ނަސީބަކީ ނިދާފައި އޮއްވައި ވެސް އަތުގައި ހިފާފާނެ ކަހަލަ ދޯދިޔާ އެއްޗެއް ކަމަށް ކުރިން ހިއެއް ނުކުރަމެވެ. އަޅުގަނޑު ހިތައިގެން ހުރީ ނަސީބު އަތުގައި ހިފަނީ އެކަމަށް ބޭނުންވުމާއެކު، ރަނގަޅު މަގުން މަސައްކަތް ވެސް ކޮށްގެން ކަމަށެވެ. މާވަހަރު ހޮވާ މީހާއަށް ވެސް އެ މާވަހަރު ފެންނަނީ އޭނާ ގޭގައި ނިދަން އޮއްވައެއް ނޫނެއް ނޫންހެއްޔެވެ؟ މާ ފަތިހާ ހޭލައިގެން ގޮނޑުދޮށަށް ދިޔަ ދިއުމަކީ އޭނާގެ މުރާލިކަމެވެ. ފެނުނު މާވަހަރަކީ އެ މުރާލި ކަމުގެ ނަތީޖާ އެވެ. އެކަމަކު މިމަހުގެ ފަސް ވަނަ ދުވަހަށް ރާއްޖޭގެ މުޅި އާބާދީ ހޭލިއިރު ނަސީބު އޮތީ އަތުގަ ހިފާފަ އެވެ. އަޅުގަނޑުމެން އެންމެންނަށް މި ތިބެވުނީ ރިސޯޓު އޯނަރުންނަށް ވެވިފަ އެވެ. އެންމެ ރިސޯޓެއް ވެސް ނޫނެވެ. ދިހަ ރިސޯޓެވެ. އެކަކު އަނެކަކަށް މަރުހަބާ ކިޔައި އުފާފާޅުކުރަމުން އެދަނީ ވީ އުފަލެއްގެ ބޮޑުކަމުން ހޭބަލިވިއްޔޭ މީހަކު ހިތާފާނެ ވަރަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިއްޔެ އެ އިއްވެވި ރިޔާސީ ބަޔާނުގައި އެ އިއުލާނު ކުރެއްވީ އާދައިގެ ސިޔާސަތެއް ނޫނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުން 10 ރިސޯޓު ތަރައްގީކޮށް، ކޮންމެ ދިވެއްސަކީ އުފަންވުމާއެކު އެ ތަންތަނުގެ ހިއްސާދާރުންނަށްވެ، ކޮންމެ ރައްޔިތަކަށް އަހަރަކު މަދުވެގެން 400 އެމެރިކާ ޑޮލަރު ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަވާނެ އެވެ. މި ރިސޯޓުތަކުގެ ހިއްސާދާރަކަށް ވުމަށް ފޯމެއް ފުރާކަށް ނުޖެހޭނެ އެވެ. އަދި އެއްވެސް އިންވެސްޓްމަންޓެއް ކުރާކަށް ވެސް ނުޖެހެ އެވެ. ހަމައެކަނި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އޮތީމާ ފުދެ އެވެ.
ބަލާބެލުމަށް މިއީ ސަރުކާރެއްގެ ދީލަތި، އަދި ދުރުވިސްނޭ ސިޔާސަތެއް ކަމަށް ފެނުނު ކަމުގައި ވިޔަސް، މިކަމާ މެދު ފުންކޮށް ވިސްނާލުމުން މީގެ ހަގީގަތް ބޮޑުތަނުން ތަފާތެވެ. މި މަޒުމޫނުގައި ބަހުސްކުރާން މިއުޅެނީ، ރައީސްގެ މި ވައުދަކީ ކޮންމެ ގޮތަކުން ބެލިޔަސް އަދި ކޮންމެ ސަބަބަކަށްޓަކައި ވިޔަސް، މުޅިން ގޯސް ވައުދެއް ކަމުގެ މައްޗަށެވެ. އޭގެ ސަބަބުތައް މި މަޒުމޫނުގައި ތަފުސީލުކޮށްދީފައިވާނެ އެވެ. ފުރަތަމަ ކަމަކަށް މިއީ މާލީ ގޮތުން ކުރެވޭނެ ކަމެއް ނޫނެވެ. މިއީ އިގްތިސާދީ ގޮތުން ހަގީގަތާ ހިލާފު، ގާނޫނީ ފަލްސަފާތަކާ ފުށުއަރާ، އަދި އެއްވެސް މާނައެއްގައި އިހުލާސްތެރިކަމެއް ނެތް، ބޮޑުވެގެންވާ އޮޅުވާލުމެކެވެ. ހަމައެކަނި އެޔެއް ނޫނެވެ. މި ދޯހަޅި ވައުދުގެ ސަބަބުން ފަތުރުވެރިކަމުގެ މާކެޓުގެ އިތުބާރު ގެއްލި، ޑިމޮކްރެސީގެ ޒިންމާދާރުކަން ވެސް ނެތިކޮށްލާނެ އެވެ.
ރާއްޖެއަކީ އާބާދީގެ ނިސްބަތުން ބަލާއިރު މި އޭޝިއާގައި ވެސް ތައުލީމީ މީހުން އެންމެ ގިނަ ގައުމު ކަމަށް ވާނެ އެވެ. މިކަހަލަ ތައުލީމީ ރައްޔިތުންގެ ކުރިމަތީގައި ވެސް މި ޒާތުގެ ވާހަކަ ދައްކާން އެއްވެސް ޖެހިލުމެއް ނުވާކަމީ ހައިރާނެކެވެ. މިކަހަލަ ބުހުތާން ހެދުމަކީ ކިހިނެއް، ކޮން ގޮތަކަށް އުޅެގެން އިންސާނަކަށް މިންވަރު ކުރައްވާ ގާބިލިއްޔަތުކަމެއްތޯ އެއީ ދިރާސާ ކުރަންޖެހިފައި އޮތް ކަމެކެވެ.
ރިސޯޓެއް ހަދާލުމަކީ އެހައި ފަސޭހަ ލުއިލުއި މަސައްކަތެއް ނަމަ ކޮންމެ ޔަހުޔާއަކާއި އަންމަކަޅޭއަކާއި ޕައްލަމްބޭއެއް ވެސް އުޅޭނީ ރިސޯޓު ހަދައިގެން ނޫންހެއްޔެވެ؟ އެއީ އަގުބޮޑު މަސައްކަތެކެވެ. ދިވެހިރާއްޖޭގައި ރިސޯޓެއް ތަރައްގީ ކުރުމަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ ބޮޑު ރައުސްމާލެއް ބޭނުންވާ އެއް މަސައްކަތެވެ. އާދައިގެ އަންދާސީ ހިސާބުތަކަށް ބަލާއިރުވެސް، ލަގްޒަރީ ވިލާއެއް ބިނާކުރުމަށް ގާތްގަނޑަކަށް 500,000 އެމެރިކާ ޑޮލަރު ހޭދަވެ އެވެ. އެހެންކަމުން، 100 ވިލާގެ ނިސްބަތުން ރަނގަޅު ރިސޯޓެއް ބިނާކުރުމަށް އެކަނިވެސް މަދުވެގެން 50 މިލިއަން އެމެރިކާ ޑޮލަރު ބޭނުންވާނެ އެވެ. މީގެ ތެރޭގައި ރަށުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ އެކުއިޒިޝަން ކޮސްޓާއި، މުވައްޒަފުންގެ އެކަމަޑޭޝަނާއި، ކަރަންޓާއި ފެން އުފައްދާ ނިޒާމުތަކާއި، ކުނި މެނޭޖުކުރުމުގެ ނިޒާމާއި، ތިމާވެށީގެ ގެއްލުންތައް ކުޑަކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ އިތުރުން ބަނދަރާއި ލޯނުގެ އިންޓްރެސްޓާއި ރިސޯޓު ހުޅުވުމުގެ ކުރިން ހިނގާނެ އެހެނިހެން ހަރަދުތަކެއް ނުހިމެނެ އެވެ. އަމަލީ ގޮތުން ބަލާއިރު، ކޮންމެ ރިސޯޓަކަށް ގާތްގަނޑަކަށް 60 އާއި 70 މިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދެއް ހޭދަވާނެ އެވެ. އެހެންކަމުން، މިފަދަ ދިހަ ރިސޯޓު ތަރައްގީ ކުރާނަމަ، ޖުމްލަ އިންވެސްޓްމަންޓް 700 އާއި 800 މިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދެއް ބޭނުންވާނެ އެވެ. މިއީ ތޯތޯ ހިސާބުތަކެއް ނޫންކަން ފަތުރުވެރިކަމުގެ ސިނާއަތުގައި ހޭކިލާފައި ހުރި މީހަކަށް ވެސް ސާފުވާނެ އެވެ.
މިއީ ހަމަ ޔަގީނުން ވެސް ދިމްޔާތު ގެސްޓްހައުސްއިން ނެރެވޭނޭ އަދަދުތަކެއް ނޫނެވެ. މިވަރުގެ ބޮޑު ފައިސާގެ އަދަދެއް އެއްފަހަރާ ދޫކުރާ ވަރުގެ މާލީ ގާބިލުކަން ހުރި ބޭންކެއް ރާއްޖޭގައި އެބަހުރިބާ އެވެ. ރާއްޖޭގެ ބޭންކުތަކުން މިހާރުވެސް ވަނީ ފަތުރުވެރިކަމުގެ ސިނާއަތަށާއި ދައުލަތުގެ ދަރަންޏަށް، އެ ބޭންކުތަކަށް ކުޅަދާނަ ނޫން މިންވަރަށް ފައިސާ ދޫކޮށްފަ އެވެ. ދެން ކާގިލްއާ ދިމާއަށް ދުއްވައިގަންނަން ބަލާއިރު އެއީކީ ދިވެހިންގެ ބޮޑުބޭބެ އެއް ނޫނެވެ. ވާރލްޑުބޭންކާއި އެ ނޫން ބޭންކު ތަކުގައި ތިބީކީ ވެސް ކޮހުންނެއް ނޫނެވެ. ތިމާވެށީގެ ނުރައްކާ އޮތް ކުޑަ ޖަޒީރާ ގައުމެއްގައި، ސަރުކާރުގެ ކޮންޓްރޯލް އޮންނަ ފަތުރުވެރިކަމުގެ މަޝްރޫއުއަކަށް އެ ބޭންކުތަކުން ފައިސާ ދޫކުރުމަކީ ނާދިރު ކަމެކެވެ. ހާއްސަކޮށް، ލިބޭ އާމްދަނީ ވިޔަފާރީގެ ދެމެހެއްޓެނިވިކަމަށް ހޭދަކުރުމުގެ ބަދަލުގައި، ސިޔާސީ ބޭނުންތަކަށް ބެހުމަށް ގާނޫނީ ގޮތުން ކަނޑައެޅިފައިވާ ހާލަތެއްގައި އެފަދަ އިންވެސްޓްމަންޓެއް އަމުދުން ނުލިބޭނެ އެވެ.
އެހެންވީމާ، ރައީސް މި ވިދާޅުވި ދިހަ ރިސޯޓު ވުޖޫދަށް އައުމަކީ ރަސްމާލެ ބިއްލޫރި ޓަނަލް ފަދަ ހިޔާލީ މަޝްރޫއުއެކެވެ. ފެށުމުގައި ވެސް މިއޮތީ ފޭލިވެފަ އެވެ. އެކަމަކު އަދި ހުއްޓައިނުލައި ކިޔާށެވެ. ރައީސްގެ މި ހިޔާލު ގޯސްވާ މި ނޫން ސަބަބުތައް ވެސް އެބަހުއްޓެވެ.
ރައީސަކީ މޮޅު ބޭފުޅެކެވެ. ފަލްސަފީ އިލްމާ ޖެހެންދެން ވިލާތުން ސިވިލް އިންޖިނިއަރިންގގެ ދާއިރާއިން އުނގެނިފައި ހުރި މޮޅު ބޭފުޅަކު އެހެން ވިދާޅުވީމާ އަޅުގަނޑު ކަހަލަ ގޮފަޅުންނަށް ޖެހޭނީ އެ ވާހަކަ ގަބޫލުކުރާން ނޫންހެއްޔެވެ؟ އެހެންވީމާ ރައީސް މޮޅުފުޅުކަމުން ކޮންމެވެސް ގޮތެއް ހޯއްދަވައިގެން އެ ރިސޯޓުތައް ތަރައްގީކުރައްވާނެ ކަމަށް ވެސް ބަލަމާ ހިނގާށެވެ. އެކަމަކު ރިސޯޓެއް ހަދާލާއިރަށް އެ ދެން ހުރިހައި ކަމެއް ހަމަޖެހުނީ ކަމަށް ދެކޭ އެއްވެސް އިލްމެއް މި ދުނިޔެމަތީގައި ނެތްކަން ގައިމެވެ. އެ ރިސޯޓުތަކުން މެދުނުކެނޑި އެކަށީގެންވާ ފައިދާއެއް ލިބޭނެ ކަމަށް ކުރާ އުންމީދަކީ ވެސް ހަގީގަތާ އެހާމެ ދުރު ކަމެކެވެ.
ފަތުރުވެރިކަމަކީ އަބަދުވެސް ފައިދާ ލިބޭނެކަމުގެ ޔަގީންކަން އޮތް ސިނާއަތެއް ނޫނެވެ. އަޅުގަނޑު ބުނީތީ ގަބޫލުނުކުރާނަމަ މީރާގެ ރިކޯޑުތައް ބަލާބަލާށެވެ. ސިވިލް ކޯޓުގެ ގަޒިއްޔާތަކުގެ ތާވަލު ބަލާށެވެ. ދައުލަތަށާއި އެކިފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކިގެން އުޅޭ ރިސޯޓު އޯނަރުން މަދެއް ނޫނެވެ. ރިސޯޓަކީ ހުރިހައި މައްސަލައަކަށް އުފާވެރި ނިމުން ގެނެސްދޭ ޖާދުވީ ފަރުވާއެއް ނޫނެވެ.
ރިސޯޓުތައް ހިންގަން މިޖެހެނީ ދުނިޔެއަށް ކުރިމަތިވާ ބަލިމަޑުކަމާއި، އިގުތިސާދީ ހީނަރުކަމާއި، ސިޔާސީ ހަލަބޮލިކަމާއި، މޫސުމީ ބަދަލުތަކުގެ އިތުރުން ދަތުރުފަތުރުގެ އާދަކާދަތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން އަބަދުވެސް ލޮޅުންތައް އަރާ މާހައުލެއްގަ އެވެ. މިފަދަ ތަންތަން ހިންގުމަށްޓަކައި މެދުނުކެނޑި އިންވެސްޓް ކުރަންޖެހޭއިރު، ކޮންމެ ހަތް އަހަރަކުން ނުވަތަ ދިހަ އަހަރަކުން ބޮޑެތި މަރާމާތުތައް ކުރަންޖެހެ އެވެ. މުވައްޒަފުންގެ ހަރަދާއި، މުދާ އުފުލުމުގެ ހަރަދާއި، އިންޝުއަރެންސް ޕްރީމިއަމްތަކާއި، ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އިލްތިޒާމްތަކަކީ މި ވިޔަފާރީގެ ތެރޭގައި ދާއިމީކޮށް ހިނގާ އަދި ދުވަހުން ދުވަހަށް އިތުރުވަމުންދާ ހަރަދުތަކެކެވެ.
ރާއްޖޭގައި އެންމެ ކާމިޔާބުކަމާއެކު ހިންގާ ރިސޯޓުތަކަށް ވެސް މާލީ ގޮތުން ދަތި އުނދަގޫ އަހަރުތަކާ ކުރިމަތިވެ އެވެ. ފައިސާގެ ދަތިކަން ކުރިމަތިވުމަކީ މަދު ފަހަރަކު ދިމާވާ ކަމެއް ނޫނެވެ. އެއީ ފަތުރުވެރިކަމުގެ ވިޔަފާރީގެ ތަބީއަތުގައި ހިމެނޭ ކަމެކެވެ. ގާނޫނީ ދާއިރާގެ ތަޖުރިބާއަށް ބަލާއިރު، އިގްތިސާދީ ހީނަރުކަމުގެ ވަގުތުތަކުގައި ސަލާމަތްވުމަށްޓަކައި މުވައްޒަފުންނަށް މުސާރަ ނުދެވިގެންނާއި، ލޯނުތައް އަލުން ތާވަލުކުރަން ޖެހިގެން ނުވަތަ މަރާމާތުގެ މަސައްކަތްތައް ފަސްކުރަން ޖެހިފައިވާ ރިސޯޓުތައް އާންމުކޮށް ފެނެ އެވެ.
އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުން ރާއްޖޭގައި އުޅޭ ދިވެހިންގެ އަދަދަކީ ތިންލައްކަ އަށްޑިހަ ފަސްހާހެވެ. އޭގެ ފަހަށް މި ވެއަތުވެ ދިޔަ ހަތަރު އަހަރެއްގެ ތެރޭގައި ރައްޔިތުން މުރާލިވެ، ކަމަށް ކަމޭހިތައިގެން ކަމާވެގެން އުޅެފައި ހުރިނަމަ މިހާރު އާބާދީ ގާތްގަނޑަކަށް ހަތަރުލައްކައަށް އަރާނޭ ކަމަށް ބަލަމާ ހިނގާށެވެ. ރައްޔިތުންގެ ތެރެއިން ކޮންމެ މީހަކަށް އަހަރަކު މަދުވެގެން 400 އެމެރިކާ ޑޮލަރު ކަށަވަރުކޮށްދިނުމަށްޓަކައި، ކޮންމެ އަހަރަކު އެ ދިހަ ރިސޯޓުން ޖުމުލަ 160 މިލިއަން ޑޮލަރުގެ ސާފު ފައިދާ ބޭނުންވެ އެވެ. މިއީ ކޮންމެ ރިސޯޓަކުން ސޯޅަ މިލިއަން ޑޮލަރުގެ ސާފު ފައިދާ އެވެ. މިއީ ހަމައެކަނި ލިބޭ އާމްދަނީއެއް ނޫނެވެ. މިއީ ހުރިހާ ހަރަދުތަކަކާއި، އިންވެސްޓްމަންޓްތަކާއި، ކުއްލި ހާލަތްތަކަށް ބަހައްޓާ ފައިސާ ކެނޑުމަށްފަހު ބާކީވާ "ސާފު ފައިދާ" އެވެ. މިވަރުގެ ސާފު ފައިދާއެއް އަހަރެއްގެ މައްޗަށް ނެރެވޭ ރިސޯޓެއް މި ދިވެހިރާއްޖޭގައި ނެތްކަން އެންމެ ރަނގަޅަށް ސާފުވާންޖެހޭނީ ސަރުކާރަށެވެ.
އެ ވިދާޅުވާ ދިހަ ރިސޯޓަކުން މިފަދަ ބޮޑު މަންފާއެއް މެދުނުކެނޑި ލިބޭނެ ކަމަށް ބެލުމަކީ އުންމީދީ ވިސްނުމަކަށްވުރެ ބޮޑަށް، ފަތުރުވެރިކަމުގެ އިގްތިސާދު ހިނގާ ގޮތް އަސާސީ ގޮތުން އޮޅުންނުފިލާ ކަމުގެ ހެއްކެކެވެ.
މި ހުށަހެޅުމުގައި އޮތް އަނެއް އުނިކަމަކީ "ހިއްސާދާރަކަށްވުން" މާނަކޮށްފައިވާ ގޮތެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައިވާ ގޮތުން، މި ރިސޯޓުތަކުގެ ހިއްސާދާރަކަށްވުމަކީ އުފަންވުމާއެކު ލިބިދޭ ހައްގެކެވެ. ކޮންމެ ދިވެހި ރައްޔިތަކީ، އެމީހަކު ބޭނުންވިޔަސް ނުވަތަ ނުވިޔަސް، އަމިއްލަޒާތުގައި ހިއްސާދާރަކަށް ވެގެންދާނެ އެވެ. ހިއްސާދާރަކަށް ވުމަށްޓަކައި އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެ އެވެ. އެއްވެސް އިންވެސްޓްމަންޓެއް ކުރާކަށް ނުޖެހޭނެ އެވެ. ހަމައެކަނި ދިވެހި ރައްޔިތެއްގެ ގޮތުގައި އުފަންވުމުން ވަގުތުން ހިއްސާގެ މިލްކުވެރިކަން ލިބިގެންދާނެ އެވެ. ކޮންމެ ދިވެހި ދަރިޔަކު އުފަންވާނީ ވެސް 'ރިހިސަމުސާ ހިފައިގެންނެވެ.' ރައީސްގެ މި ވާހަކައިން އެކަނިވެސް، މި ހުށަހެޅުމުގައި އެއްވެސް އަސާސެއް ނެތްކަން ހާމަވެ އެވެ. އަދި މިއީ އެމަނިކުފާނު މިކަމާމެދަށް ގާނޫނީ މަޝްވަރާ ވެސް ކުރައްވާފައި ނެތް ހުށަހެޅުމެއްކަން ސާފުވެ އެވެ.
ގާނޫނީ އަދި އިގުތިސާދީ ނަޒަރަކުން ބަލާއިރު، ހިއްސާދާރަކަށްވުމަކީ ދެފަރާތުގެ ރުހުމާއެކު އުފެދޭ ގާނޫނީ ގުޅުމެކެވެ. މީގެ މާނައަކީ އަމިއްލަ އިހުތިޔާރުގައި އެކަމުގައި ބައިވެރިވުމާއި، ވިޔަފާރީގައި ކުރިމަތިވެދާނެ ނުރައްކަލާއި ގެއްލުމުގެ ޒިންމާ ވެސް އުފުލުމެވެ. އެންމެ ކުޑަ މިންވަރަކަށް ހިއްސާ ގަންނަ މީހަކުވެސް އެކަން ކުރަނީ އަމިއްލަ އިހުތިޔާރުގައި އިންވެސްޓްކޮށްގެންނެވެ. މިއާ ހިލާފަށް، ރައީސްގެ ހުށަހެޅުމުގައި ބުނާ ހިއްސާދާރުންނަކީ، ހިއްސާ ގަތުމަށްޓަކައި އިންވެސްޓެއް ކުރަން ނުޖެހޭ، ހަމައެކަނި ފައިދާގައި ހިއްސާވާ ބައެކެވެ. ގެއްލުމެއް ވެއްޖެނަމަ އެ ގެއްލުމުގައި ހިއްސާއެއް ވާކަށް ނުޖެހޭނެ އެވެ.
އަޅުގަނޑުމެން ދަންނަ އާންމު ހިއްސާދާރުންނަކީ އެމްޓީސީސީއާއި ބީއެމްއެލް ފަދަ ޕަބްލިކް ކުންފުނިތަކުގައި އާންމު ހިއްސާދާރުންގެ ގޮތުގައި އެތިބަ މީހުންނެވެ. އެމީހުން ހިއްސާދާރުންނަށްވީ އެ ހިއްސާގެ އަގަށްވާ ފައިސާ ދައްކައިގެންނެވެ. އެމީހުންނަށް ފައިދާ ލިބެނީ ކުންފުންޏަށް ފައިދާވެ، ޑިވިޑެންޑް ބެހުމުންނެވެ. ގެއްލުމުގައި އެމީހުން ހިއްސާވާ މިންވަރު އޮންނަނީ ދުރާލާ ކަނޑައެޅިފަ އެވެ. ކުންފުނި އެކީއެކަށް ބަނގުރޫޓުވެ، ދަރަނިވެރިވިޔަސް އޭނާ ޒިންމާވާނޭ ހިއްސާގެ ނިސްބަތް އޮންނަނީ ހިފެހެއްޓިފަ އެވެ. ރައީސް އެ ވިދާޅުވަނީ އަދި މިބާވަތުގެ ހިއްސާދާރުންގެ ވާހަކައެއް ވެސް ނޫނެވެ.
އެއްވެސް އިންވެސްޓްމަންޓެއް ނުކުރާ، ގެއްލުމެއް ލިބިދާނެ ކަމުގެ އެއްވެސް ބިރެއް ނެތް، ފައިދާއަށް އެއްވެސް އުނިކަމެއް ނާންނާނެ، އަދި ގާނޫނީ ގޮތުން ކަނޑައެޅިފައިވާ ވަކި މިންވަރަކަށް އަހަރީ ފައިސާ ލިބޭ މީހަކީ ހިއްސާދާރެއް ނޫނެވެ. އެއީ ބެނެފިޝަރީއެއް ނުވަތަ، މަންފާ ލިބޭ ފަރާތެކޭ ބުނެވިދާނެ އެވެ.
މިއީ އަނެއް ގޯހެވެ. ސަރުކާރުން އަމިއްލައަށް ރިސޯޓުތައް ތަރައްގީކޮށް ހިންގަން ފެށުމުން، ބާޒާރުގެ ކަންކަން ވަކިފަރާތަކަށް ނުޖެހި ބަލަހައްޓާ ރެގިއުލޭޓަރެއްގެ ދައުރު ދޫކޮށް، ސަރުކާރު ބަދަލުވެގެންދަނީ އިގުތިސާދީ މުއާމަލާތްތަކުގައި ސީދާ ބައިވެރިވާ ފަރާތަކަށެވެ. މި ހާލަތުގައި ދައުލަތުން އެއްފަހަރާ ތަފާތު ދައުރުތަކެއް އަދާކުރަން ޖެހެ އެވެ. ރެގިއުލޭޓަރެއްގެ ދައުރާއި، ބިމުގެ ވެރިފަރާތުގެ ދައުރާއި، ވިޔަފާރީގެ ވާދަވެރިއެއްގެ ދައުރާއި އަދި ފައިދާ ބަހާ ފަރާތެއްގެ ދައުރު ވެސް އަދާކުރާނީ ސަރުކާރުންނެވެ.
މީގެ ސަބަބުން މަސްލަހަތު ފުށުއެރުމަކީ ދިމާ ނުވެ ނުދާނެ މައްސަލައެކެވެ. އަމިއްލަ އިންވެސްޓަރުންނަށް ވާދަކުރަން މިޖެހެނީ، އުސޫލުތައް ކަނޑައަޅައި، ބިންތައް ދޫކޮށް، މާލީ އިނާޔަތްތަކަށް ނުފޫޒު ފޯރުވުމުގެ ބާރު އޮތް، އަދި ވިޔަފާރިން ލިބޭ ގެއްލުންތައް ދައުލަތުގެ ބަޖެޓުން ފޫބައްދާ ފަރާތާ އެވެ. މީގެ ސަބަބުން އަމިއްލަ ފަރާތްތަކުން ކުރާ އިންވެސްޓްމަންޓްތައް މަދުވުމާއި، ނަހަމަ ގޮތުގައި މަންފާ ހޯދުމުގެ ފުރުސަތު ބޮޑުވުމާއި، އަދި އިގުތިސާދީ ކަންކަމުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެގެންދިއުމަކީ ޔަގީނުންވެސް ނުކުންނާނެ ނަތީޖާތަކެވެ. މި ސިޔާސަތުގެ ސަބަބުން، މުޅި ގައުމުގެ އިގުތިސާދު ބިނާވެފައިވާ ފަތުރުވެރިކަމުގެ ހަރުދަނާ ނިޒާމަށް ބުރޫއެރުމުގެ ބިރު ބޮޑެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ހުށަހެޅުއްވުމަކީ، ހަމަހަމަކަމާއި މިލްކުވެރިކަމުގެ ނަމުގައި ހުށަހެޅުނު ކަމެއް ނަމަވެސް، މީގެ އަސްލު ބިނާވެފައިވަނީ "ރެންޓިއަރ ސްޓޭޓް" ނުވަތަ ކުއްޔަށް ބަރޯސާވާ ދައުލަތެއް އުފެއްދުމުގެ އުސޫލުތަކުގެ މައްޗަށެވެ. މިސުރުގެ އިގްތިސާދީ އިލްމުވެރިޔާ ހާޒިމް ބެބްލާވީ އޭނާގެ 'ދި ރެންޓިއަރ ސްޓޭޓް އިން އެރެބް ވާރލްޑް' ފޮތުގައި ތައާރަފުކޮށްދިން މި ނަޒަރިއްޔާއަކީ، ދައުލަތަށް ބޭނުންވާ އާމްދަނީ ރައްޔިތުންގެ މަސައްކަތުން ނުވަތަ ޓެކުހުން ހޯދުމުގެ ބަދަލުގައި، ގުދުރަތީ ވަސީލަތްތަކުން ނުވަތަ ބޭރުގެ ފަރާތްތަކުން ލިބޭ "ރެންޓް" އަށް ބަރޯސާވާ ނިޒާމުތައް ބަޔާންކޮށްދޭ އިލްމީ އޮނިގަނޑެކެވެ. މިފަދަ ނިޒާމުތަކުގައި ދައުލަތް ހިނގަނީ ރައްޔިތުންގެ ބައިވެރިވުމަކާ ނުލައި، ހަމައެކަނި ދައުލަތުގެ ވަސީލަތްތައް (ބިމާއި ތެލާއި މައުދަން ފަދަ) ކުއްޔަށްދީގެން ލިބޭ އާމްދަނީންނެވެ.
މިއީ ދައުލަތުން އާމްދަނީ ހޯދުމަށް ރައްޔިތުންގެ އުފެއްދުންތެރިކަމަށް ބަރޯސާވުން ބޭނުންނުވާ ނިޒާމެކެވެ. މިފަދަ ނިޒާމެއްގެ ސަބަބުން ސިޔާސީ ގޮތުން ނުކުންނަނީ ގެއްލުން ބޮޑު ނަތީޖާތަކެކެވެ. ފުރަތަމަ ކަމަކަށް، ދައުލަތުގެ އާމްދަނީ ހޯދުމަށް ރައްޔިތުންނަށް ބަރޯސާވާން ނުޖެހޭ ނަމަ، ދައުލަތް ޒިންމާދާރުކުރުވުމަށް ރައްޔިތުންނަށް އޮންނަ ބާރު ކެނޑިގެންދެ އެވެ. ހަމައެއާއެކު ޓެކުހުގެ ނިޒާމު ބަލިކަށިވެ، ރައްޔިތުންގެ ބާރު ކުޑަވެ، ޖަވާބުދާރީ ވުމަކީ ސަރުކާރަށް މަޖުބޫރު ކަމަކަށް ވުމުގެ ބަދަލުގައި އިހުތިޔާރީ ކަމަކަށް ބަދަލުވެ އެވެ. މިފަދަ ނިޒާމެއްގައި ފާރަވެރިވާ ވާދަވެރި ސިޔާސީ ނިޒާމެއް ވެސް އުފެދިގެން ނުދާނެ އެވެ. އޭގެ ބަދަލުގައި، މުޅި ނިޒާމު ބިނާވެފައި އޮންނާނީ ދައުލަތުން ދޭ އެކި ބާވަތުގެ އިނާޔަތްތައް ބެހުމުގެ މައްޗަށެވެ. މި ހާލަތުގައި ދައުލަތުން ކުރާ އެކިއެކި ކަންކަމުގެ ހުއްޖަތް ދައްކާކަށް ވެސް ނުޖެހެ އެވެ. ހަމައެކަނި ކުރަންޖެހޭ ކަމަކީ ފައިސާ ބެހުމެވެ.
ރައީސުލްޖުމްހޫރިއްޔާ އެ ހުށަހެޅުއްވި ސިޔާސަތުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުން ލިބޭ އާމްދަނީއަކީ ސީދާ މިފަދަ "ރެންޓް" އަކަށް ބަދަލުވެގެން ދެ އެވެ. އޭރުން ރާއްޖޭގެ ރަށްތަކާއި، ފަޅުތަކާއި، ގުދުރަތީ ރީތިކަމަކީ ރައްޔިތުންގެ އާދައިގެ މަސައްކަތުން އުފައްދާ އެއްޗެއް ނޫނެވެ. އެއީ ދުނިޔޭގެ ބާޒާރުގައި އެ ތަންތަނަށް އޮތް ޑިމާންޑުގެ ސަބަބުން އޭގެ ޒާތުން ލިބޭ އާމްދަނީއެކެވެ. މި އާމްދަނީ ސީދާ ރައްޔިތުންނަށް އަހަރީ އިނާޔަތެއްގެ ގޮތުގައި ބެހުމަށް ހުށަހެޅުމަކީ އާ އީޖާދީ ކަމެއް ނޫނެވެ. އެއީ ކުރިން ބުނި "ރެންޓިއަރ" އުސޫލު ރަސްމީކޮށް ދިވެހިރާއްޖެއަށް ތައާރަފުކޮށް ރާއްޖޭގެ ސިޔާސީ ގިއުގަނޑުގެ ތެރެއަށް ފުންކޮށް ވައްދާލުމެވެ.
ރައީސް މި ހުށަހެޅުއްވި ސިޔާސަތުގެ ތެރެއިން އެ މަސައްކަތް ކުރައްވަނީ ސަރުކާރަށް ފާރަވެރިވުމުގެ ވިސްނުމެއް ނެތް 'ބެނެފިޝަރީ ސިޓިޒަން' އެއް އުފެއްދެވުމަށެވެ. އާހިރުގައި މުޅި ގައުމުގެ ރައްޔިތުންނަކީ ސަރުކާރުން ބަހާ އިނާޔަތަށް ބަރޯސާވާ އާއިލާތަކަކަށް ވެގެން ދެ އެވެ. ފަސް މީހުންގެ އާއިލާއަކަށް ލިބޭނޭ 2000 ޑޮލަރުގެ ވާހަކައިން ރައީސް މިސާލު ޖެއްސެވީ މި މަންޒަރު ބޮޑުކޮށް ދެއްކެވުމަށެވެ. މިހާލަތުގައި ދައުލަތާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ބިނާވާނީ ޒިންމާދާރުވުމާއި ޒިންމާދާރު ކުރުވުމުގެ މައްޗަކަށް ނޫނެވެ. ބަރޯސާ ވުމުގެ މައްޗަށެވެ. ސިޔާސީ ގޮތުން ކަންކަން ވަޒަންކުރުމާއި ގައުމުގެ ދަރަންޏާއި މުއައްސަސާތަކުގެ ހިންގުން ފަދަ މުހިންމު ކަންކަމުން ނެއްޓި، ހަމައެކަނި "ލިބޭ އިނާޔަތް މެދުކެނޑިދާނެތޯ" ވިސްނައި އެކަމުގެ ފިކުރުގައި ތިބި 'ބެނެފިޝަރީ ސިޓިޒަން' އުފެއްދުމަކީ މި ސިޔާސަތުގެ ބޭނުމެވެ.
މި ސިޔާސަތު ހުށަހަޅަނީ ރައްޔިތުން ބާރުވެރިކުރުވުމަށް ކަމަށް ބުނެ ނަމަވެސް، މިއީ ހަގީގަތުގައި އޭގެ އިދިކޮޅެވެ. މަސައްކަތަކާ ނުލައި ލިބޭ އާމްދަނީ ބެހުމަކީ ރައްޔިތުން ބާރުވެރިކުރުވާ ކަމެއް ނޫންކަމާއި، އޭގެ ބަދަލުގައި ރައްޔިތުން ބަލިކަށިކޮށްލާ ކަމެއްކަން ކުރިން މި ބުނި ސިޔާސީ ނަޒަރިއްޔާތަކުން ސާބިތުވެ އެވެ. މަސައްކަތަކާ ނުލައި އިނާޔަތް ލިބޭ ރައްޔިތުން، ސަރުކާރުގެ ކަންކަން ދެފުށް ފެންނަ ގޮތަށް ހިންގުމަށް ބާރުއެޅުމުގެ ބަދަލުގައި، ކޮރަޕްޝަނާއި އިސްރާފަށް ފުރުސަތު ދިނުމަށް ބޮޑަށް ލެނބެ އެވެ. މިކަމުގެ ސަބަބުން، ވެރިކަމުގެ ސައްހަކަން ނުވަތަ ލެޖިޓިމަސީއަކީ މަސައްކަތުން ހޯދަންޖެހޭ އެއްޗެއްގެ ބަދަލުގައި، ފައިސާއަށް ގަނެވޭނެ އެއްޗަކަށް ބަދަލުވެ އެވެ. މިހާރު ވެސް މިއޮތީ އެގޮތަށް ނިމި ސިއްކަޖެހުމާ ދާދި ގާތުގަ އެވެ.
ރިސޯޓެއްގެ ހިއްސާދާރަކަށް ވެވުމަކީ ކުޑަ އުފަލެއް ނޫނެވެ. އަމުދުން އެ އުފާ އެ ހާސިލުވަނީ އެކަމަށް އެއްވެސް މަސައްކަތެއް ވެސް ނުކޮށް، ފައިސާ އެއް ހޭދަނުކޮށް، އަމުދުން ގެއްލުމެއް ވެސް އުފުލަން ނުޖެހޭނޭ ގޮތަށްނަމަ އެކަމުގެ އުފާ އަދި ވަކީން ބޮޑެވެ. އެހެންނަމަވެސް، މި ވައުދުގެ އެކޮޅުމިކޮޅު ބަލާއިރު ފެންނަ ގޮތުން މިއީ އަނެއްކާ ވެސް އެތެރެ ހޮއިކޮށް އޮތް މާސިންގާ ބޮޑު ބުހުތާނު ހޮޅި ވައުދެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ހުށަހެޅުން ހަމައެކަނި އިގުތިސާދީ ގޮތުން 'ސަމަކާރީ' (ބަހުގެ އެކެޑަމީން ބުނާގޮތުންނަމަ އެބަހުގެ މާނައަކީ ފީޒިބަލް) ނުވަނީއެއް ނޫނެވެ. އެއީ ސިޔާސީ ގޮތުންވެސް ގައުމުގެ އަސާސްތައް ފުނޑުފުނޑުކޮށްލާނެ ކަމެކެވެ. ދިވެހީންގެ ރާއްޖެއިން ރިސޯޓު އޯނަރުންގެ ރާއްޖެއަށް ހިޖުރަކުރުމަށް ރައީސް މިވީ ވައުދުގެ ސަބަބުން ހަގީގަތުގައި މިލްކުވެރި މުޖުތަމައެއް އުފެދިގެނެއް ނުދެ އެވެ. އޭގެ ބަދަލުގައި އުފެދެނީ އެމަނިކުފާނު ބޭނުންވެގެން އެއުޅޭ ފަދަ، ދައުލަތަށް ބަރޯސާވާ، ސިޔާސީ ގޮތުން ބާރުކަނޑުވާލާފައިވާ މުޖުތަމައެކެވެ.
ރިސޯޓު އޯނަރުންގެ ރާއްޖޭގެ ތަސައްވުރު؛ ހުރިހައި ގޮތަކުންނާއި ހުރިހައި ސަބަބަކަށްޓަކައި ވެސް ގޯސް ރިސޯޓު އޯނަރުންގެ ރާއްޖޭގެ ތަސައްވުރު؛ ހުރިހައި ގޮތަކުންނާއި ހުރިހައި ސަބަބަކަށްޓަކައި ވެސް ގޯސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ