ސިފައިންނަށް އަމާޒުކޮށްގެން ގާސިމް ދެއްކެވި ވާހަކަތައް ކުށްވެރިކޮށްފި

ސިފައިންނަށް އަމާޒުކޮށްގެން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ އދ. މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ދެއްކެވި ވާހަކަތައް ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭން ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ކުއްވެރިކުރައްވައިފިއެވެ.
ރިޔާސީ ކެންޕޭނުގެ ތެރެއިން އުތުރުގެ ރަށެއްގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ، ރާއްޖޭގައި ދިވެހި ސިފައިންނަށް ނުވަދެވޭ ތަންތަން ހުންނަ ކަމަށް ވިދާޅުވެ މި ސަރުކާރަށް ފާޑުވިދާޅުވެފައެވެ.
އެމްޑީޕީގެ ކެމްޕެއިން އޮފީހުގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ، ސިޔާސީ ޕޯޑިއަމްތަކުގައި ސިފައިންނަކީ "ތާރޑް ގްރޭޑް"ސިފައިން ކަމަށް ވިދާޅުވާތީ ސިފައިން ކަންބޮޑުވާކަމަށެވެ.
މިކަން ހަރުކަށި އިބާރާތުން ކުއްވެރިކުރައްވާ ކަމަށާއި، ސިފައިންނާއި ފުލުހުންގެ ވާހަކައަކީ ސިޔާސީ މީހުން ސިޔާސީ ޕޯޑިއަމްތަކުގައި ދައްކަން ޖެހޭނެ ވާހަކައެއް ނޫން ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ. މާރިޔާ ވަނީ ސިޔާސީ ފަރާތްތަކުން މިފަދަ އަމަލުތައް ހުއްޓަލުމަށް ގޮވާލައްވާފައެވެ.
މާރިޔާ ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުގެ ފަސް އަހަރު މި ދައުރުގައި ސިފައިންގެ ގާބިލުކަން އިތުރުކުރަން މިއިން ޒަމާނެއްގައިވެސް ހަރަދު ނުކުރާ މިންވަރަށް ހަރަދުކޮށްފައިވާ ކަމަށާއި، މި ސަރުކާރުގެ ފަސް އަހަރު ދުވަހު ސިފައިންގެ ސާފު ރެކޯޑެއްވެސް އޮންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ