ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކަސްޓަމަރެއްގެ އެކައުންޓެއްގެ މައުލޫމާތު އާންމުކޮށް ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ކުށް ސާބިތުވެ، އަށް އަހަރާއި 12 މަހަށް ޖަލަށްލުމަށް ހުކުމްކުރި ފ. ނިލަންދޫ ބީއެމްއެލް ބްރާންޗްގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލް ކަރީމް މިއަދު މިނިވަންވެއްޖެ އެވެ.
ގާސިމް މިނިވަންވެފައިވަނީ، ހުކުމުގެ މުއްދަތު ހަމަވެފައިވާތީ އެވެ. ގާސިމް ހައްޔަރު ކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 30 ވަނަ ދުވަހު އެވެ. ހުކުމްކުރުމާ ހަމައަށް ވެސް އޭނާ ހުރީ ފުލުހުންގެ ބަންދުގަ އެވެ. އެހެންކަމުން ހުކުމުގެ މުއްދަތު މިދިޔަ މަހުގެ 30 ވަނަ ދުވަހަށް ވަނީ ހަމަވެފަ އެވެ. ގާނޫނުގައިވާ ގޮތުން ޝަރީއަތަށް ބަންދުގައި ބަހައްޓާ މުއްދަތް ވެސް ހުކުމުގެ މުއްދަތުގެ ގޮތުގައި ގުނާނެ އެވެ.
އޭނާގެ މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ޕީޖީގެ އެދުމުގެ މަތިން ސިއްރު ކޮށްގެންނެވެ. އެހެންކަމުން މައްސަލާގެ ތަފްސީލެއް ލިބިފައެއް ނުވެ އެވެ. އަދި ހުކުމް ކުރުމަށް ބޭއްވީ ވެސް ސިއްރު އަޑުއެހުމެކެވެ.
ގާސިމް އަބްދުލް ކަރީމްގެ މައްޗަށް އުފުލީ އެނގިހުރެ ހުއްދަނޫން ގޮތެއްގައި މައުލޫމާތު ހޯދުމުގެ ދައުވާ އާއި އެނގިހުރެ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަކުރުމުގެ ދައުވާ އެވެ. މިދިޔަ ފެބުރުއަރީ މަހު ބީއެމްއެލްއިން ހުށަހެޅި މައްސަލައަކާ ގުޅިގެން ފުލުހުން އޭނާ ހައްޔަރުކުރީ، ބީއެމްއެލްގެ ކަސްޓަމަރެއްގެ މައުލޫމާތު ހުއްދަ ނެތި އާންމުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ކޮރަޕްޝަން އާ ގުޅުން ހުރި އެސްއޯއެފް ކުންފުނީގެ އެކައުންޓްގެ މައުލޫމާތު ލީކު ކުރި މައްސަލާގަ އެވެ. އޭނާ ކުރި އަމަލަކީ ވިސުލްބްލޯވިން ކަމަށް ބުނެ އޭނާ ދޫކޮށްލުމަށް އެކި ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.
ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކަށް ދޭ ބައިނަލްއަގުވާމީ އެވޯޑަކަށް އޭނާގެ ނަން ޓްރާންސްޕޭރަންސީ އިން ވަނީ ނޮމިނޭޓްކޮށްފަ އެވެ.
އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓް ހާމަކުރި ގާސިމް މިނިވަން ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ