މުސްލިމް ޑިޒައިނަރެއް ނިއު ޔޯކް ފެޝަން ވީކް ތަފާތު ކޮށްލައިފި

ނިއު ޔޯކް ގައި މިހާރު ކުރިއަށްދާ ހޫނު މޫސުމުގެ ފެޝަން ވީކްގައި ތަފާތު ކަންކަން ފެނިގެން ހިނގައްޖެ އެވެ. މިއަހަރުގެ ގިނަ ޝޯތަކުގައި އާ ގޮތްގޮތަށް ޑިޒައިންތައް ހުށަހަޅާދެވޭތޯ މަސައްކަތް ކޮށްފައިވާކަން ފާހަގަވެ އެވެ. އެކި ކުލަކުލައިގެ އެކި ސައިޒުގެ އަދި އެކި އުމުރުގެ މޮޑެލުން ވެސް ބޭނުންކޮށްފައިވެ އެވެ.
އެސިޑުގެ ޝިކާރައަކަށްވި އިންޑިއާގެ ރޭޝްމާ ގުރޭޝީ ވެސް ރަންވޭ މަތިން ފެނިގެން ދިޔަ އެވެ. ނަމަވެސް، ނިޔު ޔޯކް ފެޝަން ވީކް "މަލްޓިކަލްޗުރަލް" ޕްލެޓްފޯމެއް ގޮތަށް ދައްކުވައިދިނީ އަނީސާ ހަސީބުއާން އެވެ.
އިންޑޮނީޝިއާގެ އަނީސާ އަކީ ބައިނަލްއަގްވާމީ ފެޝަން ދާއިރާގައި އާ މޫނެކެވެ. އޭނާގެ އުފަން ގައުމުގައި ޑިޒައިނަރެއްގެ ގޮތުގައި ލޭބަލެއް އުފައްދައި މަސައްކަތްކުރަން ފެށީ މިދިޔަ އަހަރު އެވެ. ނަމަވެސް، އެންމެ މަތީ ފަންތީގެ ފެޝަން މާކެޓަށް ހެދުން ފަރުމާކުރާ ބްރޭންޑެއް ގޮތަށް އަނީސާގެ ބްރޭންޑު މިއަދު ވެގެން ހިނގައްޖެ އެވެ.
އަނީސާގެ ނިއު ޔޯކް ޝޯގެ ރަންވޭ މަތީ ހިނގާލި ކޮންމެ މޮޑެލެއް ވެސް ހުރީ ބުރުގާ އަޅައިގެންނެވެ. މިއީ ނިއު ޔޯކް ފެޝަން ވީކްގައި މުސްލިމުންނަށް ހާއްސަ ހެދުންތަކެއް، ބުރުގާ އަޅައިގެން ތިބި މޮޑެލުންތަކެއް ދައްކާލި ފުރަތަމަ ޝޯ އެވެ.
އަނީސާ ހަސީބުއާންގެ ޝޯ
މުސްލިމް ޒަމާނީ އަބާޔާ، އެކި ވައްތަރުގެ ޕޭސްޓަލް ކުލައިގެ ބުރުގާ އާއި ޕްރިންޓު ކޮށްފައިވާ ޖަމްޕްސޫޓު ފަދަ ނަލަ ސްޓައިލްތައް ދައްކާލި އެވެ. އޭނާގެ ޝޯގެ ފައިނަލް ޕީސްއެއް ގޮތަށް ހުށަހަޅައިދިނީ ރަން ފަށުވިން އެމްބްރޮއިޑާ ކޮށްފައިވާ ލޭސް އާއި އެކި ވައްތަރުގެ ބީޑިން މަސައްކަތް ކޮށްފައިވާ ހުދު ގައުނެކެވެ.
އަނީސިއާގެ ޝޯ ނިންމާލަން އޭނާ ނުކުތުމުން، ޝޯ ބަލަން ތިބި މީހުން އޭނާއަށް ވަރަށް ހޫނު ތަރުހީބެއް ދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ