އަދީބު ވަގަށް ނެގި ފައިސާތަކަށް ހެދި ގޮތުގެ ތަފްސީލް ހާމަކުރަން ޖެހޭނީ ރައްޔިތުން ކުރިމަތީގައި: ރޮޒައިނާ

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ދަޢުލަތުގެ ޚަޒާނާއިން ވަގަށް ނެގި ފައިސާތަކަށް ހެދި ގޮތުގެ ތަފްސީލް ހާމަ ކުރަން ޖެހޭނީ ރައްޔިތުންގެ ކުރިމަތީގައި ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީ ހަރުގޭގައި އޮތް ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ އަދީބު ދަޢުލަތުގެ ޚަޒާނާއިން ގިނަ އަދަެއްގެ ފައިސާތަކެއް ނަންގަވައިފައިވާ އިރު އެފައިސާތަކަށް އޭނާ ހެއްދެވި ގޮތުގެ ތަފްސީލް އެނގެން ދިވެހި ރައްޔިތުން ބޭނުންވާ ކަމުގައެވެ. އަދި އެފައިސާތައް އަނބުރާ ރައްދުނުކޮށް ހުރިޔަ ދީގެން ނުވާނެ ކަމަށާއި އެއީ ރައްޔިތުންނަށް އަނބުރާ ލިބުން ހައްޤު އެއްޗެއް ކަމަށެވެ. އެއީ ރައްޔިތުންގެ ފައިސާތަކެއް ކަމަށް ވާތީ އެކަމުގެ ޝަރީއަތް ހިންގަން ޖެހޭނީ އަދީބު ޖުމްހޫރީ މައިދާނަށް ގެނެސް ހުރިހާ ރައްޔިތުންގެ ކުރިމަތީގައި ކަމަށް ވެސް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީނާއި ސަރުކާރުން ގެންދަވަނީ ހަރު އަޑުން އެފައިސާތައް ރައްދު ކޮށްދިނުމަށް ގޮވާލަމުންނެވެ. އަދި އެފައިސާތައް ރައްދު ކޮށް ނުދެނީސް ބޭސް ފަރުވާއަށް ޓަކައި ބޭރަށް ނުދެވޭނެ ކަމަށް ވެސް ރައީސް ޔާމީން ވަނީ އަންގައިފައެވެ.
އަދި އެ ފައިސާތައް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އެމަޖިލީހަށް އިންތިހާބު ކުރުމުގައި ޚަރަދު ވެގެން ގޮސްފައި ވާތީ އެމެންބަރުން އިސްތިއުފާ ދޭން ޖެހޭ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. މިއަށް ރައްދު ދެއްވަމުން އިދިކޮޅު ފަރާތްތަކުން ގޮވަމުން ދަނީ ރައީސް ޔާމީން ހޮއްވެވުމަށްޓަކައި ވެސް އެފައިސާތައް ބޭނުންކޮށްފައި ވާތީ އެމަނިކުފާނު ވެސް އިސްތިއުފާ ދޭން ޖެހޭ ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ