މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނާ އަރުޝަދު ހާލިދުގެ މައްޗަށް މީގެ ނުވަ އަހަރު ކުރިން އޭނާ ކުރަން އުޅުނު ވައްކަމުގެ މައްސަލައެއް ސާބިތުވެ، ނުވަ މަހަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.
ވީ ކިހިނެއް؟- ގދ. ހޯނޑެއްދުއަށް އުފަން އަރުޝަދު، މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި އެކި ފަހަރު މަތިން ހައްޔަރު ކުރި ނަމަވެސް މިހާތަނަށް އޭނާގެ މައްޗަށް އެއްވެސް މައްސަލައެއް ސާބިތުވެފައެއް ނުވެ އެވެ. ކޮންމެ ފަހަރަކު ވެސް ކްރިމިނަލް ކޯޓާ ހަމައިން އޭނާ ސަލާމަތްވަނީ، 'ހެއްކާއި ގަރީނާ' ނެތް ކަމަށް ކޯޓުން އެންގުމުންނެވެ.
އެކަމަކު އެންމެ ފަހުން އިއްޔެ އޭނާގެ މައްޗަށް ސާބިތުވީ، މީގެ ނުވަ އަހަރު ކުރިން، 2016 ވަނަ އަހަރު އޭނާ ކުރަން އުޅުނު ވައްކަމެއްގެ މައްސަލަ އެވެ. އެ ވެސް ސާބިތުނުވާ ކަމަށް ބުނެ، 2019 ވަނަ އަހަރު ކޯޓުން ބޭރުކޮށްލި މައްސަލަ އެކެވެ.
ކްރިމިނަލް ކޯޓުން ބުނިގޮތުގައި:
އަރުޝަދުގެ މައްޗަށް ހުކުމް ކުރީ، 2016 ވަނަ އަހަރު ކުރި ވައްކަމަކާ ގުޅިގެން
އެއީ، ގ. ނިއުޝާރާޒުގޭގައި ހުންނަ ވިއު ކޮންސްްޓްރަކްޝަންސް އޮފީސް ފަޅާލައި އެތަނުގައި ހުރި ތިޖޫރީ އާއި ބައެއް ތަކެއްޗަށް ގެއްލުން ދިން މައްސަލައެއް
އޭނާގެ މައްޗަށް ކުރީ ވައްކަމާއި މުދަލަށް ގެއްލުން ދިނުމުގެ ދެ ދައުވާ. އެކަމަކު 2019 ވަނަ އަހަރު ކްރިމިނަލް ކޯޓުން ނިންމީ ދެ ދައުވާ ވެސް އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް
އެއާއެކު އެ މައްސަލަ އިސްތިއުނާފުކޮށް، އަލުން މައްސަލަ ބެލުމަށް ހައި ކޯޓުން ކްރިމިނަލް ކޯޓުން އެންގި
މައްސަލަ އަލުން ބަލަން އެންގިތާ ހަ އަހަރު ފަހުން، ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކުރީ، ދެ ދައުވާ ވެސް އަރުޝަދުގެ މައްޗަށް ސާބިތުވާ ކަމަށެވެ. އެއީ ވައްކަން ކުރަން އުޅުމުން ދެ މަހާއި ދުވަހުގެ ޖަލު ހުކުމާއި މުދަލަށް ގެއްލުން ދިނުމުން ހަތް މަހުގެ ޖަލު ހުކުމެވެ.
ހައި ކޯޓުން ބުނިގޮތުގައި އެ ދައުވާތައް އަރުޝަދުގެ މައްޗަށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ، އެކަމާ ދެކޮޅަށް ހުށަހެޅި ހެކިތަކަށް އެއްގޮތަކަށް ވެސް ރިއާޔަތްކުރުމަކާ ނުލަ އެވެ.
އެނގުން މުހިއްމު- އަރުޝަދު އެންމެ ފަހުން ހައްޔަރު ކުރީ، 2022 ވަނަ އަހަރު، 119 ކިލޯގެ މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގެ ތުހުމަތުގަ އެވެ. އެ މައްސަލައިގައި ފުލުހުންނަށް އަތުނުވާން އޭނާ ފިލައިގެން ޑުބާއީއަށް ވެސް ދިޔަ އެވެ.
އެކަމަކު ހައްޔަރު ކުރިތާ އެއް ދުވަސް ނުވެ، އެކަށީގެންވާ ވަރަށް ހެއްކާއި ގަރީނާ ނެތް ކަމަށް ބުނެ އޭނާ ދޫކޮށްލީ އެވެ.
އޭގެ ކުރިން 2020 ވަނަ އަހަރުގެ މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ވެސް އަރުޝަދު ހައްޔަރުކުރި އެވެ. އެކަމަކު އެއިން އެއްވެސް މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެފައެއް ނުވެ އެވެ.
މަސްތުވާތަކެތީގެ ބޮޑެއް، އެކަމަކު ސާބިތުވީ ނުވަ އަހަރު ކުރިން ކުރި ކުޑަ ވައްކަމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ