އުސޫލްތަކާ ހިލާފަށް ފަލަސްތީނު މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް އިސްރާއީލުން ފާސްކޮށްފި

ބައިނަލްއަޤްވާމާމީ ޤާނޫނުތަކާއި ޤަވާއިދުތަކާ ހިލާފަށް ފަލަސްތީނު މީހުންނަށް މަރުގެ އަދަބު ދިނުމަށް ހުއްދަދޭ ބިލެއް އިސްރާއީލްގެ  ޤާނޫނުހަދާ މަޖިލީހުން މިދިޔަ ހޯމަ ދުވަހު ފާސްކޮށްފިއެވެ.
ފާސްކުރި ގާނޫނުގެ ދަށުން ހުޅަނގު އައްސޭރީގެ ފަލަސްތީނު މީހުން އިސްރާއީލް މީހަކު މަރާލައިފިނަމަ، އެމީހަކަށް ދޭންޖެހޭ އަސާސީ އަދަބަކީ ދަންޖައްސައިގެން މަރުގެ އަދަބެވެ. އިސްރާއީލްގެ މަދަނީ ކޯޓުތަކަށް އިސްރާއީލްގެ ރައްޔިތުންގެ މައްޗަށްވެސް މި އަދަބު ދިނުމުގެ އިހުތިޔާރު އޮތް ނަމަވެސް، ގާނޫނީ މާހިރުން ބުނަނީ ގާނޫނު ލިޔެފައިވާ ގޮތުން މި އަދަބު އަމާޒުވާނީ ހަމައެކަނި ފަލަސްތީނު މީހުންނަށް ކަމަށެވެ.
މި ބިލް ފާސްކުރަން އެންމެ މަސައްކަތްކުރީ ހައްދުފަހަ އަޅާފައިވާ ބޮޑުވަޒީރު ނަތަންޔާހޫ އެވެ. އަދި މި ބިލު ފާސްކުރުމަށް އިސްރާއީލްގެ ކަނާތު ފިޔައިގެ ހަރުކަށި ފަރާތްތަކުން މިހާތަނަށް ވަނީ ގިނަ މަސައްކަތްތަކެއްކޮށްފައެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ އިސްރާއީލްގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކުރި މި ގާނޫނު ކުށްވެރިކޮށް، މިއީ ބައިނަލްއަޤްވާމީ މުއާހަދާތަކާ މުޅިން ހިލާފް އަމަލެއްކަމަށް ފާހަގަކޮށްފައެވެ.
މި ގާނޫނު ހިނގާނީ ކުރިއަށް އޮތް ތަނުގައި ކުރާ ކުށްތަކަށެވެ. އެހެންކަމުން 7 އޮކްޓޯބަރު 2023 ގައި އިސްރާއީލަށް ހަމަލާދިން ހަމާސްގެ ހަނގުރާމަވެރިންގެ މައްޗަށް މި ގާނޫނު ހިނގާގޮތެއް ނުވާނެއެވެ. އެމީހުންނަށް އަދަބު ދިނުމާ ގުޅޭ ވަކި ބިލެއް މިހާރު ދަނީ ދިރާސާކުރަމުންނެވެ.
މި ގާނޫނު ފާސްވުމާއެކު އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ އިސްރާއީލްގެ އެންމެ މަތީ ކޯޓަށް މި މައްސަލަ ހުށަހަޅާފައެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި އިސްރާއީލްގެ މަޖިލީހަށް ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނު މީހުންގެ މައްޗަށް ގާނޫނު ހެދުމުގެ ގާނޫނީ ބާރެއް ނޯންނާނެއެވެ. ބައިނަލްއަގުވާމީ ގާނޫނުތަކާ މި ގާނޫނު ފުށުއަރާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އޮސްޓްރޭލިއާ، އިނގިރޭސިވިލާތް، ފްރާންސް، ޖަރުމަނު އަދި އިޓަލީގެ ފޮރިން މިނިސްޓަރުން ގުޅިގެން ނެރުއްވި ބަޔާނެއްގައި، ބުނެފައިވަނީ އެޤައުމުން ބުނާގޮތަށް މަރުގެ އަދަބު ދިނުމަކީ އަޚުލާގީ ގޮތުން ގޯސް ކަމެއް ކަމަށާއި އޭގެ ސަބަބުން ކުށްކުރުން މަދު ނުވާނެ ކަމަށް ވިދާޅުވެފައިވެއެވެ.
އިސްރާއީލްގެ ޤާނޫނުހަދާ މަޖިލީހަކީ ބައިނަލްއަޤްވާމީ ގޮތުން ހެދިފައި ހުންނަ ޤާނޫނުތަކާ ފުށުއަރާގޮތަށް ޤާނޫނުތައް ހެދުމަށް އަރާހުރި މަޖިލީހެކެވެ. އިސްރާއީލްގެ ޤާނޫނު ހަދާ މަޖިލީހުން މިހާތަނަށް ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހެދި ޤާނޫނަކުން މިހާތަނަށް ޔަހޫދީންނަށް ލިބުނު މޮޅެއް ނެތްކަމަށް ޔަހޫދީންވެސް ފާަހގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ