ރައްޔިތުންނާ ގުޅުންހުރި މުހިންމު 3 ވޯޓު!

މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ އިންތިޚާބުތަކަކީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެންބަރުންގެ އިންތިޚާބު ކުރުމުގެ އިތުރުން ޤާނޫނުއަސާސީއަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އިސްލާހާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓެވެ. މި ވޯޓު ނެގުން ކުރިއަށްދާނީ މިއަދު ހަވީރު 4:00 ޖެހުމާ ހަމައަށެވެ.
މި އިންތިޚާބުގައި ރާއްޖޭގެ 18 އަހަރުން މަތީގެ 294،876 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ. އެއީ 150،370 ފިރިހެނުންނާއި 144،506 އަންހެނުންނެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި 2،961 ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ. އެއީ ކައުންސިލްގެ މަގާމަށް ކުރިމަތިލެއްވި 1،368 ކެންޑިޑޭޓުންނާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރައްވާ 1،593 ކެންޑިޑޭޓުންނެވެ.
މި އިންތިޚާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 588 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. އިންތިޚާބުގެ ގޮތުން ކޮންމެ ވޯޓުލާ މަރުކަޒެއްގައި 3 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ ލޯކަލް ކައުންސިލް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގެ ތެރެއިން ކޮންމެ ވޯޓުކަރުދާހަކަށް ފޮއްޓެކެވެ. ނަމަވެސް މި ފޮށިތައް ގުނާނީ އެއް ފޮށީގެ ގޮތުގައެވެ.
މިފަހަރުގެ އިންތިޚާބުގައި ބޭރު ޤައުމުތަކުގައި އެއްވެސް ވޯޓު ފޮއްޓެއް ނުބަހައްޓައެވެ. މާލެ ސަރަހައްދުގައި 240 ވޯޓުފޮށި ބަހައްޓާފައިވާއިރު އަތޮޅުތަކުގައި 322 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އަދި 21 ރިސޯޓަކާއި ޖަލުތަކުގައި 5 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުން ދައްކާގޮތުގައި މިފަހަރު އެންމެ ގިނަ ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ހެންވޭރު ދަނޑުގައި ގާއިމުކޮށްފައިވާ ޓެންޓުގައެވެ. އެ ޓެންޓުގައި 30 ވޯޓު ފޮށި ބަހައްޓާފައިވާއިރު މިއީ މާލޭގެ ރައްޔިތުންގެ އިތުރުން މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ރައްޔިތުން ވޯޓުލުމަށް ޚާއްސަ ވޯޓުފޮށިތަކެވެ.
ޓެންޓުތަކުގެ އިތުރުން މިފަހަރުވެސް ސްކޫލްތަކުގައި ވޯޓުފޮށިތައް ވަނީ ބަހައްޓާފައެވެ. އެގޮތުން، މާލެއާއި ހުޅުމާލެއާއި ވިލިމާލޭގެ 26 ސްކޫލެއްގައި ފޮށިތައް ބަހައްޓާފައިވާއިރު އެންމެ ގިނަ ފޮށިތައް ބަހައްޓާފައިވަނީ އަމީނިއްޔާ ސްކޫލުގައެވެ. އެސްކޫލުގައި 15 ވޯޓުފޮށި ބަހައްޓާފައިވެއެވެ.
އަތޮޅުތަކުގައި ބަހައްޓާ ފޮށިތަކުގެ ތެރެއިން އެންމެ ގިނަ ވޯޓު ފޮށި ބަހައްޓާފައިވަނީ އައްޑޫގައެވެ. އައްޑޫގައި 29 ފޮށި ބަހައްޓާފައިވާއިރު ރ. އަތޮޅުގައި 25 ފޮށި އަދި ހއ. އަތޮޅުގައި 23 ފޮށި ވަނީ ބަހައްޓާފައެވެ.
މި އިންތިޚާބުގައި ވޯޓުލާންދާ ކޮންމެ މީހަކަށްވެސް 3 ވޯޓު ކަރުދާހެއް އިލެކްޝަންސް ކޮމިޝަނުން ދޭނެއެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބުގައި އެ މީހެއްގެ ދާއިރާގެ ވޯޓު ކަރުދާހާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެމީހެއްގެ ދާއިރާގެ ކަރުދާހުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގެ ކަރުދާހެވެ.
ވޯޓު ކަރުދާސްތައް އަތަށް ލިބުމަށްފަހު ކޮންމެ މީހަކުވެސް އެއީ އެމީހަކު ވޯޓުލާންޖެހޭ ދާއިރާގެ ކަރުދާސްތައްކަން ކަށަވަރު ކުރުމަކީ މުހިންމު ކަމެކެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވޯޓު ކަރުދާސް ސިޓީތަކާއި ރަށްރަށުގައި ތަފާތުވާނެއެވެ. އެގޮތުން ސިޓީތަކުގައި ކައުންސިލް އިންތިޚާބު ވޯޓު ކަރުދާހުގައި ހިމެނޭނީ 2 ބައެކެވެ. އެއީ މޭޔަރުގެ މަޤާމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ބަޔާއި އެ ދާއިރާއަކަށް ކުރިމަތިލާފައިވާ ކައުންސިލް މެންބަރުގެ މަޤާމަށް ކެންޑިޑޭޓުންގެ ބައެވެ.
ސިޓީތަކުގެ އަންހެނުންގެ ކޮމިޓީތަކުގެ ވޯޓުކަރުދާހުގައިވެސް ހިމެނޭނީ ދެބައެކެވެ. އެއީ އެ ކޮމިޓީގެ ރައީސްގެ މަޤާމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ބަޔާއި މެންބަރު ކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ބައެވެ. މީގެ ތެރެއިން ސިޓީ ކައުންސިލްތަކަށް ވޯޓު ދޭ ރައްޔިތުން ފާހަގަ ޖަހަންޖެހޭނީ ކޮންމެ ބަޔަކުންވެސް އެއް ކެންޑިޑޭޓުންގެ ނަމާ ދިމާލުގައެވެ.
މިފަހަރު ރަށު ކައުންސިލްތަކުގެ ތެރެއިން 2000 މީހުންގެ އާބާދީއަށްވުރެ މަދު ރަށްތަކަށް އިންތިޚާބު ކުރާނީ 3 ކައުންސިލަރުންނެވެ. އެއީ ކައުންސިލް ރައީސާއި އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަސް ހޮވާ މެންބަރާއި ކައުންސިލް މެންބަރެވެ. 2000އަށްވުރެ އާބާދީ ބޮޑު ރަށްރަށުގައި 5 ކައުންސިލަރުން އިންތިޚާބުކުރާއިރު ކޮންމެ ކައުންސިލެއްގައި ރަށު ކައުންސިލް ރައީސާއި ދެ އަންހެން މެންބަރުން އަދި ދެ ކައުންސިލް މެންބަރުން ތިއްބަވާނެއެވެ.
މީގެ ސަބަބުން ވޯޓު ކަރުދާސްވެސް ތަފާތުވެއެވެ. ރަށު ކައުންސިލްތަކުގެ ވޯޓު ކަރުދާސް ބެހިގެންވާނީ 3 ބަޔަކަށެވެ. އެއީ ކައުންސިލް ރައީސާއި އަންހެން މެންބަރު އަދި މެންބަރުގެ މަގާމު ވަކިންނެވެ. 2000 އިން ދަށުގެ އާބާދީ ރަށްތަކުގެ ރައްޔިތުން މީގެ ތެރެއިން ވޯޓުލާންވާނީ ކޮންމެ ބަޔަކުންވެސް އެއް ކެންޑިޑޭޓަކަށެވެ. 2000 އިން މަތީގެ އާބާދީ ރަށްރަށުގެ ރައްޔިތުން ވޯޓުދޭންވާނީ ކައުންސިލް ރައީސްގެ ބައިން އެއް ކެންޑިޑޭޓަކަށް އަދި ބާކީ ދެ ބައިން ކޮންމެ ބަޔަކުން ދެ ކެންޑިޑޭޓުންނަށެވެ.
ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންގެ އަދަދުވެސް ކަނޑައަޅާފައިވަނީ އެ ރަށެއްގެ ކައުންސިލުން ތިބޭ އަދަދަކަށެވެ. ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ވޯޓު ކަރުދާސް ބެހިފައިވާނީ 2 ބަޔަކަށެވެ. އެއީ ކޮމިޓީގެ ރައީސްގެ މަގާމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ބަޔާއި ކޮމިޓީގެ މެންބަރުންގެ ގޮނޑިތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ބައެވެ. މީގެ ތެރެއިން ވޯޓުލާންޖެހޭނީ އެ ރަށަކަށް އަދި ސިޓީއެއްނަމަ ދާއިރާއަކަށް އިންތިޚާބު ކުރަންޖެހޭ ކެންޑިޑޭޓުންގެ އަދަދަށެވެ.
މި އިންތިޚާބުގައި ރައްޔިތުންގެ އަތަށް ލިބޭ 3 ވަނަ ވޯޓު ކަރުދާހަކީ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓު ކަރުދާހެވެ. މި ކަރުދާހުގައި މި ވޯޓު ކަރުދާހުގައި އޮންނާނީ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާ ސުވާލެވެ.
އެ ސުވާލަކީ؛ "ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ "ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟"
ކަރުދާހުގައި ޖަވާބު ދިނުމަށް ދީފައިވާނީ ދެ އިޚްތިޔާރެކެވެ. އެއީ "އާނއެކެވެ" ނުވަތަ "ނޫނެކެވެ". މި ކަރުދާހުގައި ވޯޓު ދޭއިރު އެ މީހަކަށް ފެންނަ ކޮންމެވެސް އެއް ޖަވާބެއްގައި ފާހަގަ ޖެހުމަށް ކަރުދާހުގައި އިރުޝާދު ދީފައިވާނެއެވެ.
މިފަހަރުގެ އިންތިޚާބުތަކަށް ތިން ބާވަތެއްގެ ވޯޓު ކަރުދާސް ޗާޕުކޮށްފައިވާއިރު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ޖުމްލަ 297,959 ވޯޓު ކަރުދާސް ވަނީ ޗާޕްކޮށްފައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް 292,706 ވޯޓު ކަރުދާހާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓަށް 298,180 ވޯޓު ކަރުދާސް ވަނީ ޗާޕުކޮށްފައެވެ.
މިއާއެކު މި އިންތިޚާބުތަކަށް މުޅި ޖުމްލަ 888,845 ވޯޓު ކަރުދާސް އިލެކްޝަންސް ކޮމިޝަނުން ވަނީ ޗާޕުކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނައިން ކަރުދާސް ޗާޕުކޮށްފައިވަނީ މާލެ ސިޓީއަށެވެ. އެގޮތުން މާލެ ސިޓީއަށް 58,953 ކަރުދާސް ޗާޕުކޮށްފައިވާއިރު، އައްޑޫ ސިޓީއަށް 21,538 ކަރުދާސް، ފުވައްމުލައް ސިޓީއަށް 9,947 ކަރުދާސް، ކުޅުދުއްފުށި ސިޓީއަށް 7,461 ކަރުދާސް އަދި ތިނަދޫ ސިޓީއަށް 5,967 ވޯޓު ކަރުދާސް ވަނީ ޗާޕުކޮށްފައެވެ.
ވޯޓުލާ މަރުކަޒަށް ވޯޓުލާން ވަންނަ ކޮންމެ މީހަކަށްވެސް ވޯޓުލާ މަރުކަޒުތެރެއަށް ވެއްދޭނީ އެ މީހާގެ އައިޑީ ކާޑު، ނުވަތަ ޕާސްޕޯޓު ނުވަތަ ޕާސްޕޯޓު ކާޑު ނުވަތަ ލައިންސަންސް ކާޑާއި ނޫކުލައިގެ ދެލީގެ އާދައިގެ ގަލަމެއް އެކަންޏެވެ. މި ލިޔުންތަކަކީ، މުއްދަތު ހަމަނުވާ ލިޔެކިޔުންތަކަކަށް ވާންޖެހޭނެއެވެ.
ޤާނޫނުގައި ވޯޓުލާން ވަންނަ މީހަކު އަޑު ނުވަތަ މަންޒަރު ރެކޯޑު ކުރެވޭފަދަ ތަކެތި ވޯޓުލާ މަރުކަޒަށް ވެއްދުން ވަނީ މަނާކޮށްފައެވެ. އެހެންކަމުން އީ-ފާސް މެދުވެރިކޮށް ޑިޖިޓަލް އައިޑީ ކާޑު ދައްކައިގެން ވޯޓުލުމުގެ ފުރުސަތު މި އިންތިޚާބުގައިވެސް އެއްވެސް ރައްޔިތަކަށް ނުލިބޭނެއެވެ.
މީގެ ކުރިން ބޭއްވި ބައެއް އިންތިޚާބުތަކުގައިވެސް ވޯޓުލާންޖެހޭ މަރުކަޒު ނުބަލައި ވޯޓުލާތަނަށްގޮސް ނުބައި ކިޔޫއަށް އެރުމުގެ ކަންކަން ވަނީ ދިމާވެފައެވެ. މިހެން ދިމާވަނީ ވޯޓުލާން ދިއުމުގެ ކުރިން އެ މީހަކު ވޯޓުލާންޖެހޭ މަރުކަޒާއި ވޯޓު ފޮށި ކަށަވަރުނުކުރާތީއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ކޮންމެ މީހަކަށްވެސް އެ މީހަކު ވޯޓުލާން ދާންޖެހޭ މަރުކަޒާއި ވޯޓު ފޮށި އަދި ވޯޓު ފޮށި ހުރިތަނުގެ ތަފްސީލު ފަސޭހައިން ބަލާލެވޭނެ އިންތިޒާމު ހަމަޖައްސާފައެވެ. އެގޮތުން، VR ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކޮށް، އައިޑީ ކާޑު ނަންބަރު ޖެހުމަށްފަހު 1414 އަށް އެސްއެމްއެސްއެއް ކޮށްލުމުން އެ މީހެއްގެ ވޯޓުފޮއްޓާ ގުޅޭ ހުރިހާ މައުލޫމާތެއް އެސްއެމްއެސްގެ ޒަރީއާއިން ލިބިގެންދާނެއެވެ.
މި މައުލޫމާތު ކުރިއާލައި ބެލުމަށްފަހު ވޯޓުލާން ދިއުމުން ގިނަ ވަގުތު ވޯޓުލާ މަރުކަޒުތަކުގައި ހޭދަކުރަން ނުޖެހި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވޯޓުލުމުގެ ޙައްގު އަދާކޮށް ނިންމާލެވޭނެއެވެ.
ރާއްޖޭގައި ބާއްވާ ކޮންމެ އިންތިޚާބެއްގައިވެސް ފެނިގެންދަނީ އެންމެ ފަހު ވަގުތު ވޯޓުލާން ދިއުމަށް ގިނަ ބަޔަކު މަޑުކުރާ ކަމެވެ. ވޯޓު ފޮށި ބަންދުކުރަން ވަގުތުކޮޅަކަށްވާއިރު ފޮށިތައް ކައިރީގައި ކިޔޫގައި ޖެހޭ މީހުންގެ އަދަދު އިތުރުވެއެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވޯޓުލުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާއިރު އޭގެ ފައިދާ ނަގައި، ވީހާވެސް އަވަހަށް ވޯޓުލުމުގެ ޙައްގު އަދާކުރެވޭނެއެވެ.
މި އިންތިޚާބުތަކުގައިވެސް ވޯޓުލުން ކުރިއަށްދާނީ ހަވީރު 4:00 އާ ހަމައަށެވެ. އެއީ ކިޔޫ ބަންދުކުރާ ވަގުތެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވާ ގޮތުގައި ގުދުރަތީ ކަމެއް ދިމާވެގެން މެނުވީ އެއްވެސް އިންތިޚާބެއްގައި ވޯޓުލާ ވަގުތު އިތުރު ނުކުރަން އެ ކޮމިޝަނުން މިހާރު ނިންމަވާފައިވާ ކަމަށެވެ. މިފަހުން ބާއްވާ ކޮންމެ އިންތިޚާބެއްގައިވެސް އެ ކޮމިޝަނުން އަމަލުކުރަމުން އަންނަނީ މިގޮތަށެވެ. އެހެންކަމުން ވަގުތު އިތުރު ކުރާނެ ކަމުގެ އުއްމީދުގައި ނުވަތަ އެންމެ ފަހު ވަގުތަށް ވޯޓުލާން ދާން ވިސްނައިގެން ތިބޭކަމަށްވާނަމަ އެ މީހަކަށް ވޯޓުލުމުގެ ޙައްގު ގެއްލުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ކައުންސިލް އިންތިޚާބުގައި ސައްޙަވޯޓުގެ ގޮތުގައި ބަލައިގަންނާނީ އެ މަޤާމަކަށް އިންތިޚާބުކުރަންޖެހޭ ކެންޑިޑޭޓުންގެ އަދަދަށް ނުވަތަ އެއަށްވުރެ މަދުން، ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ރަނގަޅު އެއް ފާހަގަ ޖަހާފައިވާ ވޯޓެވެ. އަދި ފާހަގަ ޖެހުމުގެ ތަފާތު މިސްރާބަށް ޖަހާފައިވާ ނުވަތަ ފާހަގަ ޖެހުމުގައި ބައްޓަމަށް ތަފާތު ބަދަލު އައިސްފައި ހުރިނަމަވެސް ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ޖަހާފައިވާ ފާހަގައަކީ ރަނގަޅުފާހަގައިގެ ވައްތަރެއް ކަމުގައި ދެނެގަނެވޭ ވޯޓެއްނަމަ އެ ވޯޓު ސައްޙަ ވާނެއެވެ.
މީގެ އިތުރުން ފާހަގަޖެހުމަށް ޚާއްސަކޮށްފައިވާ ގޮޅީގައި ނޫން ނަމަވެސް އެ މަޤާމަކަށް އިންތިޚާބުކުރަންޖެހޭ ކެންޑިޑޭޓުގެ އަދަދަށް ނުވަތަ އެއަށްވުރެ މަދުން، ކެންޑިޑޭޓުގެ ނަމާ ދިމާގައި ނުވަތަ ނިޝާނުގައި ރަނގަޅު އެއް ފާހަގަ ޖަހާފައިވާ ވޯޓާއި ވޯޓުކަރުދާހުގައި ޖަހާފައިވާ ރަނގަޅު ފާހަގަ ފެވިފައި ނުވަތަ ފާހަގަޖެހޭ ގޮތަކުން ރަނގަޅު ފާހަގައިގެ މަތީގައި އިތުރު ރަނގަޅު ފާހަގައެއްޖެހިފައިވާ ވޯޓުތައްވެސް ބަލައިގަންނާނީ ސައްޙަ ވޯޓުގެ ގޮތުގައެވެ.
ބާޠިލު ވޯޓާއި ޞައްޙަ ވޯޓު ކަނޑައަޅާނީ ވޯޓުގުނާ މަރުކަޒުގެ އިސްވެރިޔާއެވެ. ވޯޓު ގުނަން ތިބޭ މީހުންގެ މެދުގައި ޚިލާފެއް އުފެދިއްޖެ ހިނދެއްގައި އެ ވޯޓު އެއީ ބާޠިލު ވޯޓެއްކަން ނުވަތަ ބާޠިލު ވޯޓެއް ނޫންކަންވެސް ކަނޑައަޅާނީ ވޯޓުގުނާ މަރުކަޒުގެ އިސްވެރިޔާއެވެ.
އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންނާއި ސިޔާސީ ޕާޓީތަކާއި އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އިންތިޚާބާ ގުޅިގެން އެއްވެސް ޝަކުވާއެއްވާނަމަ އެ ޝަކުވާ ފޯމު މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު މިހާރުވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.
އެކޮމިޝަނުން ގާއިމުކޮށްފައިވާ ޤައުމީ އިލެކްޝަންސް ކޮންޕްލެއިންޓްސް ބިއުރޯ އާއި ރަށު ފޯކަލް ޕޮއިންޓު މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށް އިންތިޚާބަށް އިއުލާންކުރުމާއެކު އެ ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.
މީގެ އިތުރުން އީމެއިލް ([email protected]) މެދުވެރިކޮށްވެސް ޝަކުވާ ހުށަހެޅޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ