ތޮއްޑޫގައި ކުރިއަށްދާ ހޭންޑްބޯލް އެޓް ސްކޫލް ޕްރޮގްރާމަށް ބޮޑު ތަރުހީބެއް!

ފިޒިކަލް އެޑިއުކޭޝަން (ޕީއީ) ޓީޗަރުންނަށް އަމާޒުކޮށްގެން އއ. ތޮއްޑޫގައި ހޭންޑްބޯލް ޕްރޮގްރާމެއް ފަށައިގެން ކުރިއަށް އެބަދެއެވެ. ހޭންޑްބޯލް އެޓް ސްކޫލް ޕްރޮގްރާމްގެ ނަމުގައި ހޭންޑްބޯލް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމުގައި ގިނަ އަދަދެއްގެ ޓީޗަރުން ބައިވެރިވެފައިވެ އެވެ. ސްކޫލްތަކުގެ ޕީއީ ޓީޗަރުންނަށް އަމާޒުކޮށްގެން ތޮއްޑޫގައި ކުރިއަށްގެންދާ ހޭންޑްބޯލް އެޓް ސްކޫލް ޕްރޮގްރާމުގައި އެކި ރަށްރަށުން ޖުމްލަ 40 ޓީޗަރުން ބައިވެރިވާ ކަމަށް ހޭންޑްބޯލް މޯލްޑިވްސް އިން މައުލޫމާތު ދެއެވެ. ހޭންޑްބޯލް މޯލްޑިވްސް އިން އއ. ތޮއްޑޫގައި ކުރިއަށް ގެންދާ ހޭންޑްބޯލް އެޓް ސްކޫލް ޕްރޮގްރާމްގެ ތެރޭން -- ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން (އައިއެޗްއެފް)ގެ ހޭންޑްބޯލް އެޓް ސްކޫލް ޕްރޮގްރާމް ހިންގުމުގެ ފުރުސަތު ލިބުނު ދެކުނު އޭޝިއާގެ ދެ ގައުމުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. މިހާރު ކުރިއަށްދާ އެ ޕްރޮގްރާމު ކުރިއަށްގެންދަނީ އައިއެޗްއެފްގެ އިންސްޓްރަކްޓަރު މރ. ކްލައުސް ފެލްޑްމަންގެ އިރުޝާދާއެކު އެވެ. ހޭންޑްބޯލް އެޓް ސްކޫލް ޕްރޮގްރާމް ތޮއްޑޫގައި ބޭއްވުމުގެ ކުރިން މާލޭގައި ވެސް ބާއްވާފައިވެ އެވެ. މާލޭގައި ބޭއްވި ޕްރޮގްރާމަށް ވެސް ގިނަ ޓީޗަރުންތަކެއްގެ ތަރުހީބު ލިބިގެން ގޮސްފައިވެ އެވެ. ތޮއްޑޫގައި އިއްޔެ ފެށިގެން ކުރިއަށްދާ އެ ޕްރޮގްރާމުގައި ބައިވެރިވުމަށް ގިނަ ޓީޗަރުންތަކެއް އެދުނު ނަމަވެސް ވިއްސާރައިގެ ސަބަބުން ބައެއް ޓީޗަރުންނަށް ބައިވެރިވެވިފައެއް ނުވެ އެވެ. އެ ޕްރޮގްރާމް މާދަމާގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ހޭންޑްބޯލް މޯލްޑިވްސް އިން މައުލޫމާތުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ