ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ޕްރައިމަރީގައި ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި އުމަރު ނަސީރު މައާފަށް އެދިވަޑައިގަތުމަށް ޕާޓީގެ ކައުންސިލުން އެންގި އެންގުމަށް އަމަލު ނުކުރެއްވުމާއި ގުޅިގެން އޭނާ އާއި މެދު އަޅާނެ ފިޔަވަޅެއް މިއަދު ނިންމާނެ ކަމަށް އެޕާޓީގެ ސުލޫކު ކޮމިޓީން ބުނެފި އެވެ.
ސުލޫކީ ކޮމިޓީން ބުނީ ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސްކަން ވެސް ކުރެއްވި އުމަރާއި މެދު އަޅާނެ ފިޔަވަޅެއް މިއަދު 4 ޖަހާއިރު ބާއްވާ އެ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާ އެޅި ފިޔަވަޅަކީ ކޮބައިކަން މީޑިއާގައި ހާމަކުރާނެ ކަމަށެވެ. ނަމަވެސް އެކޮމިޓީން އިތުރު އެއްވެސް ތަފްސީލެއް ނުދެ އެވެ.
ސުލޫކު ކޮމިޓީން މީގެކުރިން ބުނެފައިވަނީ މެމްބަރެއްގެ މައްސަލަ އެ ކޮމެޓީ އަށް ހުށަހަޅައިފި ނަމަ ފިޔަވަޅު އެޅޭނެ ތަރުތީބުތަކެއް ހުންނަ ކަމަށާއި އެގޮތުން ނަސޭހަތް ދިނުމާއި އިންޒާރުކުރުމާއި ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިނުކުރުމާއި ވަކި މުއްދަތެއްދީފައި އިސްލާހުވާން ވެސް އެންގުން ހިމެނޭ ކަމަށެވެ.
އަދި މައްސަލާގެ ކުޑަބޮޑުމިނަށް ބަލައި އެންމެ ހަރުކަށި ފިޔަވަޅުގެ ގޮތުގައި އެ މެމްބަރަކު ޕާޓީން ވަކިކުރުމުގެ އިހްތިޔާރު ވެސް އެކޮމިޓީއަށް ލިބިގެންވެ އެވެ.
އުމަރު ނަސީރު މީގެ ކުރިން ވިދާޅުވެފައިވަނީ މައާފަށް އެދެން ޖެހޭ ސަބަބެއް ނެތް ކަމަށާއި ކަމެއް ހިނގައިދިޔަ ގޮތް ހާމަކުރުން އެއީ މައާފަށް އެދެން ޖެހޭ ކަމެއް ނޫން ކަމަށެވެ.
ޕީޕީއެމް ޕްރައިމަރީއަށްފަހު އުމަރު ނަސީރާއި ޕްރައިމަރީގައި ވާދަކުރައްވާ ކާމިޔާބުވެވަޑައިގެންނެވި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ރައީސް މައުމޫނާއިއެކު ޖަލްސާއެއް ބާއްވަން އެއްބަސްވެވަޑައިގެންފައިވަނިކޮށް އުމަރު ނަސީރު އޭގެ ކުރިން ވަކިން ޖަލްސާއެއް ބާއްވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީނަށާއި ޕާޓީގެ ގުނަންތަކަށް ފާޑު ކިޔާފައިވާ މައްސަލަ ވަނީ ހޫނުވެފައެވެ.
އުމަރު މައާފަށް އެދުމަށް މީގެކުރިން ވެސް ޕާޓީގެ ކައުންސިލުން ނިންމި އެވެ. ނަމަވެސް އުމަރަށްދިން ވަގުތު ކުޑަ ކަމަށް ބުނެ މައާފަށް އެދުމަށް އިތުރު ދުވަސްތަކެއް ޕާޓީގެ ކައުންސިލުން ދިނުމަށް ނިންމާފައިވެ އެވެ.
އުމަރު މައާފަށް ނޭދުނު މައްސަލައިގައި މިއަދު ގޮތެއް ނިންމަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ