ފުލައިޓުތައް ކެންސަލްވުމުން 1،400 އެއްހާ ފަތުރުވެރިން ނުފުރި އެބަތިބި: ޠާރިޤް

މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ހަނގުރާމައިގެ ހާލަތު ގޯސްވުމާ ގުޅިގެން ފުލައިޓުތަކަށް އައި ބަދަލުގެ ސަބަބުން ކެންސަލްވި ފުލައިޓުތަކުން ނުފުރި 1،400 ފަތުރުވެރިން އެބަތިބި ކަމަށް، ޓޫރިޒަމް މިނިސްޓަރު ޠާރިޤް އިބްރާހީމް ރޭ ވިދާޅުވެއްޖެއެވެ. މިނިސްޓަރާއި އެއާޕޯޓުތަކާ ބެހޭ ކުންފުނި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދު ހިމެނޭހެން ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވަނީ، ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގެ ބައިނަލްއަގުވާމީ ޓާމިނަލުގައި ތިބި ފަތުރުވެރިންނާ ބައްދަލުކުރައްވައި ހާލު އަހުވާލު ބައްލަވައިފައެވެ. އެ ސަރަހައްދުގައި ތިވި ނޫސްވެރިންނާ ބައްދަލުކުރައްވައި ޠާރިޤް ވިދާޅުވީ، ފުލައިޓުތައް ކެންސަލްވުމުގެ ސަބަބުން މިވަގުތު އެއާޕޯޓުގައި ތާށިވެފައި ތިބި ފަތުރުވެރިންގެ ތެރެއިން ބައެއް ފަތުރުވެރިން އެދުނީ އެ މީހުން ކުރިން ތިބި ގެސްޓްހައުސްތަކަށާއި ރިސޯޓުތަކަށް ދެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަމަށެވެ. އަދި އެހެން ފުލައިޓެއްގައި ދެވޭނެ ގޮތް ފަހިކޮށްދޭން ބައެއް އެހެނިހެން ފަތުރުވެރިން އެދުނުއިރު، އެއާޕޯޓުގައި ތިބެވޭނެ އިންތިޒާމު ހަމަޖައްސައިދޭން ވެސް އިތުރު ފަތުރުވެރިންތަކެއް އެދުނު ކަމަށް، ޠާރިޤް ވިދާޅުވިއެވެ. "މެދުއިރުމަތީ މި ހަނގުރާމައާ ހެދި އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އޮތީ 1،400 އެއްހައި ފަތުރުވެރިންގެ ފުލައިޓު ކެންސަލްވެ، ފަތުރުވެރިންނަށް ޑިސްރަޕްޝަން އައި، އެހެންވެ، އެ ބޭފުޅުންނަށް ނުފުރިފައި ތިބި،" މިނިސްޓަރު ވިދާޅުވިއެވެ. ޠާރިޤް އިތުރަށް ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައިގެ ހާލަތުގެ ސަބަބުން އަށް ފުލައިޓެއް ކެންސަލްވެ، އޭގެ ތެރެއިން ދެ ފުލައިޓެއް ނުފުރި އެބައޮތް ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި، މިވަގުތު އެއާޕޯޓުގައި ތިބި ފަތުރުވެރިންނަށް، ކުރީގެ ޑޮމެސްޓިކް ޓާމިނަލުގެ ތެރޭ ތިބެވޭނެ އިންތިޒާމު، ގޮނޑިއާއި އިންޓަނެޓާ އެކީ ވަނީ ހަމަޖައްސައިދީފައެވެ. އަދި ފަތުރުވެރިންނަށް އިތުރު މައުލޫމާތުދީ، އެ މީހުން ބޭނުންވާ އެހީތެރިކަން ދިނުމަށްޓަކައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާ ގުޅިގެން ހެލްޕްޑެސްކެއް ގާއިމްކޮށްފައިވާ ކަމަށް ވެސް ޠާރިޤް ވިދާޅުވިއެވެ. ޓޫރިޒަމް މިިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައިވަނީ، މެދުއިރުމަތީގެ ހަނގުރާމައިގެ ހާލަތުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބުރޫއަރައި، ފުލައިޓުތައް ދަތުރުކުރާ ވަގުތަށް ބަދަލު އައިސްފައިވާތީ، އެ ބަދަލުތައް ކަށަވަރުކުރުމަށް ރިސޯޓުތަކަށާއި، ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނަށް އިލްތިމާސްކޮށްފައެވެ. އެ މިނިސްޓްރީގެ ބަޔާނުގައިވަނީ، ދަތުރުތައް ކެންސަލްވުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބައިނަލްއަގުވާމީ ޓާމިނަލްގައި މަޑުކުރަންޖެހިފައިވާ ފަރާތްތަކާއި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުގައި މަޑުކުރަންޖެހިފައިވާ ފަރާތްތަކުން، އެއާލައިންތަކާއި ކަމާގުޅުންހުރި ފަރާތްތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ސަމާލުކަން ދިނުމަށްވެސް އިލްތިމާސްކޮށްފައެވެ. އިސްރާއީލުން އީރާނަށް ހަމަލާ ދިނުމުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ހޫނުވެ، ސަރަހައްދީ ވައިގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ބުރޫތަކެއް އަރައިފައެވެ. އެގޮތުން މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. މީގެ ސަބަބުން ސަޢޫދީ ހިމެނޭހެން އެ ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ވައިގެ ދަތުރުތަކަށް ވަނީ ބަދަލުތަކެއް ގެންނަން ޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ