10އަހަރު ފަހުން ގަލޮޅު ސިޓީ ޕާކު ތަރައްގީކޮށް، އާންމުންނަށް ހުޅުވާލައިފި
ދިހަ އަހަރަށް ފަހު، ގަލޮޅު ސިޓީ ޕާކު ތަރައްގީކޮށް، މިއަދު އާންމުންނަށް ހުޅުވާލައިފިއެވެ. މި ޕާކު ހުޅުވައިދެއްވީ، މާލޭގެ މޭޔަރު އާދަމް އާޒިމެވެ. އާޒިމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، އެ ޕާކު ހުޅުވުނީ، ދިހަ އަހަރު ފަހުންނެވެ. މީގެ ކުރިން އެ ޕާކުގައި އޮތީ، ޓިނު ޖަހައި ބަންދުކޮށްފައެވެ. އަލުން އެ ތަން ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ، ޑިސެމްބަރު އަށެއް، 2024ގައެވެ. މޭޔަރު ވިދާޅުވި ގޮތުގައި، އެ ޕާކު ހެދުމަށް ގާތްގަނޑަކަށް ސިޓީ ކައުންސިލްގެ ބަޖެޓުން 2.5 މިލިއަނެއްހާ ރުފިޔާ ޚަރަދުވިއެވެ. އަދި، ޕާކު ހެދުމަށް ހޭދަވީ، އަށް ވަރަކަށް މަސް ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. މިއަދު ހުޅުވި ގަލޮޅު ޕާކު: އެ ތަން ހުޅުވީ ބަންދުކޮށްފައި ހުންނަތާ ދިހަ އަހަރު ފަހުން ---- ފޮޓޯ/ މާލެ ސިޓީ ކައުންސިލް އެގޮތުން، ޑިޒައިންކޮށް، ފުރިހަމައަށް ހެދުމަށްފަހު ޕާކު ހުޅުވުމަކީ، ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އެ ޕާކު ހުޅުވީ، ބެޑްމިންޓަން ކޯޓަކާއި ތްރީއޮން ތްރީ ބާސްކެޓް ބޯޅަ ކޯޓަކާއި އެކި ޢުމުރުފުރައިގެ މީހުން ކަސްރަތު ކުރާނެ ތަނަކާއި ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލާނެ ޖާގައަކާ އެކީގައެވެ. އޭގެއިތުރަށް، ކުޑަކުދިން ކުޅުމަށް ޚާއްޞަ ސަރަޙައްދަކާއި އެކި ކަހަލަ ހަރަކާތްތައް ބާއްވާނެ ތަނަކާއި އެކި ކަންކަމަށް ބޭނުންހިފޭ ގޮތަށް ޑިޒައިންކޮށްގެނެވެ. މިއަދު ހުޅުވި ގަލޮޅު ޕާކުގައި ކަސްރަތު ކުރުމަށް ހަދާފައި ހުރި އައުޓްޑޯ ޖިމް --- ފޮޓޯ/ މާލެ ސިޓީ ކައުންސިލް މޭޔަރު އާޒިމް ވިދާޅުވީ، މައިގަނޑު އެއް އަމާޒަކީ، ޖާގަ ލިބެން އޮތް މިންވަރަކުން ހިތް ފަސޭހަ މައިޒާންތައް މާލެ ސިޓީގައި ގާއިމްކޮށް، ރައްޔިތުންނަށް އުފާވެރިކަން ގެނެސް ދިނުން ކަަމަށެވެ. އެގޮތުން، މި ޕާކު ބޭނުންކުރާ ހުރިހާ އެންމެން ޕާކު ރީތިކޮށް ބޭއްވުމަށް މަސައްކަތްކޮށް ދިނުމަށް އާޒިމް ވަނީ އިލްތިމާސްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ