"ހޭ ގޫގުލް" އާ ނުލައި ޖެމިނައިއާ މެދުކެނޑުމެއް ނެތި ވާހަކަދެއްކޭ ގޮތް ހަދައިފި

ގޫގުލްގެ ސްމާޓް ހޯމް ޑިވައިސްތަކުގައި ބޭނުންކުރާ ޖެމިނައި އޭއައިއަށް އާ އަޕްޑޭޓެއް ގެނެސް، އެއްވެސް މެދުކެނޑުމެއް ނެތި އޭއައިއާ ވާހަކަދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. "ކޮންޓިނިއުޑް ކޮންވަޒޭޝަން" ގެ ނަމުގައި ތައާރަފްކުރި މި ފީޗާގެ ސަބަބުން، ކުރިން ކުރާ ސުވާލަކާ ގުޅުވައިގެން އިތުރު ސުވާލެއް ކުރާއިރު ކޮންމެ ފަހަރަކު "ހޭ ގޫގުލް" އޭ ބުނެގެން އޭއައި ހޭލައްވާލުމުގެ ބަދަލުގައި، އާދައިގެ އިންސާނަކާ ވާހަކަދައްކާ ފަދަ ތޮބީއީ ގޮތަކަށް ވާހަކަ ކުރިއަށް ގެންދެވޭނެއެވެ. https://sun.mv/220657 މި އާ ފީޗާއާއެކު، ޖެމިނައިން ސުވާލަކަށް ޖަވާބު ދިނުމަށްފަހު ޑިވައިސްގެ މައިކްރޯފޯން މަދު ސިކުންތުކޮޅަކަށް ހުޅުވިފައި ހުންނާނެއެވެ. މި ވަގުތުކޮޅުގެ ތެރޭގައި ޑިވައިސްގެ ބޮކިތައް ދިއްލިފައި ނުވަތަ 'ޕަލްސް' ވާގޮތަށް ހުންނައިރު، އިތުރު އެއްވެސް ކޯޑު ބަހެއް ބޭނުންނުކޮށް ސުވާލު ކުރެވޭނެއެވެ. މީގެ އިތުރުން، ކުރިން ދައްކާފައިވާ ވާހަކަތަކުގެ މައުލޫމާތާއި އޭގެ 'ކޮންޓެކްސްޓް' ޖެމިނައިން ހަނދާން ބަހައްޓާނެތީ، ތަކުރާރުކޮށް ތަފްސީލުތައް ކިޔައިދޭކަށް ނުޖެހޭނެއެވެ. މި ޚިދުމަތް މިހާރު ދުނިޔޭގެ ހުރިހާ ސަރަހައްދަކަށާއި ޖެމިނައި ސަޕޯޓްކުރާ ހުރިހާ ބަހަކަށް ވަނީ ދޫކޮށްލާފައެވެ. މި ފީޗާ ބޭނުންކުރަން ބޭނުންވާ ފަރާތްތަކުން 'ގޫގުލް ހޯމް' އެޕްގެ ސެޓިންގްސްގެ ތެރެއިން "ޖެމިނައި ފޯ ހޯމް ވޮއިސް އެސިސްޓަންޓް" އަށް ގޮސް މިކަން ފަހިކުރަން ޖެހޭނެއެވެ. ގޫގުލްއިން ބުނާ ގޮތުގައި ޖެމިނައިއަށް އޭނާއާ ކުރާ ސުވާލާއި ކޮޓަރި ތެރޭގައި ދައްކާ އެހެން ވާހަކަތައް ވަކިކުރަން އެނގޭނެއެވެ. މިއީ ކުރިން ގޫގުލް އެސިސްޓަންޓްގައި ވެސް ވަރަށް ހަނި ދާއިރާއެއްގައި އޮތް ފީޗާއެކެވެ. ނަމަވެސް، މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ގޫގުލްއިން ދަނީ ގޫގުލް އެސިސްޓަންޓްގެ ބަދަލުގައި މުޅި ސްމާޓް ހޯމް ސިސްޓަމް ޖެމިނައި އޭއައިއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި ފީޗާ ދޫކޮށްލާފައިވާ ބަސްތަކުގެ ތެރޭގައި ދިވެހިބަސް ހިމެނޭއިރު، މިއީ ދިވެހި ބަހުން މުއާމަލާތްކުރާ ފަރާތްތަކަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. މި ޓެކްނޮލޮޖީއަކީ އަދި މުޅިން ފުރިހަމަވެފައިވާ ޚިދުމަތެއް ނޫންކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް، ކޮޓަރިއެއްގެ ތެރޭގައި ދައްކާ އާދައިގެ ވާހަކަތަކާއި ޖެމިނައިއާ ކުރާ ސުވާލުތައް ސައްތަ އިން ސައްތަ ވަކިކުރުމުގައި މިހާރުވެސް ބައެއް ގޮންޖެހުންތައް ހުރެދާނެތީ، މިކަން އިތުރަށް ފުރިހަމަވުމަށް އަދި ދުވަސްކޮޅެއް ނަގާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ