ގާސިމް ދެއްވީ ނަހުލާ ވަފާތެރި މެންބަރަކަށްވާނެ ކަމުގެ ޔަގީންކަން!

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވާ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި އަނބިކަނބަލުން އާއިޝަތު ނަހުލާ ހޮވައިދީފި ނަމަ، ރައްޔިތުންނަށް ވަފާތެރި މެންބަރަކަށް ވެވަޑައިގަންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ނަހުލާ ވާދަކުރައްވާނީ ޖޭޕީގެ ޓިކެޓުގައެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރުކަމުގެ މަގާމު އަދާކުރެއްވި ނަހުލާއަކީ ޖޭޕީގެ ޑެޕިއުޓީ ލީޑަރެކެވެ.
ގާސިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އަންހެނުންގެ ބާރުވެރިކަން އިތުރުކޮށް، މަދަނީ، އިގުތިސާދީ އަދި އިޖުތިމާއީ ކަންކަމުގައި އަންހެނުންގެ ދައުރު ފުޅާކޮށް، ފުރުސަތުތައް ފަހިކުރުމުގެ މަތިވެރި އަޒުމުގައި، ހުޅުމާލޭ ދެކުނު ދާއިރާގެ ރައްޔިތުންގެ މަންދޫބެއްގެ ގޮތުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާނީ ނަހުލާ ކަމަށެވެ. އަދި ގާނޫނު ހަދާ މަޖިލީހަކީ އެ މަޖިލީހަކަށް ތަޖުރިބާ އާއި ހިކުމަތްތެރި، ވިސްނުންތެރި އަމާނާތްތެރިން އިންތިހާބުކުރަން ޖެހޭ ތަނެއް ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑު އެދެނީ ހުޅުމާލޭ ދެކުނު ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ތާއީދާއި އެއްބާރުލުން އަޅުގަނޑުމެންގެ ކެންޑިޑޭޓަށް ލިބިގެންދިއުމެވެ. ދާއިރާ އާއި ދިވެހި ޤައުމުގެ އެންމެހާ ރައްޔިތުންނަށް އިހުލާސްތެރި، ވަފާތެރި މެންބަރެއްކަމުގައި އަޅުގަނޑުމެންގެ ކެނޑިޑޭޓް ވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ..،" ގާސިމް ވިދާޅުވިއެވެ.
މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވާކަން ނަހުލާ އިއުލާންކުރެއްވީ މިމަހުގެ އެއްވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ