ހަކަތައިގެ ސިޔާސަތުތަކުގެ މައިގަނޑު އެއް މަގުސަދަކީ ހެޔޮ އަގެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުން ޔަގީންކުރުން: ތާރިގް

ރާއްޖޭގެ ހަކަތައިގެ ސިޔާސަތުތަކުގެ މައިގަނޑު އެއްމަގުސަދަކީ، ހެޔޮ އަގެއްގައި، ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުން ޔަގީންކުރުން ކަމުގައި އެންވަޔަރަންމަންޓް މިނިސްޓަރު ތާރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ހަކަތައިގެ ސިޔާސަތު މުރާޖާ ކުރުމަށް މިއަދު ހެނދުނު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ތާރިގް ވިދާޅުވީ، ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ހަކަތައާއި ގުޅުންހުރި ވައުދުތަކާއި އ.ދ ގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލް 7 ގައި ހިމެނޭ ކަންކަން ހަކަތައިގެ ސިޔާސަތުގައި ހިމެނުމަށްޓަކާ މިހާރު އަމަލުކުރަމުންދާ ހަކަތައިގެ ސިޔާސަތު މުރާޖަޢާ ކުރުމަކީ މިވަގުތު ކުރަންޖެހޭ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެހެންކަމުން ދިވެހި ސަރުކާރުގެ އަމާޒަކީ އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުން ހާސިލުކުރުމަށްޓަކައި ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުން އިތުރުކޮށް، އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ދެމެހެއްޓެނިވި ގޮތެއްގައި ޔަގީންކަމާއެކު ވީހާވެސް ކުޑަ އަގެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ތާރީގް ވިދާޅުވީ މުރާޖާ ކުރެވޭ ގައުމީ ހަކަތައިގެ ސިޔާތުގައި ހިމެނެނީ މުހިއްމު ފަސް ސިޔާސަތަކަށް ކަމަށާއި އެއީ ހަކަތައިގެ ދާއިރާގެ މުއައްސަސާތަކުގެ ހިންގުން ހަރުދަނާކޮށް އިޖްރާއީ އޮނިގަނޑު ވަރުގަދަކުރުމާއި، ހަކަތަހެޔޮގޮތުގައިބޭނުންކުރުމާއި އިއާދަކުރަނިވި ހަކަތައިގެޓެކްނޮލޮޖީ ކުރިއެރުވުމާއި ދެމެހެއްޓެނިވި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމާއި ގައުމުގެ ހަކަތައިގެ ރައްކާތެރިކަން އިތުރު ކުރުމަށެވެ.
"ހަކަތައިން އިގްތިސާދީ މަންފާހޯދުމުގެ ވައުދުގެ ތެރެއިން 2014 ވަނަ އަހަރުން ފެށިގެން ސަރުކާރުން އަންނަނީ ތަފާތު މަޝްރޫއުތައް ކުރިއަށްގެންދަމުން. ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަން ފެށުނުފަހުން، އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ގާއިމުކޮށްފައިވާ މިންވަރު ވަނީ ދެ ގުނައަށް އިތުރުކުރެވިފައި. އަދި އެނާރޖީ އެފިޝަންސީގެ ދާއިރާއިން ވެސް ވަނީ ގިނަ މަސައްކަތްތަކެއް ކުރެވިފައި. ދައުލަތުގެ މުއައްސަސާތަކަށާއި އާއްމުންނަށް އެނާރޖީ އެފިޝަންޓް ލެޑް ލައިޓް ފޯރުކޮށްދެވިފައި. މިއަދުގެ މި މަޝްވަރާ ބައްދަލުވުމުގައި މުރާޖާކުރުމަށް މަސައްކަތް ކުރެވެމުންދާ ސިޔާސަތުގެ ސަބަބުން ހަކަތައިގެ ދާއިރާ ތަރައްގީކުރުމަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން." މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި އެސް.ޓީ.އޯ، ސްޓެލްކޯ، ފެނަކަ އަދި އެމް.ޑަބްލިއު.އެސް.ސީގެ އިތުރަށް ހަކަތައިގެ ދާއިރާގައި މަސައްކަތް ކުރަމުންދާ ބައެއް އަމިއްލަ ކުންފުނިތަކުން ވެސް ބައިވެރިވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ