މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ވައިގެ ދަތުރުފަތުރު ހުއްޓި، ރާއްޖެ އަންނަ ފަތުރުވެރިންގެ %30-%35 މަދުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި މިނިސްޓަރު މިއަދު ވިދާޅުވީ މިދިޔަ މަހުގެ ހިސާބުތަކަށް ބަލާއިރު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 8،800 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށެވެ. އޭގެ %30-%35 މީހުންނަކީ މެދުއިރުމަތިން ނުވަތަ އެ ސަރަހައްދުގެ އެއާލައިންތަކުގައި އައިސްފައިވާ މީހުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ތަފްސީލް - މި ނަންބަރުތަކަށް އިޝާރާތް ކުރައްވާ ތޯރިގު ވިދާޅުވީ ދަތުރުތައް ހުއްޓާލާފައި އޮތުމުން ފަތުރުވެރިންގެ އަދަދު %30-%35 މަދުވާނެ ކަމަށެވެ.
"އަޅުގަނޑުމެން އިތުރު ގޮތްތައް ހޯދަމުން މިދަނީ،" ތޯރިގު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ބަލަނީ ކޮބާތޯ އިތުރު އޮޕްޝަންތަކަކީ ރާއްޖެއަށް އިތުރު ފަތުރުވެރިން ގެނައުމަށް ހުރި އަދި އިތުރު މާކެޓުތަކަކީ ކޮބާތޯ ބަލާ އެއަށް އަންނަ ހީނަރުކަން ވީހާ ވެސް ކުޑަކުރުމަށް."
އެގޮތުން، މެދުއިރުމަތީގައި ޓްރާންސިޓް ނުކުރާ ފްލައިޓުތަކުގެ ފްރެކުއެންސީ އިތުރުކުރެވޭނެ ގޮތްތައް ބަލާ، ހާއްސަކޮށް ޗައިނާ އާއި އިންޑިއާ ފަދަ މާކެޓުތަކުގެ ފްލައިޓު ފްރެކުއެންސީ އިތުރުކޮށް ފަތުރުވެރިންގެ އަދަދު މަދުވުމުގެ ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ގުޅުން ހުރި - މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވައިގެ ދަތުރުފަތުރަށް އައިސްފައިވާ މަޑުޖެހުމާއެކު ރާއްޖޭގައި ތިބި 4،929 ފަތުރުވެރިޔަކަށް އަސަރުކޮށްފައިވާ ކަމަށް މިނިސްޓަރު މިއަދު ވިދާޅުވި އެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ބުރޫ އަރާފައިވާ މި ދަނޑިވަޅުގައި، ހާލަތުގެ އަސަރުތައް ކުޑަކުރުމަށް އިތުރު އެއާލައިންތައް ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ވަނީ ބުނެފަ އެވެ.
އެ މިނިސްޓްރީން ބުނީ މެދުއިރުމަތިން ރާއްޖެއަށް ކުރާ ދަތުރުތަކަކީ ރާއްޖޭގެ އިގްތިސޯދަށް، ހާއްސަކޮށް ފަތުރުވެރިކަމަށް މުހިއްމު ދަތުރުތަކެއްކަމަށާއި އެންމެ އިސް އަމާޒަކީ ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި ރާއްޖެން ބޭރަށް ދަތުރުކުރާ ދިވެހިންނަށް އަދި ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވެދާނެ ދަތިތައް ކުޑަކުރުން ކަމަށެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ، ހާލަތުގެ ސަބަބުން ކުރާ އަސަރުތައް ކުޑަކުުރުމަށް ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އޭޝިއާ އަދި އިންޑިއާގެ އިތުރު އެއާލައިންތައް ރާއްޖެ ގެނައުމާ ގުޅޭ މަޝްވަރާތައް ކަމާ ގުޅުންހުރި ފަރާތްތަކާ އެކު ކުރަމުން އަންނަ ކަމަށެވެ.
ދަތުރުތައް ހުއްޓާލުމުން ފަތުރުވެރިންގެ އަދަދު %35 މަދުވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ