ޓިއުޝަންފީ ހިލޭ، ޕޮކެޓްމަނީ ލިބޭ ފަތުރުވެރިކަމުގެ ދާއިރާގެ ކޯހެއް ވިލާ ކޮލެޖުގައި ފަށަނީ

ފަތުރުވެރިކަމުގެ ދާއިރާއަށް ޝައުޤުވެރިވެރިވާ 20 ޒުވާނަކަށް ވިލާ ކޮލެޖުގައި ހިލޭ ކިޔެވޭނެ ސްކޮލަރޝިޕެއް ޔުނިވާސަލް ފައުންޑޭޝަނުން ތަޢާރަފްކޮށް އެފުރުޞަތު ހުޅުވާލައިފިއެވެ.
ވިލާކޮލެޖާއި ގުޅިގެން ހިންގާ ސެޓްފިކެޓް 3 ލެވެލްގެ ހޮސްޕިޓަލިޓި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ގުރޭޑް 7ގެ ފެންވަރު ހުރި ކޮންމެ މީހަކަށްވެސް ވަނީ ހުޅުވާލާފައެވެ. 15 ހަފްތާގެ މުއްދަތަށް ހިންގާ މިޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންގެ ކޯސްފީ ދައްކައި ދިނުމުގެ އިތުރުން ޕޮކެޓްމަނީގެ ގޮތުގައި ކޮންމެ ދަރިވަރަކަށް މަހަކު 3000ރ ގެ އިނާޔަތެއްވެސް ދިނުމަށް ޔުނިވާސަލް ފައުންޑޭޝަނުން ވަނީ ހަމަޖައްސާފައެވެ.
މިޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ވިލާކޮލެޖާއި ޔުނިވާސަލް ފައުންޑޭޝަނުން މިއަދު ވަނީ ފަހުމު ނާމާއެއްގައި ސޮއިކޮށްފައެވެ. މިފަހުމު ނާމާގައި ވިލާކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ރެކްޓަރ ޑރ އަހުމަދު އަންވަރެވެ. ޔުނިވާސަލް ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެފައުންޑޭޝަންގެ ރައީސް އިޔާޒު ވަހީދެވެ.
މިޕްރޮގްރާމާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އިޔާޒު ވިދާޅުވީ، މިޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންގެ ތިޔަރީ ބައިތައް ވިލާކޮލެޖުގައި ކިޔަވައިދޭ އިރު އަމަލީ ބައިތައް ކުރިޔަށް ގެންދާނީ ޔުނިވާސަލްއިން ހިންގާ ރިޒޯޓްތަކުގައި ކަމަށެވެ. އަދި މިޕްރޮގްރާމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ މުވައްޒަފުން ބިނާކުރުމަށް ޔުނިވާސަލް ފައުންޑޭޝަނުން ހިންގާ ޕްރޮގްރާމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.
އިޔާޒު ވިދާޅުވީ، މިޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް އެއްވެސް ބޮންޑެއް ނޯންނާނެ ކަމަށާއި އެކުއްޖަކު ބޭނުންވާ ތަނެއްގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ.
މިރަސްމިއްޔާތުގައި ޑރ އަހުމަދު އަންވަރު ވިދާޅުވީ، މިޕްރޮގްރާމަކީ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ތިނެއްގެ ޕްރޮގްރާމެއް ކަމަށާއި މިޕްރޮގްރާމަކީ ކެރިއަރެއް ބިނާކުރުމަށް ބޭނުންވާ މީހުންނަށް ވަރަށް ރަނގަޅު ފުރުޞަތެއް ކަމަށެވެ.
ވިލާކޮލެޖާއި ޔުނިވާސަލް ފައުންޑޭޝަން ގުޅިގެން ހިންގާ މިޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން 28 ޖޫން 2017 ގެ ނިޔަލަށް ފޯމު ހުށައެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މިގޮތުން ފޯމު ހުށައަޅަންޖެހޭނީ ޔުނިވާސަލް ފައުންޑޭޝަނަށެވެ.
މިޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފޯމް ވިލާ ކޮލެޖުގެ ކިޔުއައި ކެމްޕަސް އިންނާއި ޔުނިވާސަލް ފައުންޑޭޝްގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ