މެންޗެސްޓަރ ޔުނައިޓެޑް ކޯޗު ކަމާއި ވަގުތީ ގޮތުން ހަވާލުވި ނެދަރލޭންޑްސްގެ ރޫޑް ވެންނިސްޓެލްރޫއީގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ލެސްޓަރ ސިޓީ އަތުން 5-2 ގެ ނަތީޖާއަކުން މޮޅުވެއްޖެ އެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑްޓްރެފަޑް ގައި ހަތްދިހަ ތިން ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި އިނގިރޭސި ލީގު ކަޕްގައި ކުޅުނު މި މެޗު ކާމިޔާބުކޮށް އެ ޓީމުން ވަނީ މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފަ އެވެ.
މެޗުގެ ފުރަތަމަ ހާފްގައި ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފަނަރަ ވަނަ މިނިޓުގައި މެންޗެސްޓަރ ޔުނައިޓެޑްގެ ކަސެމީރޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ 13 މިނިޓު ފަހުން ގަރްނާޗޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ލެސްޓަރ ސިޓީން ވަނީ މި މެޗުގައި މެންޗެސްޓަރ ޔުނައިޓެޑްގެ ޑިފެންސް ލައިންއިން ހަދަމުންދިޔަ ގޯސްތަކުގެ ފައިދާ ނަގާ މެޗުގެ 33 ވަނަ މިނިޓުގައި ލަނޑެއް ކާމިޔާބުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބިލާލް އެލްކަނޫސް އެވެ.
ލެސްޓަރ އިން ލަނޑެއް ޖެހިތާ ތިން މިނިޓު ފަހުން މެންޗެސްޓަރ ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ. އަދި 39 ވަނަ މިނިޓުގައި ކަސެމީރޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 4-1 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ކުޅުމުގައި ލެސްޓަރ ސިޓީގެ ކޮނޯ ކޯޑީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކޮށްފަ އެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ކަމުން އެރިކް ޓެންހާގް ވަކި ކުރުމަށްފަހު އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި މެންޗެސްޓަރ ޔުނައިޓެޑުން ޖެހި ފަސްވަނަ ލަނޑު މެޗުގެ 59 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބްރޫނޯ ފެނާންޑޭޒް އެވެ.
ނިސްޓެލްރޫއީގެ ފުރަތަމަ މެޗުން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ