ބައްސާމަށް އިއްވި 23 އަހަރުގެ ހުކުމްވެސް އިސްތިއުނާފު ކޮށްފި

މިދިޔަ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 23 އަހަރުގެ ޖަލު ޙުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
ބައްސާމްގެ މައްޗަށް މި ޙުކުމް އިއްވާފައިވަނީ ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު (18 މިލިއަނަށް ވުރެ ގިނަ ރުފިޔާ) އަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކޮށްގެން ހުޅުމާލޭގެ އަމީން އެވެނިއުއިން ޕެންޓްހައުސްއެއް ގަތް ކަމަށް ސާބިތުވި މައްސަލާގައެވެ. މި މައްސަލާގައި އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގައި 15 އަހަރުގެ ޖަލު ޙުކުމެއް އަދި ހިޔާނާތުގެ ކުށުގައި އަށް އަހަރުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ.
މިހާރުވެސް އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި އެހެން މައްސަލައެއްގައި ނުވަ އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދާ ބައްސާމްގެ ފަރާތުން މި ދެ ޙުކުމްވެސް މިހާރު ވަނީ ހައިކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް، މި އިސްތިއުނާފު މައްސަލަ ބަލައިގަތުމާ މެދު ހައިކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
ބައްސާމްގެ މައްޗަށް ދައުލަތުން ގިނަ ދައުވާތަކެއް އުފުލާފައިވަނީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރިއިރު، އެ އިދާރާއަށް ލިބުނު ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ