އީޔޫގެ ޤަރާރަކީ ދިން ވަރުގަދަ މެސެޖެއް: ރައީސް މައުމޫނު

ދިވެހި ރާއްޖެއާއި ގުޅޭ ޔޫރަޕިއަން ޕަލިމެންޓްގެ ޤަރާރަކީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރުމަށް ރާއްޖެއަށް ދިން ވަރުގަދަ މެސެޖެއް ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅު ވެއްޖެއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވިޓެއްގައެވެ.EU parliament’s resolution on Maldives is a powerful message calling for respect of human rights democratic values and rule of law.Thank you— Maumoon Abdul Gayoom (@maumoonagayoom) October 6, 2017ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައިވެސް ރައީސް މައުމޫނުވަނީ ގަރާރާއި ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ.
ރައީސް މައުމޫނު ރޭ ވިދާޅުވީ ގަރާރުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށްވެސް ގެއްލުންވާނެ ކަމަށާއި ނަމަވެސް މިފަދަ ގަރާރަކާއި ރާއްޖެއަށް ކުރިމަތިލާން މި ޖެހުނީ ސަރުކާރުގެ އަނިޔާވެރި ކަމުގެ ސަބަބުން ކަމުގައެވެ.
ދިވެހި ރާއްޖެއާއި ގުޅޭ ޔޫރަޕިއަން ޕަލިމެންޓުގެ ޤަރާރު ބަލައި ނުގަންނަ ކަމަށާއި އެއީ ވަކިއަތަކަށް ޖެހިފައިވާ ޤަރާރެއް ކަމަށް ދިވެހި ސަރުކާރުން ރޭ ވަނީ ބުނެފައެވެ.
ސަރުކާރުން މިހެން ބުނީ ޔޫރަޕިއަން ޕާލިމެންޓްގެ ޤަރާރާއި ގުޅިގެން ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައެވެ. ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އީޔޫ ޕާލިމެންޓްގެ ޤަރާރަކީ ހަޤީގަތާ ޚިލާފު ވާހަކަތަކެއް ހިމެނޭ އަދި ވަކި ފަރާތަކަށް ބުރަވެފައިވާ ޤަރާރެއް ކަމުގައެވެ.
މީގެ އިތުރުން ޔޫރަޕިއަން ޕާލިމެންޓްގެ ޤަރާރާއި ރާއްޖެއާއި ގުޅޭގޮތުން ކުރި ބަހުސްގައި ރާއްޖެއާއި ގުޅޭގޮތުން ދައްކާފައިވަނީވެސް އަސްލެއް ވާހަކަ ތަކެއް ކަމަށާއި ކޮށްފައުވަނީވެސް އަސްލެއް ނެތް ތުހުމަތުތަކެއް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
ވިލާތުގެ އިއްތިހާދުގެ ޤަރާރަކީ ރާއްޖޭގެ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމަށް އޮތް ޤަރާރެއްކަމަށް ތުހުމަތުކޮށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވަނީ އިޤްތިޞާދީ އިޖްތިމާޢީ އަދޮ ޑިމޮކްރަސީ އާއި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމުގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކަށް ޤަރާރުގައި ރިޢާއަތް ކޮށްފައި ނުވާކަމުގައެވެ.
ވިލާތުގެ އިއްތިހާދުގެ މަޖިލީހުގައި ތަމްސީލު ކުރާ އޭލިއަންސް އޮފް ލިބަރަލްސް އެންޑް ޑިމޮކްރަޓްސްއިންގެ ގަރާރުގައި ރާއްޖޭގެ ހާލަތު ގޯހުން ގޯހަށްދާ ކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން އިންސާނީ ހައްގުތަކުގެ ހާލަތު ދަށްވަމުންދާ ކަމަށާއި އިދިކޮޅު ސިޔާސީ ފަރާތްތަކަށާއި ނޫސްވެރިންނާއި އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތް ކުރާ ފަރާތްތަކަށް ލިބޭ އިންޒާރުތަކާއި ހަމަލާތައް އިތުރުވަމުންދާކަން ފާހަގަކޮށްފައިވެއެވެ. އަދި ހިޔާޅުފާޅު ކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ.
އޭގެއިތުރުން މަރުގެ ހުކުމް ތަންފީޒު ކުރުމަށް ތައްޔާރުވަމުންދާ ކަމަށާއި، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނު ގެއްލުވާލާފައިވާ ކަމާއި، ޔާމީން ރަޝީދު މަރާލާފައިވާ ކަމާއި، 56 ވަކީލަކު ސަސްޕެންޑު ކުރި މައްސަލަ ވެސް ފާހަގަކޮށްފައިވެއެވެ.
ރިލްވާނާއި ޔާމީން ރަޝީދުގެ މައްސަލަ ތަހުގީގުކޮށް އިންސާފު ހޯދައި ދިނުމަށާއި ނޫސްވެރިންނާއި އިދިކޮޅު ފަރާތްތަކާއި އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދެވޭ އިންޒާރާއި ހަމަލާތައް ހުއްޓުވުމަށް ވެސް ގޮވާލާފައިވެއެވެ.
އިދިކޮޅު ފަރާތްތައް ހައްޔަރުކޮށް ދައުވާ ކުރަމުންދާ ދިއުން ކުށްވެރި ކުރާ ކަމަށާއި ދައުވާ ކުރަމުންދާ ފަރާތްތަކަށް އިންސާފުވެރި ޝަރީއަތެއް ހޯދާ ދިނުމަށް ގޮވާލާފައިވެއެވެ.
ސަރުކާރުގެ ވެރިންނާއި ސަރުކާރަށް ތާއީދު ކުރާ ވިޔަފާރިވެރިންނާއި މެދު ދަތިކުރުމުގެ ފިޔަވަޅު އެޅުމަށާއި އެ މީހުންގެ މުދާތަކާއި ފައިސާ ހިފަހައްޓަން ގޮވާލުމުގެ އިތުރުން ރާއްޖެގެ ހާލަތު ފަތުރުވެރިންނަށް ބުނެ ދިނުމަށް ވެސް އެ ގަރާރުގައި ހުށަހަޅާފައިވެއެވެ.
އޭގެއިތުރުން ރާއްޖޭގެ ހާލަތު ކައިރިން ބެލުމަށް އީޔޫގެ ގުނަވަންތަކަށް އެންގުމަށް ވެސް ހުށަހަޅާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ