ފިލްމު 'ދޯދި'ން ޒުވާނުންގެ ދިރިއުޅުމުގެ ހަގީގަތް، އެހާމެ ސާދާކޮށް

މޮވަނު ޝަފީގުގެ އަލަތު ފިލްމު 'ދޯދި' އޮލިމްޕަހުގައި މި ދުވަސްކޮޅު އަޅުވާފައި އޮތް އިރު އެތައް ބައެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ. 
ފިލްމީ ދާއިރާގެ ތަޖުރިބާކާރުން ކަމުގައިވާ ޓެޑްރީ މުހައްމަދު ނިޔާޒް އާއި ދާއިރާގައި ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ރަވީ ފާރޫގުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ފިލްމަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައިފަ އެވެ.
ބުދަދުވަހުގެ ރޭ 'ދޯދި' ބަލަން ދިޔަ ތަންކޮޅެއް ދޮށީ އުމުރުގެ މީހުންނަށް އިހުސާސްކުރެވުނީ މިއީ ޖެންޒީގެ ކުޑަ ވަރެއްގެ އީދެއް ހެންނެވެ. 
އޮލިމްޕަހުގެ ގޮނޑިތައް ގިނައިން ފުރާލައިފައި ތިބީ ވެސް ޒުވާން އުމުރު ފުރައިގެ ކުދިންނެވެ. ބައެއް ޒުވާނުން ފިލްމަށް ވަނީ މައިންބަފައިންނާ އެކުގަ އެވެ.
 ފިލްމާ މެދު އެތައް ބަޔަކު ކުރި އުއްމީދު ވެސް ބޮޑެވެ. ދޮޅުގަޑިއިރުގެ މި ފިލްމު ނިންމާލުމާ އެކު ބައެއް މީހުން ބުނީ "އެއްވެސް ކަމެއްވާ ފިލްމެއް ނޫން" ކަމަށެވެ. ނަމަވެސް ހަގީގަތުގައި އެ ފިލްމުގައި ހާދަ ކަމެއް ހިނގައިފި އެވެ.
ފިލްމު އެޅުވުމާ އެކު ގިނަ މީހުން ބުނީ އެއީ ޒުވާނުންނަށް ހާއްސަ ފިލްމެއް ކަމަށެވެ. ނަމަވެސް 'ދޯދި' ބަލަން ދާންވީ ބެލެނިވެރިންނާ އެކުގަ އެވެ.
ފިލްމުގެ އެންމެ ހައިރާންކުރުވަނިވި އެއް ކަމަކީ ވާހަކައިގެ ސާދާ ކަމެވެ. ޒުވާން ފުރައިގެ  އަންހެން ކުއްޖެއްގެ ދުވަހީ ދިރިއުޅުން ފިލްމުން ފެނެ އެވެ. އޭނާގެ ކެރެކްޓާ ވަރުގަދަ އެވެ. ދައްކާލީ މި އުމުރުގެ ގިނަ ޒުވާނުންގެ ހަގީގަތެވެ.
ދިވެހި ދިވެހި ގިނަ ޒުވާނުންތަކެއް ބޮޑުވީ ރޫޅިފައިވާ އާއިލާތަކުގެ ތެރޭގަ އެވެ. އަޅާލާނެ ނުވަތަ ހަރަަދުކުރާނެ ބައްޕަޔަކު ކައިރީގައި ނެތި، އެކަނިވެރި މަންމައެއްގެ އެހީގަ އެވެ. ވަޒީފާ އަދާކުރަމުން ދަރިފުޅުގެ ހުރިހާ ކަމެއް ބަލަމުން ދާ އިރު ބައެއް ފަހަރަށް ދަރިފުޅު  ބޭނުންވަނީ ނޭވާލާނެ ފުރުސަތެކެވެ. އެކަނި ފިޔަަޖަހަލާށެވެ. އެކަމަކު މަންމަ ނުދެނީ އެ ފުރުސަތެވެ.
މިނިވަންކަން ހޯދަން ތެޅިފޮޅިގަނެވެނީ މަހެއް ފެނުން ނެގީމާ ތެޅިގަންނަ ފަދައިންނެވެ. ދެން މަސްހުނިވެވެނީ އެންމެ ރަނގަޅު އެކުވެރިންނަކާ ނޫނެވެ. އެކަމަކު އެމީހުންނަށް ހާލަތު އެނގެ އެވެ. ކުރަން ބޭނުން ނޫން ކަންކަމަށް ވެސް އާއެނކޭ ބުނެވެ އެވެ. 
މިއީ މިހާރުގެ ޖީލާ ފިލްމު ގުޅޭ މިންވަރެވެ. ކުރިމަރާނުލާ ކިޔައިދެވޭނީ މިހާ ވަރަށެވެ. ފިލްމުން ދައްކާ މަސްތުގެ ވަބާ، ނަފްސާނީ ދުޅަހެޔޮކަން އަދި އެކަނިވެރިކަމާއި ވަޒީފާގެ މާހައުލުން ކުރިމަތިލާ ގޮންޖެހުންތަކަކީ އަދުގެ ބައެއް ޒުވާނުންގެ ދިރިއުޅުމުގެ ހަގީގަތެވެ.
އެމީހުން ވަނީ އެކަމާ ކުރިމަތިލާން ދަސްކޮށްފަ އެވެ.
ފިލްމުގެ އެންމެ މޮޅީ ކޮން ކަމެއްހޭ އަހައިފިއްޔާ ހަމަގައިމުވެސް އެކްޓިން ފުރިހަމައޭ ބުނެވިދާނެ އެވެ. ކެމެރާގެ ލެންސުން މާލޭގެ ދުވަހީ ދިރިއުޅުން ދައްކާލާއިރު ލޯމަތިން ހަގީގަތުގައި ވެސް ފެންނަ މަންޒަރެއްހާ ސާފެވެ. 
މައިގަނޑު ރޯލް އަދާކުރާ ޒުވާން އެކްޓަރުން ކަމުގައިވާ ލާނާ ޖަލީލް އާއި އައިމިނަތު އިންނަ އަދި ޝަހުދާން ޝަރީފަކީ ދާއިރާއަށް މުޅިން އާ ފަންނާނުންނެވެ. އެކަމަކު އައިބުކަމެއް ނުފެނެ އެވެ.
މަންމައެއްގެ ރޯލް ފުރިހަމައަށް އަދާކޮށްފައިވަނީ އާމިރާ އިސްމާއިލް އެވެ. ގިނަ ދުވަސްތަކަށް ފަހުން އަލުން ފިލްމަކުން ފެނުނު އިރު އޭނާގެ ހުނަރު ވެސް އެހާމެ ރަނގަޅެވެ. 
 މޮވަނުގެ ކުރު ފިލްމު 'ފަޅު'ގެ ފުރަތަމަ މަންޒަރު ފަދައިން ސިނަމާގެ ގޮނޑީގައި ރަނގަޅަށް ހަމަޖެހިނުލެވެނީސް ދައްކާލާ މަންޒަރުން ހައިރާންކަން އިހްސާސް ކުރެވުނެވެ.
ތެދެކެވެ. އެހެން ދިވެހި ފިލްމުތަކުގެ އެންމެ ފަހު މިނެޓާ ޖެހޭ އިރު ވެސް ގިނަ ކަންކަން ހިނގަ އެވެ. އެއާ ހިލާފަށް މި ފިލްމުގެ ވާހަކަ ސާދާ އެވެ. ލޯބީގެ ލަވަތަކާއި ޑްރޯން ޝޮޓްތަކާއި ރާއްޖޭގެ އުތުރު ބިތާއި ދެކުނު ބިތުގެ ތަފާތު ލޮކޭޝަންތައް ދައްކާ ނުލިޔަސް ކިޔައިދޭން ބޭނުންވި ވާހަކަ ރީތިކޮށް، ސާދާކޮށް މޮވަނު މިވަނީ ކިޔައިދީފަ އެވެ.
ޒުވާނުންގެ އިތުރުން މޮވަނުގެ މެސެޖް އެހެން މީހުންނަށް ވެސް ލިބިދީފަ އެވެ.
ބޮޑުވަމުން އަންނަ އިރު ގިނަ ކަންކަމާ ކުރިމަތިލާން ޖެހެ އެވެ. އެކަންކަމުން އަރައިގަނެ ރެކޭނެ ގޮތްތައް ވެސް ކިޔައިދިނެވެ. މި ޖީލުގެ ކުދިން ބަލާ ބޮޑުކުރަން އެކުދިންނަށް ވާހަކަ ދައްކަން ނޭނގޭ މައިންބަފައިންނަށް މިއީ ޕޭރެންޓިން ފިލާވަޅެކެވެ. އިތުރަށް ލޯ ހުޅުވާލާށެވެ. ދަރިންނާ ގާތްކަމެއް އަދި ކަނެކްޝަން ނެތީ ހަމައެކަނި އެކުދިންގެ ސަބަބުން ނޫން ކަން ބުނެދިނެވެ.
އޮލިމްޕަހުގައި 'ދޯދި' މި މަހު 15އާ ހަމައަށް ދައްކާނެ އެވެ. މިއީ ބަލައިލަން ރަނގަޅު ފިލްމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ