މޭ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސިއްޙީ ދާއިރާގެ މުސާރަ ބޮޑުވާނެ: ރައީސް

އަންނަ މޭ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސިއްޙީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ބޮޑުވެގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ރިޔާސީ ބަޔާނުގައި ރައީސްވަނީ ސިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ މުސާރަ ބޮޑުކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ޑޮކްޓަރުންނާއި ނަރުހުނާއި ސިއްޙީ ޚިދުމަތްތެރިންގެ މުސާރަ ބޮޑުކުރުމަށް މިއަހަރަށް ދަޢުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބަޖެޓުގައިވެސް ވަނީ 500 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ.
ރައީސް ވިދާޅުވީ މުސާރައާއި ގުޅޭގޮތުން މިދިޔަ އަހަރު ގެނެވުނު ހެޔޮ ބަދަލާއެކު އެތައް އާއިލާތަކެއްގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުވެއްޖެ ކަމަށެވެ. އަދި ޕޭ ހާމަނައިޒްކުރުން ނިމިގެންދާއިރު ޝަރުއީ ދާއިރާއާއި އިމާމުންންނާއި މުދިމުންނާއި ޖުމްލަކޮށް ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުން މިކަމުގައި ޝާމިލުވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރިޔާސީ ބަޔާނުގައި ރައީސް ވަނީ އަންނަ މަހު ރާއްޖޭގެ ޔުނިވާސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލުތައް އަންނާނެ ކަމަށް ވިދާޅުވެފައެވެ.
ޕޭ ހާމަނައިޒް ކުރުން ނިމިގެން ދާއިރު، ޝަރުއީ ދާއިރާ އާއި އިމާމުންނާ މުދިމުންނާ އަދި ޖުމްލަކޮށް ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުން ޝާމިލްވާނެ ކަމަށްވެސ ރައީސް ސޯލިހު ވިދާޅުވިއެވެ.
ރާއްޖޭގެ ޚިދުމަތުގެ ދާއިރާތަކުގެ މުވައްޒަފުންގެ ޚިދުމަތަށް އެކަށީގެންވާ މުސާރައެއް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުފުޅަކަށް ވާއިރު ސިއްޙީ ދާޢިރާގެ މުސާރަ ބޮޑުކުރާނެކަމުގެ އިޝާރާތް އެންމެ ފުރަތަަމަ ރައީސް ދެއްވީ 2022ވަނަ އަހަރުގެ ފެބުރުއަރީމަހު ބޭއްވި ށ. އަތޮޅު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިނަށް އެރަށަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައިވެސް ސިއްޙީ ދާއިރާއަށްވަނީ ޖުމްލަ 5 ބިލިއަން ރުފިޔާ ހުށައަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ