އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތް ހެދުމަށް އިމިގްރޭޝަން ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް އިސްލާހު ހުށަހެޅުއްވީ މި ސަރުކާރު ނިމުމަކަށް ގެނައުމަށްޓަކައި ކަމަށް ވިދާޅުވެ، ބިލު ހުށަހެޅުއްވި މަގްސަދާ މެދު މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ސުވާލު އުފައްދަވައިފިއެވެ.
މީކާއީލް ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުން ގާސިމް ވަނީ، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އަށް މި ބިލު އިތުރަށް ދިރާސާކުރަން ފޮނުވުމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފައެވެ.
ގާސިމް ވިދާޅުވީ، އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ގާނޫނު އިސްލާހުކުރުމުގެ ކުރިން މިކަމާ މެދު ފުންކޮށް ވިސްނާލުމަށް ފަހު ނޫނީ ފިޔަވަޅު އެޅެން ނެތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ނިންމުން ވާން ވާނީ ރައްޔިތުންނާއި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް ނިންމާ ނިންމުމަކަށް ކަމަށާއި، ފިޔަވަޅު އަޅަން ޖެހޭނީ ހުރިހާ ނަޒަރިއްޔާއަކުން ވިސްނުމަށް ފަހު ކަމަށެވެ.
ބިލު ހުށަހެޅުއްވި މީކާއީލް ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހެޅުއްވީ އެއްވެސް ވަރަކަށް ދިރާސާއެއް ނުކުރައްވާ ކަމަށް ވިދާޅުވެ، ބިލު ހުށަހެޅުއްވި މަގްސަދާ މެދު ގާސިމް ވަނީ ސުވާލު އުފައްދަވައިފައެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ ސިޔާސީގޮތުން ޕީއެންސީގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެއްދުމަށްޓަކައި ހުށަހެޅިފައިވާ މައްސަލައެއް ކަމަށް އަޅުގަނޑު ދެކޭތީ އެ ވާހަކަ ދަންނަވާލަމުން..." ބަހުސް ކުރުކޮށްލައްވަމުން ވިދާޅުވިއެވެ.
އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތް ހެދުމަށްޓަކައި ސަރުކާރުން ވެސް ވަނީ ގާނޫނަށް އިސްލާހު ހުށަހަޅަން ނިންމައިފައެވެ. އެކަމަކު ހުށަހަޅަނީ ކޮން އިސްލާހެއްކަން ސަރުކާރުން ހާމައެއް ނުކުރެއެވެ. ނަމަވެސް މީކާއީލްގެ ބިލަށް ވެރިކަންކުރާ ޕީއެންސީން ތާއީދުކުރާކަން ވަނީ ހާމަކޮށްފައެވެ.
އިޒްރޭލުގެ ޕާސްޕޯޓް މަނާކުރާ ބިލު: މީކާއީލްގެ ނިޔަތާ މެދު ގާސިމް ސުވާލު އުފައްދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ