ރާއްޖޭގެ ގައުމީ އަންހެން ފުޓްސަލް ޓީމުން މުޅިން އަލަށް ބައިނަލްއަގުވާމީ މެޗެއްގައި ކުޅެ، ނެރުނު ނަތީޖާ އަކީ ކުރިއަށް ދިއުމަށް ހިތްވަރެއް ކަމަށާއި އެންމެ ފުރަތަމަ ރާއްޖޭގައި ކުރަން ޖެހޭ ކަމަކީ ފުޓްސަލް ކުޅޭނެ ތަނެއް ތަރައްގީ ކުރުން ކަމަށް މަޝްހޫރު ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
ރާއްޖޭގެ އަންހެން ފުޓްސަލް ޓީމެއް މިއަދު ވަނީ ބައިނަލްއަގުވާމީ ލެވަލްގައި ފުރަތަމަ މެޗު ކުޅެފަ އެެވެ. އެ ގޮތުން، ތައިލެންޑުގެ ނޮންތަބުރީގައި ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި، ރާއްޖެ ވަނީ 11-1 އިންޑިއާ އަތުން ބަލިވެފަ އެވެ.
މީގެ ކުރިން، ޓްރެއިނިން މެޗެއް ވެސް ގައުމީ ފުޓްސަލް ޓީމުން ކުޅެފައިނުވާއިރު، މުބާރާތް ކުޅުމަށް ތައިލެންޑަށް އައުމުގެ ކުރިން އިންޑޯއެއްގައި ޕްރެކްޓިސްކޮށްފައެއް ވެސް ނުވެ އެވެ. ތައިލެންޑަށް އައުމަށް ފަހު، އިންޑޯގައި ޓްރެއިނިން ކުރިއަށްގެންދިއުމުގެ ފުރުސަތު ލިބިގެންދިޔައިރު، މިއަދު އިންޑިއާއާ ބައްދަލުކުރީ މުޅިން އަލަށް އިންޑޯއެއްގައި ކުޅުނު މެޗުގަ އެވެ. އިންޑިއާ އިން މި މުބާރާތަށް އައީ މަހެއްހާ ދުވަހު އިންޑޯގައި ޕްރެކްޓިސްތައް ބާއްވައިފަ އެވެ.
އިންޑިއާއާ ދެކޮޅަށް ރާއްޖޭން ކުޅުނު އެ މެޗާ ބެހޭގޮތުން، ޝުއޫރުފާޅުކޮށް، ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު، ސުޒޭން، ސޯޝަލް މީޑިއާގައި ބުނެފައިވަނީ، ސާފް ވިމެންސް ފުޓްސަލް މުބާރާތުގައި މިއަދު ގައުމީ އަންހެން ފުޓްސަލް ޓީމު ނެރުނުނަތީޖާ އަކީ ކުރިއަށް ދިއުމަށް ލިބުނު ފުރުސަތުތަކުގެ ފެށުމެއް ކަމަށެވެ.
އަދި، މި މެޗުގެ ނަތީޖާ ނުކުތް ގޮތުން، ރާއްޖޭގެ ޓީމު "އިސް ދަށަށް ޖަހޭލަން ޖެހޭ ސަބަބެއް ނެތް" ކަން ފާހަގަކޮށް ސުޒޭން ބުނީ، ކުރިމަގުގައި ކާމިޔާބު ހޯދަން ކުރާ މަސައްކަތްތައް ގިނަ ކަމަށާއި ކާމިޔާބާ ހަމައަށް ވާސިލްވެވޭނީ އެކަން ކުރަން ހުރިހާ ދިމާލަކުން ތައްޔާރުވެގެން ކަމަށެވެ.
"ރާއްޖޭގައި ފުޓްސަލް ކޯޓެއް ނެތް. އެންމެ ފުރަތަމަ ކުރަން ޖެހޭ އެއް ކަމަކީ، ކުޅޭނެ ކޯޓެއް ތަރައްގީ ކުރުން. ޓީމުގެ ކޯޗު އާއި އޮފިޝަލުންގެ މަސައްކަތް ފެނުނީ ވަރަށް ފުރިހަމަކޮށް،" ސުޒޭން ބުންޏެވެ.
މިއަދުގެ މެޗުގައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ ފުރަތަމަ ގޯލު ޖަހައިދިން މަރިޔަމް ނޫރާގެ އެ ގޯލު ފާހަގަކޮށް ސުޒޭން ވަނީ ކުރިއަށް ހުރި މެޗުތަކަށް ކާމިޔާބަށް އެދިފަ އެވެ.
މިދިޔަ ސަރުކާރުގެ ކުޅިވަރާ ބެހޭ މިނިސްޓަރު، އަހުމަދު މަހުލޫފް، ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ދައުރު ނިމުމުގެ ކުރިން ފުޓްސަލް އިންޑޯއެއް އަޅާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު، ދައުރު ނިމުނުއިރު، އެ އަށް އަމަލީ ސިފައެއް ނާދެ އެވެ. އަދި، މި ސަރުކާރު ފެށިގެން ހަފްތާ 14 ގެ ތެރޭގައި، ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) އާއި އެޗްޑީސީ އަދި، ފިނޭންސް މިނިސްޓްރީން ފުޓްސަލް/ނެޓްބޯލް ކޮމްޕެލްކްސްގެ ބިމާ ގުޅޭ އެއްބަސްވުމެއް ވެސް ހެދި އެވެ.
އެ ގޮތުން، ސަރުކާރުގެ ދެ މިނިސްޓްރީ އާއި އެޗްޑީސީން، 24 ފެބްރުއަރީ 2025 ގައި، ނެޓްބޯލް އާއި ފުޓްސަލް ކޮމްޕްލެކްސްގެ ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރިއިރު، "އަދަދު ސްޕޯޓްސް" އިން ހުށަހެޅި މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގު (އާރްޓީއައި)ގެ ޖަވާބުގައި، ނޮވެމްބަރު 16 ވަނަ ދުވަހު، މިނިސްޓްރީން ބުނެފައިވަނީ، ނެޓްބޯޅަ އާއި ފުޓްސަލް ކޮމްޕެލްކްސްގެ، "މަސައްކަތް ނުފަށާ،" ކަމަށެވެ.
ސާފް ފުޓްސަލް މުބާރާތަށް ތައްޔާރުވާން ރާއްޖޭގެ ގައުމީ ފިރިހެން ފުޓްސަލް ޓީމު މިދިޔަ މަހު އެއްކޮށް ޕްރެކްޓިސް ކުރީ ހުޅުމާލޭ ރެހެންދި ފުޓްސަލް ޓާފުގަ އެވެ. އަދި، އޭގެ ފަހުން، 10 ދުވަހުގެ ޓްރެއިނިން ކޭމްޕެއް ޗައިނާގައި ފުރިހަމަކުރި އެވެ. މީގެ ކުރިން، އޭއެފްސީ، ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ކުޅެފައިވާ ރާއްޖޭން، ސާފްގެ ފުޓްސަލް މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި، މާދަމާރޭ ކުޅޭނީ ޕާކިސްތާންއާ އެވެ. އެ މެޗު ފަށާނީ ރާއްޖެ ގަޑިން 18:00 ގަ އެވެ.
އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ފުޓްސަލް ކުޅޭނެ ތަނެއް ތަރައްގީ ކުރުުން: ސުޒޭން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ފުޓްސަލް ކުޅޭނެ ތަނެއް ތަރައްގީ ކުރުުން: ސުޒޭން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ