ރާއްޖޭގެ ވެރިކަމުގެ އޮނިގަނޑަށް ބަދަލު ގެނައުމާ މެދު މަޝްވަރާ ކުރެއްވުމަށް ރައީސް މުހައްމަދު މުއިއްޒަށް ގޮވާލައްވައި، އެއަށް އިޖާބަ ނުދެއްވާ ނަމަ، "ތާ އަބަދު މަގުމަތީގައި" އިހްތިޖާޖް ކުރާނެ ކަމުގެ އިންޒާރު ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީއިން ބާއްވަމުން އަންނަ މަގުމަތީ ހަރަކާތުގައި މިރޭ ފުރަތަމަ ފަހަރަށް ބައިވެރިވެ ވަޑައިގަންނަވައި ނަޝީދު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.
ތަފްސީލް - ނަޝީދު ވިދާޅުވީ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެ ވެސް އޮތީ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި ކަމަށާއި ތަކެތީގެ އަގު އުފުލި، ޑޮލަރުގެ އަގު ދަނީ ބޮޑުވަމުން ކަމަށެވެ.
އެހެންވެ، ނާޒުކު ފައްތަރެއްގައި އޮތް ރާއްޖެ މިގޮތުގައި ދޫކޮށްލެވެން ނެތް ކަމަށާއި މި ހާލަތުން އަރައިގަތުމަށް، ސަރުކާރެކޭ އެއްގޮތަށް އެންމެން ވެސް މަސައްކަތް ކުރުމަކީ ވާޖިބެއް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ސަރުކާރަށާއި ރައީސް މުއިއްޒަށް މި ގޮވާލަނީ ވަޑައިގަންނަވާށޭ މޭޒު ދޮށަށް، މަޝްވަރާ ފައްޓަވާށޭ. ރާއްޖެ ދޫކޮށްލެވޭކަށް ނެތް،" ނަޝީދު ވިދާޅުވި އެވެ.
"ރާއްޖޭގެ ރައްޔިތުންނަށް ލިބެންވާ ހައްގުތަކާއި ތަނަވަސްކަމާއި ހިތްހަމަޖެހުން ހޯދައިދިނުމަކީ އަޅުގަނޑުމެންގެ އެންމެންގެ މައްޗަށް ވާޖިބެއް."
ނަޝީދު ވިދާޅުވި ގޮތުގައި:
ގާނޫނުއަސާސީއަށް އަމަލު ކުރަން ފެށުމާއެކު ރައްޔިތުންނަށް ފައިދާތަކެއް ލިބުނު. އެގޮތުން ދައުލަތުގެ އާމްދަނީ އިތުރުވެ، އާއްމު ގޭބިސީތަކުގެ އާމްދަނީ އުފުލިގެން ދިޔަ
އެކަމަކު މި ގާނޫނުއަސާސީއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި، އެ މަނިކުފާނަށް ދޫކޮށްލައްވަން މަޖުބޫރުވެވަޑައިގެންނެވި ހަމައެކަނި މިންވަރަށް ދޫކޮށްލައިގެން އެކުލަވާލި ގާނޫނުއަސާސީއެއް
އޭގެ 18 އަހަރު ފަހުން ވެސް، އިސްރާފާއި ނޭދެވޭ އެތައް ކަމެއް، ހާއްސަކޮށް ވެރިކަމުގެ އެތެރޭގައި ހިނގާ ކޮރަޕްޝަނާއި ބާރުތައް ނަހަމަގޮތުގައި ބޭނުން ކުރަން ފަހިކޮށްދިނީ އެ ގާނޫނުއަސާސީ
"އެހެންވެ އަޅުގަނޑަށް ޔަގީން ކަށަވަރު ރާއްޖޭގެ އޮނިގަނޑަށް، ބޮޑު ބަދަލެއް ގެންނަން ޖެހޭ ކަމަށް ގަބޫލު ނުކުރާ އެކަކު ވެސް ނުހުންނާނެ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ރައީސަށް ދައުވަތު ދެއްވީ، އެ ބަދަލުތައް ގެނައުމަށް މަޝްވަރާ ކުރެއްވުމަށެވެ. އެކަން ގަބޫލު ނުކުރައްވައިފި ނަމަ، މަގުމަތީ ހަރަކާތްތަކަށް ހުއްޓުމެއް ނާންނާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް މަޝްވަރާ ކުރަން ވަޑައިގަންނަވާ، ނޫނީ ތާ އަބަދު މަގުމަތީގައި ތިބޭނަން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ