ވެހިރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އުވާލަން ނިންމާ އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް އިލެކްޝަންސް ކޮމިޝަނުން އެންގި އެންގުމާއި ގުޅިގެން އެ ޕާޓީން ހައިކޯޓަށް ހުށައެޅި މައްސަލަ ބޭރުކޮށްލައިިފި އެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގެ 12 ވަނަ މާއްދާއިން ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ގާނޫނު ލާޒިމުކުރާ 3،000 މެންބަރުން ހަމަކުރުމަށް ޑީއާރުޕީއަށް ދިން ތިން މަސް ދުވަހުގެ މުއްދަތުގައި އެ އަދަދަށް މެންބަރުން ހަމަވެފައި ނުވާތީ އެ ޕާޓީ އުވާލަން ނިންމައިފައިވާ ކަމަށެވެ.
އެގޮތުން ޑީއާރްޕީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށާއި ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ ގޮތުގެ މަތީން ޕާޓީ އުވާލުމުގެ އިޖުރާއާތު ފުރިހަމަކުރުމަށް އެ ޕާޓީއަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ލިޔުމުން އަންގާފައެވެ.
މި މައްސަލައިގަ އެޕާޓީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި ބުނެފައި ވަނީ ޕާޓީގައި ތިބި 10،000އަށް ވުރެ ގިނަ މެންބަރުން އުސޫލާ ޚިލާފަށް ޕާޓީން ވަކިކޮށްފައިވާ ކަމަށެވެ. އަދި، އީސީގެ ނިންމުމުގެ ސަބަބުން ޕާޓީއާއި ޕާޓީގެ މެންބަރުންގެ ހައްގުތަކަށް ހުރަސް އެޅިފައިވާ ކަމަށާއި ގާނޫނުން ލިބިދީފައިވާ ހައްގަކަށް ހުރަސް އެޅުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ.
އެހެންވެ، އީސީގެ ނިންމުން ބާތިލުކޮށް، ގަވާއިދާ ޚިލާފަށް ޕާޓީން ވަކިކޮށްފައިވާ 10،000އަށްވުރެ ގިނަ މެންބަރުން އަލުން ޕާޓީއަށް ރުޖޫއަކޮށްދޭން އެ ޕާޓީގެ ފަރާތުން ވަނީ އެދިފައެވެ.
އެކަމަކު، ރަޖިސްޓަރާގެ ނިންމުމުގައި ބުނެފައިވަނީ އެ މައްސަލައަކީ ފުރަތަމަ މަރުހަލާގައި އެކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ. އެހެންވެ، އެ މައްސަލަ ވަނީ ބޭރުކޮށްލައިފައެވެ.
މިކަމާ ގުޅިގެން ޑީއާރުޕީގެ ވަގުތީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މީޑިއާއަކަށް ވިދާޅުވީ އެ މައްސަލަ ހައިކޯޓުން ބޭރުކޮށްލުމުން އެކަމާ ގުޅިގެން ވަކި ގޮތެއް ނިންމާނީ ގާނޫނީ ވަކީލުންގެ ޓީމުން ކަމަށާ މިހާރު އެންމެ އިސްކަމެއް ދީގެން ކުރަމުން ގެންދަނީ އާ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކަމަށެވެ.
ޑީއާރުޕީ އުވާލަން ނިންމި މައްސަލަ ކޯޓުން ބޭރަށް، ޖާބިރު އައު ޕާޓީއަކާ ދިމާލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ