ކޯޓުގެ ޗުއްޓީގައި ވެސް އުމަރު މައްސަލައިގެ ޝަރީއަތްތައް ކުރިއަށްގެންދަން ނިންމައިފި

ސިވިލް ކޯޓް ޝަރީއަތްތައް މާދަމާއިން ފެށިގެން 10 ދުވަހުގެ މުއްދަތަކަށް މެދުކަނޑާލަން ނިންމި ކަމުގައި ވިޔަސް، ޑީއާރްޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ޕާޓީން ވަކިކޮށްފައިވާ މައްސަލައަކީ ސިޔާސީ ބޮޑު މައްސަލައަކަށްވުމާ އެކު، އެ މުއްދަތުގައި ވެސް އެ މައްސަލައިގެ ޝާރީއަތްތައް ކުރިއަށް ގެންދާނެ ކަމަށް ސިވިލް ކޯޓުން ބުނެފި އެވެ.
ކޯޓުން އެގޮތަށް ނިންމީ އުމަރުގެ މައްސަލާގައި ދައުވާ ލިބޭ ޑީއާރުޕީގެ ވަކީލު ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދު ޝަރީއަތުގައި އެދިވަޑައިގަތުމުންނެވެ.
ސުއޫދު ވިދާޅުވީ އުމަރު ނަސީރު ޑީއާރުޕީން ވަކިކުރި މައްސަލައަކީ ސިޔާސީ ބޮޑު މައްސަލައެއް ކަމަށާއި އެ މައްސަލައިގެ ސަބަބުން އެ ޕާޓީގެ ތެރޭގައި ދެބަސްވުން އުފެދިފައިވާ ކަމަށެވެ. ވުމާ އެކު އެ މައްސަލަ ހަފްތާއެއްގެ ތެރޭގައި ނިންމަވާއިދިނުމަށް ސުއޫދު އެދިވަޑައިގަތެވެ.
ގާޒީ އަލީ ރަޝީދު ވިދާޅުވީ މާދަމާ އިން ފެށިގެން ސިވިލް ކޯޓް ރިސެސްއަކަށްދާނެ ކަމަށާއި ނަމަވެސް އެ މުއްދަތުގެ ތެރޭގައި ވެސް އުމަރު ނަސީރު މައްސަލައިގެ ޝަރީއަތް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށެވެ.
ޑީއާރްޕީގެ މައްޗަށް ކުރާ ދައުވާއަށް ޖަވާބުދާރީވަމުން ސުއޫދު ވިދާޅުވީ އުމަރު ޕާޓީން ވަކިކޮށްފައިވާ ކަމަށް ބުނެ، ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ޑީއާރްޕީގެ އަސާސީ ގަވާއިދުގެ އިޖުރާއަތްތައް ފުރިހަމަނޮކޮށް ކަމަށެވެ. އެގޮތުން އަސާސީ ގަވާއިދުގައިވާ ގޮތަށް މެންބަރަކާ މެދު ފިޔަވަޅުއެޅުމަށްޓަކައި ކޮމެޓީ އަށް ފޮނުވުމަށް ކައުންސިލުން ނިންމައި، އުމަރު ޕާޓީން ވަކިކުރުމަށް ޑިސިޕްލިނަރީ ކޮމެޓީން ނިންމާފައިވާ ނިންމުން އިސްތިއުނާފު ކުރުމަށް ލިބިފައިވާ ފުރުސަތުގެ ބޭނުން އުމަރުކޮށްފައި ނުވާ ކަމަށެވެ. އަދި ޕާޓީން ވަކިކުރި މައްސަލަ ކޯޓަށް ވެއްދޭނީ އިސްތިއުނާފު މަރުހަލާއިން ނިންމާ ގޮތަކުން ކަމަށާއި އެއީ އަސާސީ ގަވާއިދުގައިވާ އިޖުރާއަތްތައް ބުނާ އުސޫލްތައް ކަމަށް ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގައި ހުސްނުއް ސުއޫދު ސިވިލް ކޯޓްގައި އެދިވަޑައިގެންފައި ވަނީ ޑީއާރްޕީގެ އަސާސީ ގަވާއިދަށް އަމަލު ކުރުމަށް އުމަރު ނަސީރަށް އަމަރުކޮށްދިނުމަށާއި އެ މައްސަލައަކީ ކޯޓުން ނުބެލޭނެ މައްސަލައެއް ކަމަށް ކަނޑައަޅާދިނުމަށެވެ.
ސުއޫދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދުދެއްވަމުން އުމަރުގެ ވަކީލު މުހައްމަދު އިބްރާހިމް ވިދާޅުވީ ދައުވާ ރައްދުވާ ފަރާތުން ޖަވާބު ދީފައި ވަނީ ދައުވާގެ އެއް ބަޔަށް ކަމަށެވެ. ދައުވާގައި ބުނަނީ އުމަރުގެ ޕާޓީން ވަކިކޮށްފައި ވަނީ އަސާސީ ގަވާއިދުގެ 83 ވަނަ މާއްދާ އާއި 84 ވަނަ މާއްދާ އާއި 110 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ. އެ ގޮތުން ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމު ހިމެނޭ ގޮތަށް ފަސް މަގާމަކުން މީހުން ވަކިކުރާ ނަމަ އަމަލު ކުރަން ޖެހޭ ވަކި ގޮތެއް އަސާސީ ގަވާއިދުގައި ބުނެފައިވާ އިރު އުމަރު ވަކިކޮށްފައި ވަނީ އެއާ ހިލާފަށް ކަމަށެވެ. ނަމަވެސް ސޫދު ދައުވާއަށް ޖަވާބުދާރީ ވަމުން ވާހަކަފުޅު ދައްކަވާފައި ވަނީ އުމަރަކީ ހަމައެކަނި ޑީއާރްޕީގެ މެންބަރެއްގެ ގޮތުގައި ކަމަށާއި އޭނާ އެ ޕާޓީގައި ފުރުއްވަމުން ގެންދެވި މަގާމުތަކަށް ރިޔާއަތްކޮށްފައި ނުވާ ކަމަށް އުމަރުގެ ވަކީލު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ