މެމްބަރު ހައިތަމް މަޖިލީހަށް ވަޑައިނުގަންނަވާތީ ސަލާމުގެ މުއްދަތު ނިމޭނެ ދުވަހެއް ބަލަނީ
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ހައިތަމްގެ ސަލާމުގެ މުއްދަތު ނިމޭނެ ތާރީޚެއް ނޭންގޭތީ އެކަން މަޖިލީހުގެ އިދާރާއިން ސާފު ކުރަމުންދާ ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މިއަދު މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ މިއަދުގެ ޖަލްސާއަށް ވެސް ފަސް މެމްބަރަކު ސަލާމް ވިދާޅުވެފައިވާއިރު މެމްބަރު ހައިތަމްގެ ސަލާމުގެ ތާރީޚު ނިމޭނެ ދުވަހެއް ވިދާޅުވެފައި ނުވާ ކަމަށެވެ. "މަޖިލީހުގެ އިދާރާއިން އެކަން ސާފުކުރުމަށް އިއްޒަތްތެރި މެމްބަރުގެ އަރިހުގައި ވާނީ ދަންނަވާފައި." ރައީސް ނަޝީދު ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ހާޒިރީ ޖުމްލަ ގޮތެއްގައި ދަށްވެފައިވާއިރު މިއަދުގެ މަޖިލީހުގެ ޖަލްސާ ފަށާފައިވަނީ 31 މެމްބަރުންނާއެކުގައެވެ. މީގެ އިތުރުން މި ދައުރުގެ ފުރަތަމަ ޖަލްސާ ވެސް ފަށާފައިވަނީ މަޖިލީހުގައި ތިއްބަވާ 87 މެމްބަރުންގެ ތެރެއިން 43 މެންބަރުންނާއެކުގައެވެ. މަޖިލީހުގެ ހާޒިރީ ވަރަށް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު ބިލުތަކަށް ބަހުސް ކުރައްވާ މެމްބަރުންގެ އަދަދުވެސް ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން ބަހުސް ކުރާނެ މެމްބަރެއް ނެތިގެން އެއް މެންބަރަކު ދެ ފަހަރަށްވުރެ ގިނަ ފަހަރުވެސް ވަނީ އެއް ބިލަކަށް ވާހަކަދައްކަވާފައެވެ. މަޖިލީހުގެ ޖަލްސާތަކަށް ބަލާއިރު މިހާރުވެސް ނުނިމި ހުރި މަސައްކަތުގެ ތެރޭގައި އަށް ކަމެއް އެބައޮތެވެ. ނަމަވެސް ބަހުސް ކުރައްވާނެ މެމްބަރަކު ނެތުމާއެކު މަޖިލީހުގެ ޖަލްސާތައް ދަނީ ނިންމާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ