ރައީސް އަދި ރަނގަޅު، މެޖޯރިޓީ އޮތަސް ސަބަބެއް ނެތި އަޒުލުކުރަން އުޅުން ގޯސް: ގާސިމް

ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލުކުރަން އުޅުން ގޯސް ކަމަށް ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިފަދައިން ވިދާޅުވީ ރައީސް ޑރ. މުއިއްޒު އަޒުލުކުރުމުގެ މަސައްކަތް މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެންބަރުން ފަށާފައި ވަނިކޮށެވެ.
އެކަމާ ގުޅިގެން ގާސިމް ވިދާޅުވީ ރައްޔިތުންގެ ފުރިހަމަ ބޮޑު އަޣުލަބިއްޔަތުން ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން ރައީސްގެ މަގާމަށް ރައްޔިތުން އިންތިހާބުކޮށްފައިވާ ރައީސް ޑރ. މުއިއްޒު މަގާމާ ހަވާލުވިތާ އަދި މިވީ އެންމެ ދެ މަސް ދުވަސް ކަމަށެވެ.
ރައީސް މުއިއްޒު ގާނޫން އަސާސީ އާއި ގާނޫނާއި ހިލާފު ނުވާހާ ހިނދަކު ރައީސްކަމުގެ މަގާމުގެ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނިނުވާހާ ހިނދަކު ސިޔާސީ ގޮތުން ބަދަލުހިފުމުގެ ނިޔަތުގައި ތިމާމެން ވެރިކަމާ ހަވާލުވެގަތުމަށްޓަކައި އެއްވެސް ހަމައެއް ލަމައެއް ނެތި ރައީސް އަޒުލު ކުރުމަކީ ނުވަތަ އަޒުލުކުރަން ހުށަހެޅުމަކީވެސް ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުމެއް ކަމުގައި ނޫނީ ނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އަމުދުން ދައުރެއް ނިމެމުންދާ މަޖިލިސްއެއްގެ ތެރެއިން މިފަދަ އަމަލެއް ހިންގުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށެވެ. އަދި ރައީސް ގެ ނޯކޮންފިޑެންސް ނުވަތަ އިތުބާރު ނެތްކަމަށް ނަގަން ޖެހޭނީ އެކަށޭނެ ސަބަބުތަކެއް ހުރެގެން ކަމަށާއި މަޖިލީހުގެ މެޖޯރިޓީ އޮތަތީވެ ހަމަ ތިބެފަ ޖެއްސުމަށް ކޮށްލާ ކަމަކަށް މިފަދަ ކަންކަން ކުރުމަކީ ގައުމުގެ ދުސްތޫރީ ހަމަތަކާއި ޑިމޮކްރަސީގެ އުސޫލުތަކާއިވެސް މުޅީން ހިލާފު އަމަލެއް ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.
ގާސިމް ވިދާޅުވީ މިފަދަ އަމަލުތަކުގެ ސަބަބުން ގައުމަށް ލިބެގެންދާނީ އިތުރު ހިތާމައި ނިކަމެތި ކަމެއް ކަމަށާއި އެހެން ކަމުން ރައީސް އަޒުލުކުރުމަށް ފަށާފައިވާ މަސައްކަތް އެއްވެސް ޝަރުތެއް ނެތި ހުއްޓާލުމަށް ނަސޭހަތްތެރިވާ ކަމަށެވެ.
ގާސިމް އިތުރަށް ވިދާޅުވީ މިހާތަނަށް ރައީސް ޑރ. މުއިއްޒު ވެރިކަން ކުރައްވަމުން އެގެންދަވަނީ ރައްޔިތުންނާއި ގައުމަށްޓަކައި ގައުމަށް ކުރިއެރުން ހާސިލް ކޮށް ދިނުމަށް ކަމަށެވެ. އެހެންކަމުން ރައީސްއަށް ގާނޫނީ ވެރިކަން ހިންގުމަށް ރައްޔިތުންގެ މަޖިލީހުން ފުރިހަމަ ފުރުސަތު ދޭންޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް ސަރުކާރާ އެއްކޮޅަށް ގިނަ ވާހަކަތަކެއް ވިދާޅުވަމުން ގެންދަވާއިރު މި ސަރުކާރުގެ ކެބިނެޓުގައި ތިއްބެވި މިނިސްޓަރުންނަށް ރުހުން ދިނުމަށް މަޖިލީހުން ނެގި ވޯޓުގައިވެސް ގާސިމް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ