ޓޯކުރި ސައިކަލެއް ނުދިނުމުން އެސައިކަލު ދޭން ކޯޓުން އަމުރުކޮށްފި
ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރުމުން ފުލުހުން ޓޯކުރި ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބުނެ ސައިކަލުގެ ވެރިފަރާތާ ހަވާލު ނުކުރުމުން އެސައިކަލު ދޭން ސިވިލް ކޯޓުން އަމުރުކޮށްފިއެވެ. މ. ވޭލާ، އިސްމާއިލް ޝާފިއު މުހައްމަދު ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ އޭނާގެ ސައިކަލު A0B2898 އަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބުނެ ފުލުހުން އެސައިކަލު ނުދިނުމުންނެވެ. އެމައްސަލަ ބަލައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބުނެ ފުލުހުންނަށް މިހާތަނަށް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ޓްރާންސްޕޯޓް އޮތޯރިޓީން އެސައިކަލުގެ ވެރި ފަރާތެއްގެ ގޮތުގައި ރެޖިސްޓްރީކޮށްފައިވަނީ ޝާފިއު ކަމަށް ކޯޓު ހުކުމުގައި ބުނެފައިވެއެވެ. ޝަރީއަތަށް ހުށަހެޅުނު ލިޔުންތަކަށް ބަލާއިރު އެސައިކަލަކީ ޝާފިއުގެ އެއްޗެއް ނޫންކަަމަށް ކަނޑައެޅޭނެ ތަނެއް ނެތް ކަމަށް ކޯޓުން ވަނީ ބުނެފައެވެ. އެހެންކަމުން އިއްޔެއިން ފެށިގެން ތިން ދުވަހުގެ ތެރޭގައި އެ ސައިކަލު ޝާފިއުއާ ހަވާލު ކުރަން ފުލުހުންށާއި ދިވެހި ދައުލަތަށް އަންގައި ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ފުލުހުންގެ އިންފޮމޭޝަން އޮފިސަރު 'ސަން' އަށް ވިދާޅުވީ، ފުލުހުން ޓޯކުރާ ސައިކަލަކީ ސައިކަލުގެ ވެރިމީހާގެ އެއްޗެއްކަން އެމީހަކު ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ. ސާބިތުކޮށް ނުދެވިއްޖެ ނަމަ ފުލުހުން އެ ސައިކަލެއް ދުލެއް ނުކުރާނެ ކަމަށާއި ދެން ޖެހޭނީ ކޯޓު މެދުވެރިިކޮށް ސައިކަލު ހޯދަން ކަަމަށް އިސްމާއިލް ވިދާޅުވިއެވެ. " ބައެއް ފަހަރު އެބަހުރޭ އެކި ސައިކަލުގެ އެކި ބައިބައި ލައިގެން އަލުން ސައިކަލެއް ހަދައި އެމީހެއްގެ ނަމަށް ރެޖިސްޓްރީކޮށްފައި. އެހެންވީމަ ފުލުހުން ބަލާނެ އިންޖީނާ ސައިކަލުގެ ރެޖިސްޓްރީ ނަމްބަރާ ދިމާވޭތޯ. ދިމާނުވާނަމަ އަދި އެމީހެއްގެ އެއްޗެއްކަން އެމީހަކަށް ސާބިތުކޮށް ނުދެވޭނަމަ ފުލުހުން އޭތި ދުލެއް ނުކުރާނެ،" ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ވިދާޅުވި އެވެ. ކޯޓުން އެ ސައިކަލަކީ ވެރިމީހާގެ ސައިކަލެއްކަން ނިންމާ ހިސާބުން އެމީހަކާ ސައިކަލު ހަވާލު ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ