ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ 'ބޮޑު ބަދަލު' ހުށަހެޅުއްވީ އެމްޑީޕީގެ އާންމު މެންބަރުންނާ މަޝްވަރާނުކޮށް ކަމަށާއި އެފަދަ ހުށަހެޅުންތައް އަންނަންވާނީ އާންމު މެންބަރުންނާ ހިސާބުން ކަމަށް ވިދާޅުވެ، އެ ޕާޓީގެ ޗެއާޕާސަންކަމުގެ ރޭހުގައި އެމަނިކުފާނާ ވާދަ ކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް މިއަދު ރައްދު ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިދިޔަ އާދިއްތަ ދުވަހު ވަނީ، ދައުލަތް ހިންގުމުގެ އޮނިގަނޑަށް ގެންނަން އެ ދެ ބޭފުޅުން ބޭނުންވާ ބަދަލުތަކެއް ހާމަ ކުރައްވައިފަ އެވެ. އަދި އެ ބަދަލުތައް ގެނެސްގެން، ނަޝީދު ދައުލަތުގެ ވެރިޔަކަށް އަދި ފައްޔާޒު ސަރުކާރު ހިންގުމުގެ ވެރިޔަކަށް ވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވި އެވެ.
މީކާއިލްގެ ޗެއާޕާސަން ކެމްޕެއިން ރަސްމީކޮށް ފެށުމަށް މިއަދު މ. ފިނިފަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ވަނީ އެ ހުށަހެޅުންތަކާ ގުޅޭ ގޮތުން އޭނާއާ ސުވާލުކޮށްފަ އެވެ.
ބުނީ ކީކޭ؟ - "ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ، އެހެން ޕާޓީތަކާ ހިލާފަށް ތިރިން މައްޗަށް ހިނގާ ޕާޓީއެއް،" ޖަވާބުގައި މީކާއިލް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ކަންކަން، އަޅުގަނޑުމެންގެ ހުށަހެޅުންތައް އަންނަން ވާނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެންމެ އާދައިގެ، މި ޕާޓީގެ މެންބަރާ މަޝްވަރާ ކުރެވިގެން އެ ބޭފުޅުންގެ ފަރާތުން އަންނަ އެއްޗެއްގެ ގޮތުގައި."
"އެހެން ނަމަވެސް މިހާރު ހުށަހަޅާފައިވާ ބައެއް ހުށަހެޅުންތައް ފެންނަނީ ވަރަށް ބޮޑަށް މަތިން ތިރިއަށް އަންނަ ހުށަހަޅުންތަކެއްގެ ގޮތުގައި."
ތަފްސީލު - އެ ސުވާލަށް އިތުރަށް ޖަވާބު ދެއްވަމުން މީކާއިލް ވިދާޅުވީ، ނަޝީދުގެ ހުށަހެޅުންތައް އާންމު މެންބަރުންނާ މަޝްވަރާނުކޮށް އައުމުން އެ އިޖުރާތް ހިނގާފައިވާ ގޮތް ވެސް ގޯސް ކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އެފަދަ ބޮޑު ނިންމުންތަކަށް މި ޕާޓީގެ އާންމު މެންބަރުންގެ މެދުގައި މަޝްވަރާ ކުރެވި، ގައުމީ މަޖިލީހުގައި މަޝްވަރާ ކުރެވި އަދި ކަނޑައެޅިފައިވާ ހުރިހާ ގުނަންތަކުގައި އެ މަޝްވަރާ ވަރަށް ރަނގަޅަށް ހިންގި، ރާވާ އިންތިޒާމް ވެގެން [އަންނަންވާނީ]،" މީކާއިލް ވިދާޅުވި އެވެ.
ނަޝީދުގެ ހުށަހެޅުންތަކުގައި ބަރުލަމާނީ ސިފަތަކެއް ވެރިކަމުގެ ނިޒާމަށް ގެނައުން ހިމެނޭ އިރު، އެއީ އެމްޑީޕީން ކުރިން ތާއީދު ކުރި ކަމެއްކަން ފާހަގަކޮށް، މި ހުށަހެޅުންތަކަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތާއީދު ލިބޭތޯ ނޫސްވެރިޔާ ސުވާލުކުރުމުން މީކާއިލް ވިދާޅުވީ، އޭނާގެ ފޯކަސް ހުރީ ޗެއާޕާސަންގެ އިންތިހާބަށް ކަމަށެވެ. އަދި ގައުމީ މަޖިލީހުން ނިންމާނެ ނިންމުމެއް އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ޗެއާޕާސަން އިންތިހާބެއްގައި އަޅުގަނޑުމެންގެ ފޯކަސް ހުންނަންވަނީ، ޗެއާޕާާސަންގެ މަަސްއޫލިއްޔަތު އަދާ ކުުރުމުގެ ގޮތުން ކުރާނެ ކަންކަމުގެ މައްޗަށް [ނުވަތަ] ޕާޓީ ހިންގާނެ ގޮތުގެ މައްޗަށް. މި ޕާޓީ އެކުއެކީ ބަދަހިކަމާ އެކު އެންމެންގެ މަސްލަހަތު ހިމާޔަތްކޮށް، ރައްޔިތުންގެ އިތުބާރު އަޅުގަނޑުމެންނަށް ހޯދޭނެ ގޮތުގެ މައްޗަށް،" މީކާއިލް ވިދާޅުވި އެވެ.
އޭގެ އިތުރުން އޭނާ ވިދާޅުވީ، އެމްޑީޕީއަކީ ތަފާތު ހިޔާލަށް ޖާގަ ދޭނެ ޕާޓީއެއް ކަމަށާއި އެހެންކަމުން ގައުމީ މަޖިލީހުގައި ނަޝީދުގެ ހުށަހެޅުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޖާގަ އޮންނާނެ ކަމަށެވެ.
ނަޝީދުގެ ހުށަހެޅުންތަކަށް މީކާއިލް: 'ސިޔާސަތުތައް އަންނަން ވާނީ ތިރިން މައްޗަށް، މަތިން ތިރިއަކަށް ނޫން'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ