އީރާނުގެ ރައްދު ހަމަލާތައް މިއަދު ވެސް ޔޫއޭއީ އާއި ގަތަރަށް

އީރާނަށް އަމާޒުކޮށް އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، ގަލްފުގެ ސަރަހައްދަށް އީރާނުން ދެމުންދާ ހަމަލާތައް އިތުރަށް ފުޅާކުރުމާ ގުޅިގެން، މިއަދު ވެސް ޔޫއޭއީގެ ދުބާއީ އާއި ގަތަރުގެ ދޯހާއިން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިއްޖެ އެވެ.
މި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދޭނެ ކަމަށް އީރާނުން ބުނެފައިވީ ނަމަވެސް، އަވަށްޓެރި ގަލްފުގެ ގައުމުތަކުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ބައެއް މިސައިލާއި ޑްރޯންތައް ވަނީ ވެއްޓިފަ އެވެ. ދުބާއީ މީޑިއާ އޮފީހުން ހާމަކުރި ގޮތުގައި، ހުއްޓުވި ޑްރޯންތަކުގެ ބައިތައް ގެތަކަށް ވެއްޓުމުގެ ސަބަބުން ދެ މީހަކަށް ވަނީ އަނިޔާވެފަ އެވެ.
މި ހާދިސާތަކުގައި ދުބާއީގެ ފާހަގަކޮށްލެވޭ ބައެއް ތަންތަނަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފަ އެވެ. މީގެ ތެރޭގައި ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓާއި ބުރުޖު އަލް އަރަބް ހޮޓަލުގެ އިތުރުން ޕާމް ޖުމެއިރާ ހިމެނެ އެވެ.
މީގެ އިތުރުން، ހުއްޓުވި މިސައިލެއްގެ ބައިތައް ޖަބަލް އަލީ ބަނދަރުގެ ސަރަހައްދަށް ވެއްޓި އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ސަބަބުން އެ ސަރަހައްދުން ބޯ ކަޅު ދުން ވަނީ އަރާފަ އެވެ. ފަތުރުވެރިކަމާއި ވިޔަފާރީގެ މައި މަރުކަޒެއް ކަމަށްވާ ދުބާއީއަކީ ދުނިޔޭގެ އެންމެ ބާރުބޮޑު އެއް އެއާޕޯޓު ހިންގާ ސިޓީ އެވެ.
ގަތަރުގެ ދާހިލީ ވުޒާރާއިން ބުނީ، ހުއްޓުވި މިސައިލެއްގެ ބައިތައް ސިނާއީ ސަރަހައްދަކަށް ވެއްޓި ހިނގި އަލިފާނުގެ ހާދިސާއެއް ކޮންޓްރޯލް ކުރުމުގެ މަސައްކަތް އެ ވުޒާރާއިން ކޮށްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ