ނަޝީދު ވެރިކަމަށް އައިސްފިއްޔާ ފައްޅި އަޅާނެކަން ޔަގީން - އުމަރު

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދު އަނބުރާ ވެރިކަމަށް އައިސްފިނަމަ މިގައުމުގައި ފައްޅި އަޅާނެ ކަމީ ސައްތަ އިން ސައްތަ ޔަގީން ކަމެއް ކަމަށް ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ.
ދިޓީވީ ހަބަރު ތެރެއިން ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ ރައީސް ނަޝީދު މިގައުމުގައި ފުރަތަމަ ފައްޅި އަޅާނީ ފައްޅީގެ ނަމުގައި ނޫން ކަމަށާއި ފުރަތަމަ އަޅާނީ މަލްޓި ކަލްޗަރަލް ސެންޓަރެއް ކަމަށާއި އެއީ ހުރިހާ ދީންތަކެއްގެ ސަގާފަތަކާއި މީހުންނަށް އެއްކޮށް އުޅެވޭ ތަނެއް ކަމަށެވެ.
އަދި އެތަނުގައި ދުވަސްކޮޅަކު އެންމެންނަށް އަޅުކަން ވެސް ކުރެވޭނެ ކަމަށާއި އެގޮތުން ނަމާދުކުރާ މީހާ ނަމާދުކޮށް އެހެން ކަންތައްތައް ވެސް ކުރެވޭނެ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި އޭގެ ފަހުން އެތަން ފައްޅިއަކަށް ބަދަލުވެގެންދާނެ ކަމަށް ވެސް ނަޝީދަށް ފާޑު ވިދާޅުވެ ވާހަކަދައްކަވަމުން އުމަރު މިރޭ ވިދާޅުވި އެވެ.
"މުހައްމަދު ނަޝީދު މިގައުމުގެ ވެރިކަމަށް އައިސްފިއްޔާ މިގައުމުގައި ފައްޅި އަޅާނެ ކަން އެއީ ސައްތައިން ސައްތަ ޔަގީންކަމެއް، ޔަގީން އެކަން ކުރާނެކަން، ފައްޅި އަޅާނީ ފައްޅީގެ ނަމުގައި އެއް ނޫން، ފުރަތަމަ އަޅާނީ މަލްޓި ކަލްޗަރަލް ސެންޓަރ، ހުރިހާ ދީންތަކެއްގެ ސަގާފަތަކާއި މީހުންނަށް އެއްކޮށް އުޅެވޭ ތަނެއް، އެތަނުގައި ދުވަސްކޮޅަކުން އެންމެންނަށް އަޅުކަން ވެސް ކުރެވޭނެ، ނަމާދު ކުރާ މީހާ ނަމާދުވެސް ކުރެވޭނެ، އެހެންކަން ކަން ވެސް ކުރެވޭނެ،" އުމަރު ވިދާޅުވި އެވެ.
އުމަރު ނަސީރު ވިދާޅުވީ ނަޝީދުގެ ލާދީނީ ފިކުރާއި އޭނާގެ އެޖެންޑާ ނުދަންނަ ސިޔާސީ ލީޑަރެއް ނުހުންނާނެ ކަމަށާއި އެގޮތުން ނަޝީދުގެ ތިން އަހަރު ދުވަހުގެ ވެރިކަމުގައި ކީރިތި ގުރުއާނައި ބެހޭ މަރުކަޒު ބަންދުކުރުމާއި އަރަބިއްޔާ ތަޅާލުމާއި އަރަބި އިސްލާމީ ތައުލީމް ފުނޑު ފުނޑުކޮށްލުމާއި އިޒްރޭލާއި ގުޅުން ބޭއްވި ތަނާއި ކިޔަވައިދޭ ސިލަބަސްއަށް ބަދަލުގެންނަން އުޅުމާއި ފައްޅި އެޅުން މަނާކުރާ ބިލް ތަސްދީގުނުކުރެއްވިތަން ފެނިފައިވާ ކަމަށެވެ.
ރާއްޖެއަށް އެހެން ދީންތައް ގެނައުމަށް މަސައްކަތްކުރާ ގްރޫޕްތަކާއި ޖަމާއަތްތަކުން ނަޝީދުގެ އަތުގައި ހިފާ ނަޝީދަށް ފައިސާ ދެމުންގެންދާ ކަމަށް ވެސް އުމަރު ނަސީރު މިރޭ ތުހުމަތުކުރައްވާފައިވެ އެވެ.
އޭނާ ވިދާޅުވީ ބައިނަލްއަގުވާމީ މުޖުތަމައު އަށް ނަޝީދު ދައްކާ ދެބިރެއް އެބައޮތް ކަމަށާއި ފުރަތަމަ ބިރަކީ ރާއްޖޭގައި ތިބީ ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ތިބީ މީހުން ކަމަށް ބުނުން ކަމަށާއި ދެވަނަ ބިރަކީ ރައީސް މައުމޫނަކީ ހުދުމުހުތާރު ވެރިއެކޭ ބުނެ ރައީސް މައުމޫން އަނބުރާ ވެރިކަމަށް އަޔަނުދިނުމަށް ދައްކާ ބިރު ކަމަށެވެ. އަދި މި ދެކަމަށް ފައިސާ ދިނުމަށް ނަޝީދު ވިދާޅުވަމުން ގެންދަވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"މިދެވާހަކަ އާންމުކޮށް އިންޓަނޭޝަނަލް ކޮމިއުނިޓީއަށް ގޮސް ދައްކާނީ، ދެން މިހާރު އައިސް އަލަށް ދައްކާ ވާހަކައަކީ މިގައުމަށް ބަޣާވާތެއް ގެނައީ އޭ، ތިމަންނަ ބަޣާވާތަކުން ބޭލީ އޭ، ބަޣާވާތް ހުއްޓުވުމަށްޓަކައި ތިމަންނައަށް ލާރި ދޭށޭ، އެއީ މިހާރު ދައްކާ ވާހަކައަކީ." އުމަރު ނަސީރު ވިދާޅުވި އެވެ.
"މުހައްމަދު ނަޝީދު އޭނާގެ ވަރަށް ގާތް މީހެއް ކައިރީ ބުނީ، އެމީހާ އަޅުގަނޑު ކައިރީ ބުނީ، ތިމަންނާއަށް މިގައުމު ލިބުނު ކަމަށްވާނީ މަޖީދީ މަގުން ބިޔަރު ދަޅެއް ހިފައިގެން ހިނގާފައި އެއްވެސް މީހެއްގެ އުނދަގުލެއް ނެތި އެ ބިޔަރު ދަޅު ބޮމުން ބޮމުން އާދެވޭ ހިސާބަށް މިގައުމު ގެނެވުނީމައޭ މިގައުމަށް ޑިމޮކްރަސީއާއި މިނިވަންކަން ލިބުނުކަމަށް ތިމަންނަ ގަބޫލުކުރާނީ، މުހައްމަދު ނަޝީދު މިހެން ވިދާޅުވަނީ އެމަނިކުފާނުގެ ވެރިކަމުގައި މުލިޔާގޭގައި އިންނަވާފަ އެހެން ވިދާޅުވަނީ، އެމަނިކުފާނުގެ ވަރަށް ގާތް ބޭފުޅަކު އަޅުގަނޑު ކައިރީ ބުނަނީ." އޭނާ އިތުރަށް ވިދާޅުވި އެވެ.
އުމަރު ނަސީރު ވިދާޅުވީ ރައީސް ނަޝީދުގެ ބޭނުމަކީ މިގައުމުގެ މަގުތަކުގައި ރާ ބޮއެ، މިގައުމުގައި އެމީހަކު ބޭނުން ދީނަކަށް އުޅެވެ މިގައުމުގައި ނާސިގެތައް ހިންގި، ޔޫރަޕްގައި ހުންނަ ގޮތަށް ފާހިޝް އަމަލުތައް ހިންގޭ ގޮތަށާއި މަސްތުވާއެއްޗި ބޭނުންކުރެވި ބަނގުރާގެ ކާރުހަނާތައް ހުޅުވިފައި އޮންނަ ގައުމަކަށް ހެދުން ކަމަށެވެ.
އުމަރު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ހަތަރު ވަރަކަށް މަސް ތެރޭގައި ދިވެހިރާއްޖެއަށް އެހެން ދީންތައް ގެނައުމަށް ފުރުސަތު ދިނުމަށް ނަޝީދަށް ވެރިކަން ދޭންވީތޯ ނުވަތަ ރާއްޖެ މިހާރު ވެސް މިހިނގާ ގޮތަށް ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި އޮވެގެން ކުރިއަށް ދާންވީތޯ ރައްޔިތުން ނިންމާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ