ބަދަލުގެ ގޮތުގައި ޖީއެމްއާރުން 803 މިލިޔަން ޑޮލަރު ހޯދުމަށް އެދިއްޖެ

އިންޑިޔާގެ ޖީއެމްއާރު ކުންފުންޏާ ދިވެހި ސަރުކާރާ ދެމެދުގައި ވެފައިވާ އެއްބަސްވުން ޤާނޫނާ ޚިލާފަށް އުވާލި މައްސަލައިގައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 803 މިލިޔަން އެމެރިކާ ޑޮލަރު ހޯދުމަށް ޖީއެމްއާރު ކުންފުނިން އެދިއްޖެއެވެ.
ޖީއެމްއާރުން ވަނީ، މި އަދަދަށް ފައިސާ ހޯދުމަށް ސިންގަޕޫރުގެ އާބިޓްރޭޝަން ޓްރައިބިއުނަލް ކޯޓަށް ވެސް ހުށަހަޅާފައެވެ. 803 މިލިޔަން ޑޮލަރު ބަދަލުގައި ހޯދައިދިނުމަށް ޖީއެމްއާރުން އެދިފައިވާ އިރު، މީގެ ކުރިން އެކުންފުނިން ބުނަމުން ދިޔައީ ދިވެހި ސަރުކާރުން ބަދަލުގެ ގޮތުގައި 1.4 ބިލިޔަން ޑޮލަރު ދޭން ޖެހޭނެ ކަމަށެވެ.
އެކުންފުނިން ރަސްމީ ފަރާތްތަކަކަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، އެގްރީމެންޓް ދިވެހި ސަރުކާރުން އުވާލުމުގެ ސަބަބުން ޖީއެމްއާރުގެ ނަމަށް ވަނީ ވަރަށް ބޮޑު އުނިކަމެއް ލިބިފައި ކަމަށާއި، އެކަމުގެ ބަދަލު ބޭނުންވާ ކަމަށެވެ. އަދި ޖީއެމްއާރާ އެކު ދިވެހި ސަރުކާރުން ވެފައިވާ ކޮންސެޝަން އެގްރީމެންޓް ޤާނޫނާއި އެގްރީމެންޓާ ޚިލާފަށް އުވާލުމުގެ ސަބަބުން އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 803 މިލިޔަން ޑޮލަރު ހޯދުމަށް އެދޭ ކަމަށް ވެސް އެސިޓީގައި ބުނެފައި ވެއެވެ.
"[ކުންފުންޏަށް ވިޔަފާރީގައި ލިބިފައިވާ ނަމަށް ލިބުނު ގެއްލުމުގެ ބަދަލު[ ގެ އިތުރުން، ޖީއެމްއާރުން ވަނީ އެގްރީމެންޓް އުވާލުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ބަދަލުގައި 803 މިލިޔަން ޑޮލަރު ހޯދުމަށް އެދިފައި،" އެ ސިޓީގައި ވެއވެ.
ޖީއެމްއާރުން ރާއްޖޭގެ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމަށް ދިވެހި ސަރުކާރާ އެކު ކޮންސެޝަން އެގްރީމެންޓެއް ވެފައި ވަނީ 2010 ވަނަ އަހަރު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ސަރުކާރުގައެވެ.
ނަމަވެސް، 2012 ވަނަ އަހަރު މި އެގްރީމެންޓް، ވަނީ، ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި އުވާލާފައެވެ.
މިކަމާ ގުޅިގެން، ޖީއެމްއާރުން ސިންގަޕޫރުގެ ކޯޓެއްގައި ހިންގި ޢާބިޓްރޭޝަން މައްސަލައެއްގެ އަޑުއެހުން ކުރިޔަށް ގެންގޮސްފައިވާ އިރު، އެ ކޯޓުން ވަނީ ދިވެހި ސަރުކާރުން ޖީއެމްއާރު އެގްރީމެންޓް އުވާލީ ޤާނޫނާއި ޚިލާފަށް ކަމަށް ނިންމައި، ޖީއެމްއާރަށް އާބިޓްރޭޝަން ފީއެއް ދެއްކުމަށް އަންގާފައެވެ. އެފައިސާ މިއަހަރު ސަރުކާރުން ވަނީ ދައްކާފައެވެ.
ޖީއެމްއާރުން ބަދަލުގެ ގޮތުގައި 803 މިލިޔަން ޑޮލަރު ހޯދުމަށް އެދިފައިވާ އިރު، ދިވެހި ސަރުކާރުން މީގެ ކުރިން ބުނެފައި ވަނީ ޖީޢެމްއާރަށް ބަދަލުގައި ދޭންޖެހޭ ފައިސާގެ އަދަދު ކޯޓުން ކަނޑައަޅާނީ އަންނަ އަހަރުގެ ތެރޭގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ