މޯލްޑިވް ގޭހުން ގޭސް ޝިޕްމަންޓަކަށް އެޑްވާންސަށް ދެއްކި ފައިސާ ގެއްލުނު މައްސަލަ މަޖިލީހުން ބަލަން ހުށަހަޅައިފި
ރާއްޖެއަށް ގޭސް އެތެރެކުރާ ސަރުކާރު ކުންފުނި މޯލްޑިވް ގޭސްއިން އޮކްޓޯބަރު 2024ގައި އޯޑަރުކުރި އަށްލައްކަ ޑޮލަރުގެ ގޭސް ޝިޕްމަންޓްގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ދެއްކި 250،000 އެއްހާ ޑޮލަރު ގެއްލުނު މައްސަލައިގެ ފުރިހަމަ ތަހުގީގެއް މަޖިލިސް މެދުވެރިކޮށް ހިންގުމަށް ހުށަހަޅައިފިއެވެ. އެ ފައިސާ ގެއްލިފައިވާކަން ހާމަކުރެއްވީ މިދިޔަ އޭޕްރިލް މަހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު ނާޒިމެވެ. ނާޒިމް އޭރު ވިދާޅުވީ، އެއީ ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ޝިޕްމަންޓަކަށް އޮކްޓޯބަރު 2024ގައި ދެއްކި ފައިސާ ކަމަށެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަން އޭނާ ހާމަ ނުކުރައްވައެވެ. ވީނުވީއެއް ނޭނގި އެ ފައިސާ ގެއްލިފައިވާއިރު، ގޭސް ރާއްޖެއަށް އައިސްފައި ނެތްކަން ނާޒިމް ފާހަގަކުރެއްވިއެވެ. އަދި މިހާތަނަށް އެ ފައިސާ ހޯދުމުގައި އެއްވެސް ކާމިޔާބެއް ލިބިފައި ނެތްކަމަށް ނާޒިމް ވިދާޅުވިއެވެ. https://sun.mv/204581 ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީ މެދުވެރިކޮށް މި މައްސަލަ ތަހުގީގުކުރުމަށް ދަންނަވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله އަށް މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު ފޮނުއްވި ސިޓީއެއްގައިވަނީ، މޯލްޑިވް ގޭސްއިން އެޑްވާންސްގެ ގޮތުގައި ދެއްކި ފައިސާ ގެއްލުމަކީ ސަރުކާރު ކުންފުންޏެއް މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތުތަކެއް ކަމަށެވެ. އެއާއެކު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުالله މުޙައްމަދު، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދަށާއި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދަށް ބިރުދެއްކުން ދޭހަވާ ފަދަ ގޮތަކަށް ޕޯސްޓެއް ކުރައްވާފައިވާ ކަމަށް، ޝާކިރުގެ ސިޓީގައި ތުހުމަތުކުރައްވާފައިވެއެވެ. އެހެންވެ، އެ މައްސަލަ ވެސް ކަމާ ބެހޭ ރައްޔިތުންގެ މަޖިލީހުން ބެލުމަށް، އެ ސިޓީގައި ދަންނަވާފައިވެއެވެ. ފާހަގަކުރެވޭ ގޮތުގައި މިމަހުގެ ފަސްވަނަ ދުވަހު ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައި ޒިޔާދު ވަނީ، ޢަބްދުالله ޖުވާކުޅުނު ކަމަށް ތުހުމަތުކުރައްވައިފައެވެ. "އަޅުގަނޑު މި ދަންނަވަނީ މިސާލާ އެކު، ހަމަ މާލިއްޔަތު ކޮމިޓީން އަޅުގަނޑުމެން ބެލި އެއް މައްސަލައެއްގައި އަޅުގަނޑު އަޑުއެހިން ހަމަ ގައިމު ވެސް ބުނާތީ، 250،000 ޑޮލަރެއްގެ ވާހަކަ. އެ ކުންފުނި ހަވާލުވެ ހުރި އެމްޑީ، އާޚިރުގައި ކަންވީ ގޮތަކީ ހަމަ ކިރާ ބެޓަށް އަޅާލާ ކުޅެލީ ކަމަށް ވަނީ، އެ ފައިސާއެއް ނެތް،" ޒިޔާދު ވިދާޅުވިއެވެ. އޭނާ ވަނީ ޤާނޫނުލްޢުޤޫބާތަށް ގެންނަ އިސްލާހު ފާސްވެއްޖެ ނަމަ ޢަބްދުالله އަށް ކުރާ ތުހުމަތުތައް ބަލާނެތޯއާއި އެ މައްސަލަ ބެލޭނެތޯ ވެސް ސުވާލުކުރައްވައިފައެވެ. މި ކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން ޢަބްދުالله ވިދާޅުވީ، ޖުވާ ކުޅުމާއި ބެޓުކުރުން ފަދަ އެއްވެސް ހަރަކާތެއްގައި އޭނާ ބައިވެރިވެވަޑައިގެންފައި ނޯންނާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ޒިޔާދު ކުރެއްވި ތުހުމަތުތަކަށް ރައްދުދެއްވައި އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވުމަކީ އަބުރު ކަތިލުމަށް ލިބޭ ފުރުސަތެއް ނޫން ކަމަށެވެ. https://sun.mv/216301 ފާހަގަކުރެވޭ ގޮތުގައި މޯލްޑިވް ގޭސްގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައެއް ވެސް ފުލުހުން ތަހުގީގުކުރަން ފެށިއެވެ. މޯލްޑިވް ގޭސްއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެވެ. އެ ކުންފުންޏަށް މީގެ ކުރިން ވެސް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވިފައިވެއެވެ. އެގޮތުން، މިދިޔަ އެމްޑީޕީ ސަރުކާރުގައި ވެސް އެ ކުންފުނީގެ ވެރިންނަށް ތިއްބެވި ބޭފުޅުން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ފެންމަތިވުމާ އެކު އެކަން ބަލަން ފެށިއެވެ. އޭގެ ތެރޭގައި ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް, މޯލްޑިވްސް ގޭސްއާ ހަވާލުކޮށްގެން ގެނެސްފައިވާ މެޑިކަލް އޮކްސިޖަން ސިލިޑަރުތަކުން ވެސް "ވައްކަން"ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ