ގޮނޑި ގެއްލިގެންދާނެ ގޮތަށް ހުކުމް ނުކުރާނެކަން ކަށަވަރު:ގާސިމް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ގޮތްތަކެއް ކަނޑައެޅުމަށް ބަންޑާރަ ނައިބު އެދިފައިވާ ގޮތަށް ސުޕްރީމް ކޯޓުން ހުކުމް ނުކުރާނެ ކަން ކަށަވަރު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ބަންޑާރަ ނައިބު މުހައްމަދު އަނިލް ހުށަހަޅުއްވާފައިވާ ގޮތަށް ހުކުމް ނުކުރާނެކަން ކަށަވަރު ވަނީ ގާސިމް ވިދާޅުވި ގޮތުގައި،  ޕާޓީ ބަދަލުކުރެއްވިޔަސް މެމްބަރުންނާއި ކައުންސިލަރުންގެ ގޮނޑި ގެއްލިގެން ނުދާނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ކަނޑައަޅާފައި އޮތުމުންނެވެ.
ބަންޑާރަ ނައިބު ހުށަހަޅުއްވާފައިވާ މައްސަލައަކީ ގާނޫނު އަސާސީއާ ހިލާފް ހުށަހެޅުމެއް ކަމަށާއި މިފަދަ ކަމެއްގައި ސުޕްރީމް ކޯޓުން ވެސް ގާނޫނާ ހިލާފު ނިންމުމެއް ނުނިންމަވާނެ ކަމުގެ ޔަގީންކަން ވެސް އެބަ އޮތް ކަމަށް ގާސިމް ވިދާޅުވި އެވެ.
"އެކަން ޔަގީން ކުރެވެނީ ކައުންސިލުންނާ ގުޅޭ ގޮތުން ގާނޫނެއް ފާސްކޮށްފައި ފޮނުވީމަ، އެބޭފުޅުން [ސުޕްރީމް ކޯޓުން] ވަނީ ރައްޔިތުން އިންތިހާބުކުރާ މީހަކު އެބޭފުޅުން އެމަގާމުން ވަކި ނުވާނެ ކަމަށް ދޭވަހާ ގޮތަށް މައްސަލަ ނިންމަވާފަ،" ގާސިމް ވިދާޅުވި އެވެ.
މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި ނަމަ، ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންގެ ހައްގުވެސް ގެއްލިގެންދާ ކަމަށް ގާސިމް ވިދާޅުވި އެވެ.  އެހެންކަމުން އެއްވެސް ގޮތަކަށް ސުޕްރީމް ކޯޓުން މިފަދަ ކަންކަމާ ފުށޫއަރާ ނިންމެވުމެއް ނިންމަވާނެ ކަމަށް ގަބޫލުނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބަންޑާރަ ނައިބު ކުޅުއްވަނީ ޑްރާމެއް ކަމަށާއި މިފަދަ ޑްރާމާތައް ކުޅުމުގެ ބަދަލުގައި ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ފަރާތްތަކުން އެ ޒިންމާތައް ފުރިހަމައަށް ވެސް އޭނާ ގޮވާލެއްވި އެވެ.
ބަންޑާރަ ނައިބު ހުށަހަޅުއްވާފައިވާ މައްސަލައަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދަނީ ތަދައްހުލްވަމުންނެވެ. މިފަދަ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅީ، ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމްއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 11 މެމްބަރަކު، ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރެއްވުމާއެކު އެވެ. މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދިފަހުން، އެ ޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ 10 މެމްބަރަކު ވަނީ ޕާޓީން ވަކިވެފަ އެވެ. ނަމަވެސް އެ މެމްބަރުން އަދި ވަކި ނުވާކަމަށް ޕީޕީއެމްގެ އޮފީހުން ވަނި ބުނެފަ އެވެ.
އެ މެމްބަރުން މަގާމުން ވަކިނުކޮށް، ދިގު ދަންމަނީ ސުޕްރީމް ކޯޓުން ހުކުމް ކުރާ ގޮތަކުން މެމްބަރުންގެ ގޮނޑިތައް ގެއްލުވާލުމަށް ކަމަށް ވެސް ބައެއް ބޭފުޅުން ވިދާޅުވެ އެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ