެވެ.މިކަން ހާމަކުރެއްވީ ފްލައިދުބާއީގެ ރާއްޖޭގެ އެޖެންޓް، އޭސް އޭވިއޭޝަން ސާވިސަސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގެވެ. އޭނާ ވިދާޅުވި ގޮތުގައި، ދުބާއީގެ އަލް މަކްތޫމް އިންޓަނޭޝަނަލް އެއާޕޯޓު (ޑީޑަބްލިއުސީ) އިން މާލެއަށް ކުރާ މި ދަތުރުތައް ފެށުމަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އިއްޔެ ވަނީ ހުއްދަ ދީފައެވެ.މަތިންދާބޯޓުގެ ކެބިން އަށް މުދާ ބަރުކޮށްގެން ކުރާ "ކާގޯ އިން ކެބިން" ދަތުރުތައް ކުރާނީ އޭނާ ވިދާޅުވި ގޮތުގައި މި މަހުގެ 29 ވަނަ ދުވަހާ ހަމައަށެވެ. އެ ދަތުރުތައް ފަށަން ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަ ދިނީ އިއްޔެ ކަމަށް ވެސް ފިރާގު ވިދާޅުވި އެވެ."ގޮންޖެހުން ބޮޑު މި ވަގުތުގައި ފްލައި ދުބާއީގެ މި އިސްނެގުން އަޅުގަނޑުމެން ޝުކުރުވެރިކަމާ އެކު ބަލައިގަންނަން،" ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ފިރާގު ވިދާޅުވި އެވެ.ފްލައިދުބާއީއަކީ ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ދަތުރުތައް ކުރަމުން އަންނަ އެއާލައިނެކެވެ. އޭސް އޭވިއޭޝަން ސާވިސަސް މޯލްޑިވްސްއިން އަންނަނީ ރާއްޖޭގައި ފްލައިދުބާއީގެ އޮޕަރޭޝަންތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ކާގޯ ދަތުރުތައް ފެށުމަކީ ދެ ގައުމުގެ ދެމެދުގައި އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެއް ކަމަށް އެ ކުންފުނިން ދެކެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ